ރައީސް ޔާމީންގެެ މައްޗަށް އުފުލާފައިވަނީ އަސްލެއްނެތް ސިޔާސީ ދައުވާއެއް: އިދިކޮޅު

ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އަސްލެއް ނެތް ސިޔާސީ ދައުވާއެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ އިތުރު ދެ ދައުވާ އަކީ އެއްވެސް އަސްލެެއް ހަގީގަތެއް ނެތް ދެ ދައުވާ ކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލައާ ގުޅުވައިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލައިފައެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނީ ކުއްލި ގޮތަކަށް ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމުގެ ބޭނުމަކީ ގައުމުގެ އިގްތިސޯދު ހަލާކުވެ، އިޖުތިމާއީ ފޭރާން ވީދިފައިވާ މި ދަނޑިވަޅުގައި، ސަރުކާރު ފެއިލްވަމުން ދާތީ، އެކަމުން އަރައިގަތުމަށް ސަރުކާރު ނުކުޅެދިފައިވާތީ ރައްޔިތުންގެ ފޯކަސް އަނބުރާލުން ކަމަށެވެ.

ރައްޔިތުންނަށް ޖަވާބުދާރީވުމަށް ސަރުކާރު ނުކުޅެދިފައިވުމަކީ ވެސް އެ ދައުވާތައް އުފުލުމުގެ ބޭނުމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކީ އޭގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އެކުލެވިގެންވާ ހުކުމެއް ކަމަށާއި، އެމަނިކުފާނު ޖަލުގައި ހައްޔަރުކުރެވިފައިވަނީ ނުހައްގުން ކަމަށް އިދިކޮޅުން ބުނާ ބުނުން އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އާއި އަދި އެހެނިހެން ކަންބޮޑުވުންތައް ހިއްސާކުރުމަށް ހައިކޯޓުގެެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ބައްދަލުކުރަން އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ.

އެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

comment ކޮމެންޓް