ފޯނު ބޭނުން ނުކުރާ މީހުންނަށް ސިންގަޕޫރުން ކޮރޯނާވައިރަސް ޓްރޭސިން ޑިވައިސްތައް ދެނީ

ސިންގަޕޫރުން ވަނީ ކޮރޯނާވައިރަސް ޓްރެކިން ޑިވައިސްތައް ބަހަން ފަށާފަ -- ފޮޓޯ: ސިލްވާޖެނެރޭޝަންއޮފިސް

ސިންގަޕޫރު (ޖޫން 29): ސިންގަޕޫރުގައި މޮބައިލް ފޯން ބޭނުން ނުކުރާ މީހުންނަށް ކޮރޯނާވައިރަސް ޓްރޭސިން ޑިވައިސްތައް ދޭން އެގައުމުން ފަށައިފި އެވެ.

ސިންގަޕޫރުގެ 'ޓްރޭސްޓުގެދާ' ޑިވައިސްތަކަކީ ޓްރޭސް ކުރަން ބޭނުން ކުރާ ފޯނު އެޕް ޑައުންލޯޑް ނުކުރެވޭ މީހުންނަށްދޭ އާލާތްތަކެކެވެ. އަދި އެންމެ ފުރަތަމަ އެ ޑިވައިސްތައް ދެނީ އާއިލާގެ އެހީ ނުލިބޭ ނުވަތަ ހެލިފެލިވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ އުމުރުން ދުވަސްވީ މީހުންނަށެވެ.

އެ ޑިވައިސް މަސައްކަތް ކުރަނީ އެފަދަ އެހެން ޑިވައިސްތަކާއި ޓްރޭސްޓުގެދާ އެޕް ޖައްސާފައިވާ ފޯނުތަކާ އެކު ބްލޫޓޫތު ސިގްނަލްތައް ފޮނުވައިގެންނެވެ. އަދި އެ ޑިވައިސް ބޭނުން ކުރާ މީހަކު، ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހަކާ ގާތްވިކަން އެނގިއްޖެ ނަމަ އޭނާއަށް އެކަން ކޮންޓެކްޓް ޓްރޭސިން އޮފިސަރަކު އަންގާނެ އެވެ. އެއަށް ފަހު ޑިވައިސް ބޭނުން ކުރާ މީހާވެސް ވައިރަހަށް ޕޮޒިޓިވްވެއްޖެ ނަމަ އޭނާގެ ޑިވައިސްއިން މައުލޫމާތު ޑައުންލޯޑު ކުރާނީ އެވެ.

އެ ހުރިހާ ޑިވައިސްތަކަށްވެސް ހާއްސަ ކިއުއާރު ކޯޑެއް ދީފައިވެ އެވެ. އަދި ކޮންމެ ޑިވައިސެއްގެ ބެޓެރި ނުވަ މަސް ދުވަހަށް ހުންނާނެ ކަމަށާއި އެހެންކަމުން އޭތި ޗާޖް ކުރަން ނުޖެހޭނެ ކަމަށް ސިންގަޕޫރުން ބުންޏެވެ.

އެ ޑިވައިސް ބަހަން ފެށުމުން ބައެއް މީހުން ވަނީ އޭގެ ސަބަބުން މީހުންގެ ޕްރައިވެސީއަށް ކުރާނެ އަސަރާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ސިންގަޕޫރުގެ ސަރުކާރުން ވަނީ އެ ޑިވައިސްގައި މައުލޫމާތު ހުންނާނީ އެންކްރިޕްޓްކޮށްފައި ކަމަށާއި ހުރިހާ މައުލޫމާތެއްވެސް ހުންނާނީ ގިނަވެގެން 25 ދުވަހަށް ކަމަށް ބުނެފަ އެވެ. އަދި އޭގައި ފޯން ނުވަތަ އިންޓަނެޓު ކަނެކްޝަނެއް ނެތުމުން އޭގެއިން އެހެން މީހަކަށް މައުލޫމާތު ނުނެގޭނެ ކަމަށްވެސް އެގައުމުން ބުންޏެވެ.

ކޮރޯނާވައިރަހުގެ ކޮންޓެކްޓް ޓްރޭސިންއަށް ފޯނު އެޕެއް ބޭނުން ކުރަން ފެށި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނެ އެވެ. އެގައުމުން މިދިޔަ މާޗް މަހު އެ އެޕް ނެރުނު ފަހުން މިހާތަނަށް 2.1 މިލިއަން މީހުން އެޕް ޑައުންލޯޑުކޮށްފައިވާ ކަމަށް ސިންގަޕޫރުގެ ސަރުކާރުން ބުންޏެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެގައުމުން އާއްމު ކުރި ތަފާސްހިސާބުގައިވާ ގޮތުން އެގައުމުގެ އާބާދީ 5.7 މިލިއަނަށް އަރަ އެވެ.

ސިންގަޕޫރުގައި މިހާތަނަށް 43،661 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 37,508 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުން 26 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް