ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ކުމުންދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ކުމުންދޫގެ ބައެއް މަގުބަތިތައް ސޯލާ މަގުބައްތިއަށް ވަނީ ބަދަލުކޮށްފައި-- ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު'ގެ ދަށުން ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފި އެެވެ.

ބީއެމްއެލްއިން ބުނީ ކުމުންދޫގައި އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން ކުމުންދޫގެ ކަރަންޓް ގްރިޑަށް ލޯޑް ކުޑަވެ، ކަރަންޓަށް ކުރާ ހޭދައަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"ކައުންސިލުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާ ގޮތުގައި ކަރަންޓް ލޯޑް ކުޑަކުރުމަށް ވަރަށް ގިނައިން މަގުބައްތިތައް ނިއްވާލަންޖެހި އެކަމުގެ ދަތި އުނދަގޫތަކާ ރައްޔިތުން ތަހައްމަލްކުރަން ޖެހޭ. އުއްމީދަކީ މި ޕްރޮޖެކްޓާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދިޔުން." ސައީދު ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ކުމުންދޫގެ ބައެއް މަގުބަތިތައް ސޯލާ މަގުބައްތިއަށް ވަނީ ބަދަލުކޮށްފައި-- ފޮޓޯ/ބީއެމްއެލް

މި ޕްރޮޖެކްޓު ކާމިޔާބުކުރި އަމީން މުހައްމަދު ވިދާޅުވީ މި ޕްރޮޖެކްޓާއެކު މިހާރު ކުމުންދޫގެ އާންމު ތަންތަނަށް ކަރަންޓުދިނުމަށް ހޭދަކުރާ މިންވަރުން 20 ޕަސެންޓު ކުޑަ ކުރެވޭނެ ކަމަށެވެ.

"މި ޕްރޮޖެކްޓްގެ ސަބަބުން ބައެއް ފަހަރު އިންޖީނުގެއަށް ލޯޑު ކުޑަކުރުމަށް ކަރަންޓް ކަނޑާލެވޭ ވަގުތުތަކުގައި ވެސް މިރަށުގެ މަގުތަކަކީ އެންމެނަށް އަމާން ތަނަކަށް ވެގެންދާނެ... މިހާ ފުރިހަމަ ކަމާއެކު މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށާއި މި ރަށުގެ ރައްޔިތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް އަޅުގަނޑު ޝުކުރު ދަންނަވަން." އަމީން ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ބަހާލާނީ ތިން ފިޔަވައްސަކަށެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާނެ އެވެ.

މިގޮތަށް ހޮވާލެވޭ ޕްރޮޕޯސަލްތަކުގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ބީއެމްއެލްއިން ދޭނެ އެވެ.

comment ކޮމެންޓް