ޕާކިސްތާން ސްޓޮކް އެކްސްޗޭންޖަށް ދިން ހަމަލާއެއްގައި 5 މީހަކު މަރާލައިފި

ޕާކިސްތާން ސްޓޮކް އެކްސްޗޭންޖް އިމާރާތުގެ މައި ގޭޓު ކައިރީގައި ސަލާމަތީ ފައުޖުތަކުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އޭއެފްޕީ

ކަރާޗީ (ޖޫން 29): ޕާކިސްތާންގެ ކަރާޗީގައި ހުންނަ އެގައުމުގެ ސްޓޮކް އެކްސްޗޭންޖް (ޕީއެސްއެކްސް) އިމާރާތަށް އަމާޒުކޮށް، ބަޑި އާއި ބޮން ހިފައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި ފަސް މީހަކު މަރާލައިފި އެވެ.

ޕާކިސްތާނުގެ ޖިއޯ ނޫހުގައިވާ ގޮތުން މިއަދު ހެނދުނު ހަތިޔާރު ހިފައިގެން ތިބި ހަތަރު މީހަކު ޕީއެސްއެކްސްއަށް ވަންނަން އުޅުނީ އެ އިމާރާތުގައި ކާރު ޕާކު ކުރަން ހަދާފައިވާ ސަރަހައްދުންނެވެ. އަދި އެ މީހުންގެ އަތުގައި ބަޑި އާއި ގްރެނޭޑު ހުރި ކަމަށާއި، އެ މީހުން ކާރަކުން ފޭބުމަށް ފަހު ވަކި މީހަކަށް ބެލުމެއް ނެތި ބަޑި ޖަހަން ފެށި ކަމަށް ޖިއޯ ނޫހުގައިވެ އެވެ.

ނަމަވެސް ސަލާމަތީ ފައުޖުތަކުން އެމީހުންނާ ހަމަލާ ބަދަލު ކުރަން ފެށި ކަމަށާއި އޭގެ ސަބަބުން ހަމަލާގައި ބައިވެރިވި ހަތަރު މީހުންވެސް އިމާރާތަށް ނުވަދެވެނީސް މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެ ހާދިސާގައި ފުލުހަކާއި ހަތަރު ސެކިއުރިޓީ ގާޑުންވެސް މަރުވި ކަމަށް ޖިއޯ ނޫހުގައިވެ އެވެ.

ކަރާޗީގެ އެމްބިއުލާންސް ހިދުމަތުގައި އިސްކޮށް ހުންނަވާ ފައިސަލް އެދީ ވިދާޅުވި ގޮތުގައި އެ ހާދިސާގައި އަނިޔާވި ހަތް މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ވަނީ އެ ހާދިސާ ތަހުގީގުކޮށް، ސްޓޮކް އެކްސްޗޭންޖް އިމާރާތުން މީހުން ހުސް ކުރުމާއި ބަލާ ފާސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް