ސީއެސްސީއިން އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޮމިޓީއިން ނިންމައިފި

ސީއެސްސީގެ މެމްބަރު ފާތިމަތު އާމިރާ ---

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.

އާމިރާގެ އިތުބާރު ނެތް ކަމަށް ނިންމަން ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ޝަފީގު އެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ އާމިރާ މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ. އެމައްސަލާގައި އާމިރާއަށް ޖަވާބުދާރީވާން ފަސް ދުވަސް ދިނެވެ.

ކޮމިޓީގެ ރިޔާސަތު މިއަދު ބެލެހެއްޓެވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ. މީކާއީލް ވިދާޅުވީ މައްސަލައަށް ޖަވާބުދާރީވެ ކޮމިޓީއަށް އާމިރާ ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީގައި އޮތް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ.

ކޮމިޓީގައި ބައިވެރިވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފަ އެވެ.

އާމިރާގެ އިތުރުން ސީއެސްސީގެ ރައީސް، ނައިބު ރައީސް އަދި ދެން ތިބި ދެ މެމްބަރުންގެ މައްސަލަވެސް ކޮމިޓީއިން ބެލި އެވެ. ކޮމިޓީއިން މިއަދު ނިންމާފައިވަނީ އެ ހަތަރު މެމްބަރުން މަގާމުން ވަކިކުރާށެވެ. އެގޮތަށް ނިންމީ ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ ވޯޓާ އެކު އެވެ.

comment ކޮމެންޓް