ކުޑަ ވަތުކޮޅެއްގެ ތެރޭގައި ފުލުހުންގެ ނިންމުން ބަދަލުވި ގޮތް ބަލަންޖެހޭ: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް -- ފޮޓޯ/ މަޖިލިސް

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުން ކުށުގެ ވެށިން ހައްޔަރުކުރަން ނިންމި ނިންމުން، ފުލުސް އޮފީހާ ހަމައިން ބަދަލުވި ގޮތް ބަލަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކުރުމަށްފަހު، ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި އެމީހުން ވަނީ ހަމަ އެ ދުވަހު ބަންދުން ދޫކޮށްލައިފަ އެވެ.

އެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ގާތް ފަރާތަކަށް ވާތީ ކަމަށާއި މަައްސަލައަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، މައްސަލައަށް ބަހުސްކުރައްވަމުން މެމްބަރު މީކާއީލް ވިދާޅުވީ މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވަނީ މި ބާވަތުގެ އެހެން މައްސަލަތަކުގައި އަމަލުކުރާ ގޮތާ ހިލާފަށް ކަމަށެވެ.

އަދި މައްސަލައިގައި ފުލުހުން ބަޔާނެއް ނެރުނީ، ކަން ހިނގިތާ ދެ ދުވަސް ފަހުން ކަމަށާއި، ބަޔާނެއް ވެސް ނެރުނީ ރައްޔިތުން އެކަމުގައި ނުރުހުން ފާޅުކުރަން ފެށުމުން، ޕްރެޝަރަށް ވެއްޓިގެން ކަމަށެވެ.

"މިބާވަތުގެ މައްސަލަތަކުގައި އާންމު އުސޫލުން ފުލުހުން ކަންކުރާ އުސޫލުން ބަލާލާނަމަ ކަން ހިނގާތާ ގަޑިއެއްހާ އިރު ތެރޭގައި ފެންނާނެ ފުލުހުންގެ ޓުވީޓެއް މިވެނި ބަޔަކު ހައްޔަރު ކުރެވިއްޖޭ، މިވެނި ކުށުގެ ވެއްޓަކުންނޭ ހައްޔަރުުކުރެވުނީ މިވެނި އުމުރެއްގެ މިވެނި މީހެކޭ މީ. ދެން ފުލުހުން އިތުރަށް މި މައްސަލަ ދަނީ ތަހުގީގު ކުރެވެނުންނޭ، އެހެން ނަމަވެސް މި މައްސަލައިގައި ކަން ހިނގާފައި އޮތީ ތަފާތުކޮށް،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ މައްސަލައިގައި ދެ ދުވަަސް ފަހުން ފުލުހުން ބަޔާން ނެރުނު އިރު، ތުހުމަތު ކުރެވުނު މީހުން ހައްޔަރުކުރީ ކުށުފެ ވެށިން ކަމަށާއި، އެ ދެމީހުންގެ ފަރާތުން ޖިންސީ ގޯނާ ލިބުނުކަން އަނިޔާ ލިބުނު އަންހެން މީހާ ބުނެފައިވާކަން ބަޔާނުގައި ބުނެފައިވާ ކަމަށެވެ.

އަދި އޭނާ ސަލާމާތްވާން މޫދަށް ފުންމާލިކަން ވެސް ބަޔާނުގައި ފާހަގަވާން އޮތް އިރު، އަންހެން މީހާއަށް ގޯނާކުރި ކަމަށް އޭނަ ބުނާ ދެމީހުން ހައްޔަރުކުރެވުނީ ކުށުގެ ވެށިން ކަމާއި، އަނިޔާ ލިބުނު މީހާ ތެމި ފޯވެފައި ހުރި ހާލު، މަދަދަށް އެދެމުން ދަނިކޮށްކަން ބަޔާނުން ސާފުކޮށް އެނގޭ ކަމަށެވެ.

މީކާއިލް ވިދާޅުވީ ކުށުގެ ވެށިން އެ ދެމީހުން ހައްޔަރުކުރަން ފުލުހުން ފުރަތަމަ ނިންމީ ވެސް އަންހެން މީހާގެ ވާހަކައާއި ދެއްކި ހެއްކެއްގެ މައްޗަށް ބިނާކޮށް ކަމަށް ވާއިިރު، ފުލުސް އޮފީހަށް ދިއުމަށްފަހު އެ ދެމީހުން ދޫކޮށްލަން ފުލުހުންނަށް ފެނުނު ސަބަބު ސާފުވެވަޑައިނުގަންނަވާ ކަމަށެވެ.

"މި ދެމެދުގައި ވީ ކީއްތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ. މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ފުލުހުންގެ ވިސްނުމަށް ފުލުހުން އޭނާ ހައްޔަރުކުރަން ނިންމި ނިންމުން އެފުށުން މިފުށަށް މި ޖެހުނީ ކޮން ގޮތަކުންކަން އަޅުގަނޑުމެން ބަލަން އެބަ ޖެހޭ. އެއީ މި ކޭސްގެ އެންމެ މުހިންމު އެއް ކަމަކީ،" މެމްބަރު ވިދާޅުވި އެވެ.

މީކާއިލް ވެސް ވަނީ ފުލުހުންގެ ނިންމުން ބަދަލުވުމުގައި، ބޭރުން ކޮންމެސް ނުފޫޒެއް ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި މި ކޭސް ތަހުގީގު ކުރުމުގައި ހުރިހާ ނުފޫޒަކުން އެއްކިބާވާން ޖެހޭއިރު، ކޭސް ފެށިގެން އައިއިރު ވެސް އެ ނުފޫޒު އޮތްކަން ފާހަގަވާ ކަމަށެވެ.

އަދި ފުލުހުންގެ ނިންމުން ބަދަލުވީ ކޮން ފޯނު ކޯލެއް އައިސްގެންތޯ އާއި އަދި ފުލުހުންނަށް ނުފޫޒު ފޯރުވަން ގުޅީ ކާކުތޯ ވެސް މީކާއީލް ސުވާލުއުފެއްދެވި އެވެ.

މީކާއީލް ވިދާޅުވީ ރާއްޖޭގައި ފުލުހުންގެ މުއައްސަސާއެއް ގާއިމުކޮށް، ގާނޫނުއަސާސީން އެ މުއައްސަސާއަސް ބާރުތަކެއް ދީފައި ވަނީ ހުރިހާ ނުފޫޒަކުން އެއްކިބާވެ ތިބެ، ހުރިހާ އެންމެނަށް ހަމަހަމަ އުސޫލުން އިންސާފު ހޯދައިދިނުމަށް ކަމަށެވެ.

"އެކަމަކު މި ކޭސްގަ އެންމެ ބޮޑަށް ފާަހަގަވާ ކަމަކީ ސިޔާސީ ކޮންމެސް ނުފޫޒެއް ވިޔަސް، ފުލުހުންގެ މުއައްސަސާއަށް ބޭރުން ކޮންމެސް ނުފޫޒެއް ވަދެގެން ނޫނީ ފުލުހުން މިގޮތަށް އަމަލުކޮށްފައި ނުވާނެކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކަމާއެކު މިއަދު ބުނަން އެބަ އިނގޭ،" މެމްބަރު ވިދާޅުވި އެވެ.

ޖިންސީ ކުށް، ނުވަތަ ޖިންސީ ގޯނާގެ މައްސަލަތަކަކީ ޓައިމް ސެންސިޓިވް ކޭސްތަކެއް ކަން ވެސް މެމްބަރު ފާހަގަކުރެއްވިއެވެ. މީކާއީލް ވިދާޅުވީ މިފަދަ ކޭސް އެއްގައި އެންމެ ގަޑިއިރަކީ ވެސް ހެކި ނައްތާލަން ދެވޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

އަންހެން މީހާއާ ހަވާލާދީ ބައެއް ނޫސްތަކުން ކަން ހިނގި ގޮތް ކިޔައިދީފައިވާއިރު، އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް މީޑިއާއަކަށް އަންހެން މީހާ ދީފައިނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީކާއިލް ވިދާޅުވީ މިހާރު އެ އަންހެން މީހާއަށް ބިރު ދައްކާފައި ނުވާކަމަށް ވެސް ބުނަން ނޭނގޭ ކަމަށާއި އެހެންކަމުން ފުލުހުންގެ އެ ވާހަކަ ގަބޫލުކުރަން ދަތި ކަމަށެވެ. އަދި އިއްޔެއާ ހަމައަށް ވެސް އަނިޔާ ލިބުނު އަންހެން މީހާއަށް ވަކީލެއް ހަމަޖެހިފައި ނުވާކަމުގެ ކަށަވަރު މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށެވެ.

މައްސަލައާ ގުޅޭގޮތުން ރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މައުލޫމާތުތަކުގެ މައްޗަށް ބަލާއިިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށެވެ.

މިކަމުގައި ސަރުކާރުގެ ބޮޑުންގެ މައްޗަށް ތުހުމަތު ކުރެވޭ އިރު، އެކަން ހާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.

މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

comment ކޮމެންޓް