ބޮއިންގް 737 މެކްސް ބޯޓުތައް ޓެސްޓު ކުރަން ފަށަނީ

ބޯއިން 737 މެކްސް ފްލައިޓުތައް ވަނީ ގްރައުންޑުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖޫން 29): ބޯއިންގް 737 މެކްސް މަރުކާގެ ބޯޓުތައް ބޭނުން ކުރުން ރައްކާތެރިތޯ ބަލަން ޓެސްޓު ކުރުމުގެ ހުއްދަ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން ދީފި އެވެ.

އެފްއޭއޭގެ ތަރުޖަމާނަކާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން އެ ޓެސްޓު ފްލައިޓުތައް އިއްޔެއިން ފެށިގެން ކުރިއަށްގެންދަން ވަނީ ހުއްދަ ދީފަ އެވެ. އަދި އެ މަސައްކަތުގައި އެފްއޭއޭގެ ޕައިލެޓުންނާއި ފަންނީ މާހިރުންނާއި ބޮއިންގްގެ އޮފިޝަލުން ބައިވެރިވާނެ އެވެ.

ބޯއިންގް 737 މެކްސް މަރުކާގެ ދެ ބޯޓެއް މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެއްޓި، ދެ ބޯޓުގައި ތިބި އެންމެން މަރުވުމާ ގުޅިގެން އެ މަރުކާގެ ބޯޓުތައް ވަނީ މިދިޔަ އަހަރުގެ މާޗް މަހު ގްރައުންޑު ކޮށްފަ އެވެ. އެ މައްސަލަ ބެލި އިންވެސްޓިގޭޓަރުން ވިދާޅުވި ގޮތުގައި ބޯޓުގެ ފްލައިޓް ކޮންޓްރޯލް ސިސްޓަމުގައި މައްސަލަތަކެއް ހުއްޓެވެ. އެހެންކަމުން ބޮއިންގް ކުންފުނިން ވަނީ އެ ސިސްޓަމް ރަނގަޅު ކުރުމަށް މަސައްކަތްތައް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ބޯއިންގް 737 މަރުކާގެ ބޯޓުތަކުގެ މައްސަލައިގައި އެ ކުންފުންޏަށް ވަނީ މިހާތަނަށް 18.7 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފަ އެވެ. އަދި މިދިޔަ ޖެނުއަރީ މަހު އެ މަރުކާގެ ބޯޓުތައް އުފެއްދުން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް މިދިޔަ މެއި މަހު އެ ކުންފުނިން ވަނީ އަލުން ބޯޓު އުފައްދަން ފަށާފަ އެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ގިނަ އެއާލައިންތަކުން އާ ބޯޓުތައް ގަތުން ފަސްކޮށްފައި ވާތީ ބޯއިންގްއަށް ވަނީ 737 މެކްސް އުފައްދާ މިންވަރު މަދު ކުރަން ޖެހިފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެ ޓެސްޓު ފްލައިޓުތަކުގެ ނަތީޖާ ލިބެން ހަފްތާތަކެއް ނަގާފާނެ އެވެ. އަދި ޓެސްޓު ފްލައިޓުތައް ކާމިޔާބުވި ނަމަވެސް، އެ ބޯޓު އުދުއްސަން ޕައިލެޓުން ތަމްރީނުކޮށް، ޔޫރަޕާއި ކެނެޑާގެ ރެގިއުލޭޓަރުންގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.

ދެހާސްސަތާރަ ވަނަ އަހަރު ބޭނުން ކުރަން ފެށި ބޯއިން 737 މެކްސް މަރުކާގެ ބޯޓުތަކުގެ ތެރެއިން އޮކްޓޯބަރު 2018އިގައި ވެއްޓުނީ އިންޑޮނޭޝިއާގެ ލަޔަން އެޔާގެ ބޯޓެކެވެ. އެބޯޓުގައި 189 މީހަކު ތިއްބެވެ. އަދި އޭގެ ފަސް މަސް ފަހުން ވެއްޓުނު އެ މަރުކާގެ ބޯޓަކީ އިތިއޯޕިއަން އެއާލައިންސްގެ، 157 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ބޯޓެކެވެ.

comment ކޮމެންޓް