ޖިންސީ ގޯނާކުރާއިިރު މާގިނަ ހެއްކެއް ނުހުންނާނެ، ހެކި ނެތޭ ކިޔާފަ ދޫނުކުރެވޭނެ: އީވާ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

އަންހެނުންނާ ކުޑަކުދިންނަށް ޖިންސީގޯނާ ކުރިކަން ސާބިތުކޮށްދޭނެ މާގިނަ ހެކިތަކެއް ނުހުންނާނެ ކަމަށާއި، އެހެންކަމުން އެކަށީގެންވާ ވަރަށް ހެކި ނެތޭ ކިޔައި އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން ދޫކުރެވިގެން ނުވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މަައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން، އެކަމުގައި ރައްޔިތުންްގެ ހުރި ކަންބޮޑުވުންްތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އީވާ ވިދާޅުވީ، އެ މައްސަލައިގައި މައިގަނޑު ދެ ކަންބޮޑުވުމެއް ފާހަގަވާ ކަމަށެވެ. ފުރަތަމަ ކަންބޮޑުވުމެއްގެ ގޮތުގައި އީވާ ފާހަގަކުރެއްވީ އަންހެނުންނަށް ރައްކާތެރިކަން ނެތުމާ އަދި އަދުލު އިންްސާފުގެ ނިޒާމުން އަންހެނުންނަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްނުދެވުން ކަމަށެވެ.

ދެވަނަ ކަންބޮޑުވުމެއްގެ ގޮތުގައި އީވާ ފާހަގަކުރެއްވީ ނުފޫޒުގަދަ މީހުންނަށް އިންސާފުގެ ކުރިމައްޗަށް ނާރާ ރެކިގަނެވޭ މައްސަލަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން ހައްޔަރުކުރި 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުން ވަނީ ދޫކޮށްލައިފަ އެވެ.

އެ މީހުން ދޫކޮށްލީ މަޖިލީހުގެ މެންބަރެއްގެ ގާތް ފަރާތަކަށް ވާތީ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި ހައްޔަރު ކުރި އެކަކަކީ، މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުން ކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެ ދެމީހުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މައުލޫމާތުތަކުގެ މައްޗަށް ބަލާއިިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މެމްބަރު އީވާ ވިދާޅުވީ ޖިންސީ ފުރައްސާރަކުރުމާ ދެކޮޅަށް އޮތް ގާނޫތަކާއި ޖިންސީ އަނިޔާތަކާ ބެހޭ ގާނޫނުތަކުގައި އަނިޔާ ލިބޭ ފަރާތުގެ ބަސް ހެކިބަހުގެ ގޮތުގައި ބޭނުންކުރަނީ ޖިންސީ ކުށްތަކާއި ރޭޕްގެ ކުށްތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި އަންހެނުންނަށް އަނިޔާކުރުމުގެ މައްސަލަތަކުގައި މާގިނަ ހެކިންތަކެއް ނުތިބޭނެތީ ކަމަށެވެ.

"އެހެންވީމަ ހެކިބަސް ނެތީއޭ ކިޔާފައި މި އަނިޔާވެރިން ސަލާމަތް ވުމަކީ، މިކަހަލަ ކުށްތަކުގެ އަނިޔާވެރިންް ސަލާމަތްކުރުމަކީ އެއީކީ ގާނޫނު އެކަން ސިފަކޮށްފައި އޮތް ގޮތެއް ނޫން. އަނިޔާ ލިބޭ ފަރާތުން ތިމަންނާއަށް އަނިޔާކޮށްފިއޭ، ތިމަންނާއަށް ޖިންސީ އަނިޔާކޮށްފިއޭ ބުނީމަ އެއީ ހެކީގެ ގޮތުގައި ބެލޭ ގޮތަށް ގާނޫނުތައް އޮންނާނީ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކިތަންމެ ވަރަކަށް ގާނޫނުތައް ލިޔުނު ނަމަވެސް، އަދިވެސް ރާއްޖޭގައި އަންހެނުންނަށް އިންސާފާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކޮށްދެވިފައި ނުވާ ކަމަށެވެ.

"އޭގެ މާނައަކީ ފުލުސް އޮފީހުން ވެސް އަންހެނަކު ތިމަންނާ އަށް ޖިންސީ ގޯނާއެއް ކޮށްފިއޭ ބުނީމަކާ ފުލުހުންނަކަށް ނުބުނެވޭނެ ވާވަރަށް ހެއްކެއް ނެތޭ. ޖިންސީ ގޯނާކުރާއިރު ގިނަފަހަރަށް ހެއްކެއް ނުހުންނާނެ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ޖިންސީ ގޯނާލިބުނު ކަމަށް އަންހެނަކު ބުނެފި ނަމަ، ފުލުހުން ވިޔަސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިޔަސް، އަދި ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހުން ވެސް އަދި މުޖުތަމައުން ވެސް އަނިޔާ ލިބުނު މީހާގެ ވާހަކަ ގަބޫލުކުރަން ވާނެ ކަމަށެވެ. އަދި މައްސަލަ ބަލަން ފަށަން ވެސް ޖެހޭނީ އަނިޔާ ލިބުނު މީހާގެ ވާހަކަ ގަބޫލުކޮށްގެން ކަމަށާއި، މައްސަލަ ނިމި އިންސާފު ލިބި ހަގީގަތް ހާމަވަންދެން އޭނާގެ ވާހަކަ ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

"ވިކްޓިމްގެ ވާހަކަ ގަބޫލުކޮށްގެން މައްސަލަ ބަލަން ފަށަން ޖެހޭނީ ވެސް. ފުލުސް އޮފީހުން ކަމުގައި ވިޔަސް، ޕީޖީ އޮފީހުން ވިޔަސް، ކޯޓުތަކުން ވިޔަސް ރައްޔިތުންގެ މަޖިލީހުން ވިޔަސް ވިކްޓިމްްގެ ވާހަކަ، އަނިޔާގެ ޝިކާރައަކަށްވީ އަންހެން މީހާގެ ވާހަކަ ގަބޫލުކޮށްގެން، އެހިސާބުން މައްސަލަ ބަލަން ފަށަން ޖެހޭނީ، ގޮސް އިންސާފު ލިބެންދެން އަދި ހަގީގަތް އެނގެންދެން،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ސިޔާސީ ޕާޓީތައް އައިސް، ވެރިކަން ބަދަލުވެގެން ދާއިރު ވެސް ރާއްޖޭގައި ރައްޔިތުންގެ ހާލަތަށް ބަދަލު އައިސްފައި ނުވާކަމަށެވެ. އެހެންކަމުން އަންހެނުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ވާހަކަ ތާއަބަދު ދައްކަން ޖެހޭ ކަން އީވާ ފާހަގަކުރެއްވިއެވެ.

"ދުވަހަކު ރާއްޖޭގައި އަންހެނުންނަށް ރައްކާތެރިކަމާ އިންސާފު ފޯރުކޮށްނުދެވުނު. ނުކޮށްދެވުނު. ސިޔާސީ ޕާޓީތައް އަންނަނީ ވެރިކަންތައް ބަދަލުވަނީ އެކަމު އަންހެން މީހާގެ ހާލު ރާއްޖޭގައި ބަދަލެއް ނުކުރެވުނު. ގާނޫނުތައް ކިތަންމެ ވަރަކަށް ހެދިޔަސް ބަދަލެއް ނުކުރެވުނު،" އީވާ ވިދާޅުވި އެވެ.

އެހެންކަމުން އެ ބަދަލު ގެނެސްދެވެންދެން، މިއީ ބޮޑު މައްސަލައެއްކަން ހިތުގެ އަޑިން ގަބޫލުކޮށްގެން، އަންހެނުންނަށް ރައްކާތެރިކަން ގެނެސްދެވެން ދެން ބަޖެޓުގައި ފައިސާ ހިމަނައި، ބަދަލުކުރަންޖެހޭ ގާނޫނުތައް ބަދަލުކޮށް، މަގާމުތަކުގައި ތިބި މީހުން ބަދަލުކުރަން ޖެހޭނަމަ އެކަން ވެސް ކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޕޮލިޓިކަލް ކޮމިޓްމެންޓް ތާއަބަދަށް މިއަށް ގެނެސްގެން ނޫނީ ތާއަބަދަށް އޮތް ރައްކާތެރިކަމެއް ދިވެހި އަންހެނުންނަކަށް ފޯރުކޮށްދެވޭކަމަށް ނެތް،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ، އިންސާފުވެރިކަމާ ހާމަކަންބޮޑު ގޮތެއްގައި ބަލަން ބޭނުންވާ ކަމަށެވެ.

މަޖިލީހުން ކުއްލި މައްސަލައަށް ބަހުސްކުރަން ނިންމުމާއި، މަޖިލީހުގެ ކޮމިޓީތަކުން މައްސަލަ ބެލުމަށް ނިންމީ މައްސަލައިގެ ހަގީގަތް ހޯދާ އިންސާފު ހޯދައިދިނުން ނޫން އެހެން ގޮތެއް ބޭނުންނުވާތީ ކަމަށެވެ.

މަޖިލީހުން މައްސަލަ ބަލަނީ، އެއީ ބޮޑު ކަމަކަށްވާތީ ކަމަށާއި، މައްސަލައިން ރެކެން ބޭނުން ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"މީގައި އަނިޔާގެ ޝިކާރައަކަށްވީ އަންހެން މީހާއާ، އެ ވިކްޓިމް އާ، އޭނާއަށް އިންސާފު ހޯދައިދިނުމާ އަދި ކަން ހިނގާދިޔަ ގޮތުގެ ހަގީގަތް ހޯދުން ނޫން އެހެން އެއްވެސް ބޭނުމެއް ހަމަގައިމުވެސް މި ރައްޔިތުންގެ މަޖިލީހުން ނެތްކަން އަޅުގަނޑަށް ޔަގީން،" މެމްބަރު ވިދާޅުވި އެވެ.

comment ކޮމެންޓް