ވެލާނާ އެއާޕޯޓްގެ ސީއީއޯއަކަށް އިނގިރޭސި ރައްޔިތެއް ހަމަޖައްސައިފި

ގޯޑަން އެންޑްރޫ ސްޓީވާޑް: (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް ވަނީ ހަމަޖައްސާފައި --

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމެއް އިނގިރޭސި ރައްޔިތެއް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ) ހިންގާ ކުންފުނި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ހަމަޖައްސާފައި ވަނީ ގޯޑަން އެންޑްރޫ ސްޓީވާޑް އެވެ.

އޭނާ އެ މަގާމަށް ހަމަޖެއްސިކަން އަންގާ އެމްއޭސީއެލްއިން މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ގޯޑަން މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވާނީ، އަންނަ ޖުލައި 15 ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ އެކުގައި ކަމަށެވެ.

ގޯޑަން އަކީ އޭވިއޭޝަން މެނޭޖްމަންޓް ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށް ވެސް އެމްއޭސީއެލްގެ ސާކިއުލާގައިވެ އެވެ. އެގޮތުން އޭނާ ވަނީ ޔޫރަޕާއި އުތުރު އެމެރިކާ އަދި އޭޝިޔާގެ އޭވިއޭޝަން ދާއިރާގެ މެނޭޖްމަންޓް މަގާމުތަކެއް އަދާކުރައްވައިފަ އެވެ. އަދި އޭވިއޭޝަން ދާއިރާގެ އެކި ކުންފުނިތަކުގައި 20 އަހަރު ދުވަސްވަންދެން ބޯޑް ޑިރެކްޓަރުކަން ވެސް އޭނާ ފުރުއްވާފައިވެ އެވެ.

"ގޯޑަންގެ ތަޖުރިބާ އާއި ދުރުވިސްނުމާ އެކު އޭނާގެ ލީޑަޝިޕްގައި އެމްއޭސީއެލްއަށް އިތުރު ކުރިމަގާއި ފާހަގަތިކަން ލިބޭނެ ކަން ޔަގީން. ކުންފުންޏާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ގޯޑަންއަށް މަރުހަބާ ދަންނަވަމެވެ،" އެމްއޭސީއެލްއިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައިވެ އެވެ.

މި ސަރުކާރު ނޮވެމްބަރު 2018 ގައި ވެރިކަމާ ހަވާލުވި ފަހުން އެކްޓިން އެމްޑީއެއްގެ ގޮތުގައި އެމްއޭސީއެލް ހިންގަވަމުން ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޭބޭފުޅެއް ކަމަށްވާ، މޫސާ ސޯލިހު އެވެ. އެއާޕޯޓަށް އެމްޑީއެއް ހަމަޖައްސަން އިއުލާން ކުރީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އެވެ.

comment ކޮމެންޓް