ރާއްޖެ އަންނަ އެއާލައިންތަކުން އަމަލުކުރަންވީ ގޮތް އާންމުކޮށްފި

ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ވީއައިއޭގައި --- ސަން ފޮޓޯ

ރާއްޖޭގެެ ބޯޑަރުތައް އަންނަ މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލާއިރު ރާއްޖެއަށް ދަތުރުކުރާ އެއާލައިން ތަކުން އަމަލުކުރަންވީ ގޮތް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން އާންމުކޮށްފި އެވެ.

ސިވިލްއޭވިއޭޝަން އޮތޯރިޓީ އިން އާންމުކޮށްފައިވާ ސާކިޔުލާގައި ބުނާގޮތުން ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިންވެސް ރާއްޖެ އަންނައިރު އޮންލައިން ހެލްތު ޑިކްލަރޭޝަން ފޯމު ފުރިހަމަ ކުރަންޖެހޭނެ އެވެ. މި ހެލްތް ޑިކްލަރޭޝަން ފޯމު ފުރިހަމަ ކުރަންޖެހެނީ ރާއްޖެ އައުމުގެ 24 ގަޑިއިރު ކުރިންނެވެ.

އެ ސާކިޔުލާ ބުނާގޮތުން ރާއްޖެ އަންނަ އެއާލައިނުގައި ދަތުރުކުރާ ފަސިންޖަރުން ތިބެންވާނީ މާސްކު އަޅައިގެންނެވެ. މާސްކު ނާޅާ ތިބެވިދާނެ އިސްތިސްނާ ހާލަތްތަކެއް ވެސް ސާކިޔުލާގައި ބަޔާން ކޮށްފައިވެ އެވެ. އެގޮތުން އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނަށް މާސްކު ނާޅާ ތިބެވިދާނެ ކަމަށާއި މާސްކު އަޅައިގެން އިންނަން އުޒުރުވެރިވާ ފަދަ ސިއްހީ މައްސަލައެއް ހުރިނަމަ، އަދި އިންފްލައިޓުގައި ކާވަގުތުގައި، ނުވަތަ ފްލައިޓު ކްރޫ އިންގެ އިރުޝާދު ލިބިއްޖެ ހާލަތެއްގައި މާސްކު ނެގިދާނެ އެވެ.

ރާއްޖެ އަންނައިރު އެއްވެސް ފަސިންޖަރެއްގެ ފަރާތުން ހުން އައުން ކެއްސުން ނުވަތަ ނޭވާ ލާން އުނދަގޫވުންފަދަ ކޮވިޑްގެެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެކަން ލަސްނުކޮށް އިމިގްރޭޝަނަށް އެންގުމަށް ވެސް އެ ސާކިޔުލާގައިވެ އެވެ.

ފަތުރުވެރިން ރާއްޖެއިން ފުރާއިރު ފުރިހަމަކުރަންޖެހޭ ސިއްހީ ޑިކްލަރޭޝަން ފޯމު ފުރިހަމަ ކުރުމަށް ސަމާލުވުމަށް ސާކިޔުލާގައިވެ އެވެ. އަދި ދަތުރުކުރާ ގައުމަކަށް އެތެރެވުމަށް އެއްވެސް ކަހަލަ ޓެސްޓު ނަތީޖާއެއް ބޭނުންވާނަމަ އެކަން ފުރިހަމަ ކުރުމަށްވެސް ސާކިޔުލާގައިވެ އެވެ. ރާއްޖެއިން ފުރާއިރު ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހެއްނަމަ އެކަން އެޗްޕީއޭއަށް އަންގައި ދަތުރު ކެންސަލް ކުރަންޖެހޭތޯ ސާފު ކުރުމަށްވެސް ސާކިޔުލާގައިވެ އެވެ.

ރާއްޖޭގެ ބޯޑަރު މާޗު 27 ގައި ބަންދުކުރުމަށްފަހު، އަންނަ މަހުގެ 15 ގައި ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އެމްއޭސީއެލް އިން ބުނީ މިހާރުވެސް 10 އެއާލައިނަކުން ރާއްޖެ އަންނަން ސްލޮޓު ބުކްކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް