ގާނޫނު އޮތް ގޮތުން ރޭޕިސްޓުން ދޫވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ އިސްލާހެއް

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

ޖިންސީ ކުށުގެ ގާނޫނު މިހާރު އޮތްގޮތުން، ރޭޕް ރިޕޯޓް ކުރަން ޖެހިލުންވެ، އަދި ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު ބޮޑުވާ ކަމަށް ބުނެ، އެ ގާނޫނަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

މީކާއީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭޕްކުރަނީ ޝިކާރައަށްވާ ފަރާތް ލާ ހެދުމާއި އޭނާގެ "އަބުރުވެރިކަމާއި އަހްލާގަށް" ބެލުމަށްފަހު ނޫން ކަމަށެވެ.

"މިހާރު ގާނޫނު އޮތްގޮތުން ޝިކާރައަށްވާ ފާރަތް ރޭޕް ރިޕޯޓުކުރަން ޖެހިލުންވެ، ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު ބޮޑުވާތީ، ގާނޫނަށް އިސްލާހު ހުށަހަޅައިފިން،" މީކާއީލް ވިދާޅުވެފައިވެ އެވެ.

ޖިންސީ ކުށުގެ ގާނޫނަށް މެމްބަރު އިސްލާހު ހުށަހެޅުއްވީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ)، (ރ،) އަދި (ބ) އުނިކުރުމަށެވެ.

އެ ގާނޫނުގެ 53 ވަނަ މާއްދާއަކީ ކުށުގެ ޝިކާރައަށްވީ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކި ބަޔާންކުރާ މާއްދާއެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަހްލާގާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާމެދު ހިނގާފައިވާކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭފަދަ ހާލަތެއް ކޯޓަށް ފާހަގަވާނަމަ، އެއީ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށެވެ.

އަދި އެ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިއާޔަތްކުރާއިރު، ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ހާލަތެއް ވުޖޫދުގައިވާކަމަށް، ކޯޓަށް ގަބޫލުކުރެވޭ ހާލަތުގައި ވެސް ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށެވެ.

އެ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ދެމެދުއޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ، ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުމަކީ ވެސް ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށެވެ.

އިސްލާހު ހުށަހެޅުއްވުމުގެ ބޭނުން ކަމުގައި މެމްބަރު ވިދާޅުވެފައި ވަނީ، މިހާރު ގާނޫނު އޮތް ގޮތުން، ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މާޒީ އާއި ނަފްސުގެ އަބުރުވެރިކަކަމާއި އަހްލާގު އަދި ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން ކުށުގެ ތުހުމަތު ކުރެވޭ ފަރާތާއި ކުށުގެ ޝިކާރައަކަށްވީ ފަރާތާ ދެމެދު އޮތް ގުޅުމާއި، ހިނގާފައިވާ މުއާމަލާތްތަކަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތާއި ދެކޮޅަަށް ބޭނުންކުރެވިދާނެ ހެކީގެ ގޮތުގައި އޮތުމުން، ކުށުގެ ޝިކާރައަކަށްވާ ފަރާތްތައް ކުށް ރިޕޯޓުކުރުމަށް ޖެހިލުންވެ، ޖިންސީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ފަސޭހަކަމާއެކު މުޖުތަމައުގެ ތެރެއަށް ދޫވެގެން ދާކަން ފާހަގަކުރެވޭތީ، އެފަދަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، ޖިންސީ ކުށްތައް ހުއްޓުވުމުމެވެ.

މެމްބަރު މީކާއީލް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި މިވަނީ ހުޅުމާލެ ފަޅުގައި އަޅާފައި އޮރް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ފުލުހުން ދޫކޮށްލުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް