ވީއައިއޭ އަށް ދަތުރުކުރާ އެއާލައިންތަކުން ނަގާ ފީތަކަށް ލުއި ދެނީ

އެއާޕޯޓުގައި ފްލައިޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ: އެމްއޭސީއެލް

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖެ އަލުން ހުޅުވާލާއިރު، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ދޭން އެމްއޭސީއެލް އިން ނިންމައިފި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ އިންޓަނޭޝަނަލް އެއާލައިންތަކުން ޗާޖު ކުރާ އެއާލައިން ފީތަކުން ހާއްސަ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވީއައިއޭ އަށް ދަތުރުކުރާ ޝެޑިއުލްޑް ފްލައިޓުތަކުން ނަގާ ގްރައުންޑް ހޭންޑްލިން، ނޭންޑިން، ނެވިގޭޝަން އަދި ޕާކިން ޗާޖުން ޑިސްކައުންޓުތަކެއް ދޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެގޮތުން ޖުލައި 15 އިން ފެށިގެން އަންނަ މާޗުމަހުގެ 26ގެ ނިޔަލަށް ތިން ބަޔަކަށް ބަހާލައިގެން ޑިސްކައުންޓް ދޭނެ އެވެ.

ޖުލައި 15 އިން އޮގަސްޓުމަހުގެ ނިޔަލަށް އޮޕަރޭޓު ކުރަން ފަށާ އެއާލައިންތަކަށް، އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 100 ޕަސެންޓް ޑިސްކައުންޓު ދޭނެ އެވެ.

ސެޕްޓެމްބަރުން ފެށިގެން އޮކްޓޯބަރު 27ގެ ނިޔަލަށް ދަތުުރު ފަށާ އެއާލައިންތަކަށް އެ މުއްދަތުގެ ތެރޭގައި 75 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމާފައިވާއިރު އޮކްޓޯބަރު 28 އިން ފެށިގެން މާޗު 26 ގެ ނިޔަލަށް 50 ޕަސނެންޓް ޑިސްކައުންޓް ދޭނެ އެވެ.

މިއީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ދޭ ހާއްސަ ފުރުސަތުތަކެއް ކަމަށާއި އެއާލައިންތަކަށް ދޭ ޑިސްކައުންޓާއެކު ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުތުފަށާ، ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން އަންނާނެ ކަމަށް ގަބޫލު ކުރާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އޭވިއޭޝަން ދާއިރާ އަށް އައިސްފައިވާ ހީނަރުކަމާއެކު، އެމްއޭސީއެލް އިން މަސައްކަތް ކުރާނީ ގިނަ އެއާލައިންތަކަކަށް ފުރުސަތު ދީ، ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ހިތްވަރުދޭނެ ކަމަށެވެ.

އެމްއޭސީއެލް އިން މީގެ ކުރިން ބުނެފައިވަނީ ކޮވިޑް19 އަށްފަހު ރާއްޖެ އަލުން ހުޅުވާލާއިރު 10 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރަން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް