ޅިޔަނު ޖިންސީ ގޯނާ ކުރާތާ އަހަރެއް، ފަޅާ އެރުމުން ޖެންޑާ އިން މައްސަލަ ބަލަނީ

ރާއްޖޭގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް އޭނާގެ ޅިޔަނު ޖިންސީ ގޯނާ ކުރާތާ އަހަރެއްހާ ދުވަސް ފަހުން ފާޅާ އެރުމުން މައްސަލަ އަންނަނީ ބަލަމުން --

މެދު ރާއްޖެ ތެރޭގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކާ އޭނާގެ ޅިޔަނު އެކިފަހަރު މަތިން ޖިންސީ ގޯނާ ކުރާތާ އަހަރެއްހާ ދުވަސް ފަހުން އެކަން ފަޅާ އެރުމުން ޖެންޑާ މިނިސްޓްރީ އިން މައްސަލަ ބަލަން ފަށައިފި އެވެ.

އެ ކުއްޖާގެ އާއިލާގެ ފަރާތުން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ، އެކަން ހިނގާ ކަން އެނގުނީ ދާދި ފަހުން އެ ވާހަކަތައް އެ ކުއްޖާ އުމުރުގެ އޭނާގެ ދެބެންގެ ދެ ދަރި އެހެން ފިރިހެން ކުއްޖަކަށް ކިޔައި ދިނުމުން ކަމަށެވެ.

"މިމަހުގެ މެދު ތެރޭގައި އެ އަންހެން ކުއްޖާ އެ ވާހަކަތައް މިކިޔައި ދިނީ އޭނާގެ ކަޒިން ފިރިހެން ބޭބެ އަކަށް. އެއީ 12 އަހަރު ފިރިހެން ކުއްޖެއް. އޭނާ ދެން އާއިލާ މީހުން ކައިރީގައި މިވާހަކަތައް ކިޔައި ދިނުމުން އިއްޔެ ފުލުހުންނަށް މި ރިޕޯޓް ކުރީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

އޭނާ ބުނީ ޅިޔަނަކީ އެ ކުއްޖާ މަންމައާ އެއްބަނޑު އެއްބަފާ އަންހެން ކޮށްކޮ އަކާއި އިނދެގެން އުޅޭ މީހެއް ކަމަށާއި އެ މީހުން އުޅެމުން ދިޔައީ ވެސް އެއް ގެއެއްގައި ކަމަށެވެ. އެ ގޭގައި އެހެން ފިރިހެނުން ވެސް އުޅުނު ނަމަވެސް އާންމުކޮށް ރަށުގައި ހުންނަނީ އެ ޅިޔަނު ކަމަށް އޭނާ ކިޔައިދިނެވެ. އަދި ޅިޔަނަކީ ރަށުގައި ސަރުކާރު ވަޒީފާއެއްގައި ހުރި މީހެއް ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

"އަޅުގަނޑަށް މިކަން އެނގުމާއި އެކު ރޭ ދަންވަރު ގޮސް ފުލުހުންނަށް މައްސަލަ ހުށަހެޅިން. ދެން މިއަދު ޖެންޑާރ އިން ވެސް އައިސް ބަޔާންތައް ނަގަމުން ދަނީ،" އޭނާ ކިޔައިދިނެވެ.

ޖެންޑާ އިން ބުނީ މެދު ރާއްޖެތެރޭ ރަށަކުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ފުލުހުންނާއި ގުޅިގެން އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ފަހުން އައިސް ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތި ވެފަ އެވެ. އަދި އެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާރ ޖެނަރަލްގެ އޮފީހުން ވަނީ ކްރިމިނިލް ކޯޓަށް ވެސް ފޮނުވާފަ އެވެ.

ޖިންސީ ގޯނާ އަދި ގެވެށި އަނިޔާގެ އެއްވެސް ކަމެއް ހިނގާ ކަން އެނގޭ ނަމަ އެކަން ލަސް ނުކޮށް ރިޕޯޓް ކުރުމަށް ޖެންޑާ މިނިސްޓްރީން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް