ހަތަރު ފުރޮލުލީ ވެހިކަލްތަކަށް އަގުދައްކައިގެން ޕާކް ކުރެވޭނެ ސަރަހައްދެއް

ކާނިވާ ސަރަހައްދުގައި އުޅަނދުތަކެއް ބާއްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަކި ސައިޒަކުން ދަށުގެ ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ކާނިވާ ސަރަހައްދުގައި ހާއްސަ ސަރަހައްދެއް ހަމަޖައްސައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސަރަހައްދުގައި 52 ޖާގަ ދޫކޮށްފައިވާ ކަމަށެވެ. އެ ޖާގަތައް ދޫކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައި ބޭއްވި ގުރުއަތުލުމުގައި ޖާގަ ކަށަވަރުވި ފަރާތްތަކަށެވެ.

އަގުދީގެން ޕާކު ކުރާ އެ ސަރަހައްދުގައި ޕާކިން ޒޯން ކަނޑައަޅައި ފުރުސަތު ހުޅުވާލުމުން 146 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ސިޓީ ކައުންސުލުން ވަނީ ބުނެފަ އެވެ.

ކައުންސިލުން ބުނެފައިވަނީ އެ ސަރަހައްދުގައި އުޅަނދެއް ޕާކު ކުރުމަށްޓަކައި ކޮންމެ އުޅަނދަކަށް މަހަކު 3،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.

އެ ސަރަހައްދުގައި ޕާކިން ޒޯނެއް ގާއިމުކުރުމަށް ނިންމައި އެތަނުން ޖާގަ ދޫކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ޖާގަތައް ދޫކުރުން ފަސްކުރިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގެ މަގުތައް އަމާންކޮށް ޓްރެފިކް މައްސަލަ ހައްލުކުރުމަށްޓަކައި މާލޭގެ ޕާކިން މައްސަލައަށް ގޮތެއް ހޯދުމަކީ ކައުންސިލުން އިސްކަން ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

comment ކޮމެންޓް