ބައެއް ގޭމްތަކުގެ ސަބަބުން ބޮޑެތި ކުށްތަކަށް އެބަ މަގުފަހިވޭ: މިނިސްޓަރު

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ: މީހުން މެރުމަށް ހިތްވަރު ލިބޭ ގޭމްތައް ހުއްޓުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި --- -- ފޮޓޯ/ އެންއީއޯސީ

ބައެއް އޮންލައިން ގޭމްތައް ބައްޓަން ކޮށްފައި ހުންނަ ގޮތުން އެ ކުޅުމުގެ ސަބަބުން މީހުން މެރުން ފަދަ ބޮޑުތި ކުށްތައް ކުރުމަށް ކުޑަކުދިންނަށް ހިތްވަރު ލިބޭ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، އިންޓަނެޓްގެ ވަސީލަތް މެދުވެރިކޮށް ކުދިން އަނިޔާއަށް ހުށަހެޅޭކަން ފާހަގަވަމުންދާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ ހަމައެކަނި ޖިންސީ އަނިޔާތައް ނޫން ކަމަށެވެ.

"އޭގެތެރޭގައި އެބަހުރި މިސާލަކަށް ބައެއް ފަހަރު ގޭގައި ކުދިން ކުޅޭ ކުޅިވަރުތައް އޮންލައިންކޮށް މިކުޅޭ ކުޅިވަރުތައް ގޭމްސް. އޭގައި އެބަހުރި ވަރަށް ޑޭންޖަރަސް ގޭމްސް ވެސް. އަޅުގަނޑުމެނަށް ފަހަރެއްގައި ނޭނގި ދާނެ. އެފަދަ ގޭމްސްތައް މިސާލަކަށް ކުޅެގެން މައިންޑް މި ބައްޓަން ކުރަނީ ސިކުނޑި މި ބައްޓަން ކުރަނީ، ގޮސް ބައެއް ކަހަލަ އަނިޔާ އެހެން ފަރާތްތަކަށް ދޭން. މީހުން މެރުމަށް. މީހުންގެ ތެރޭގައި ކޮންމެ ފަދަ މާރާމާރީއެއް ހިންގުމަށް. ވައްކަން ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޅަ ކުދިންގެ ވިސްނުމާއި އެ ކުދިންނަށް ނުފެނި ބަޔަކު ކުޅެމުންދާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެ ކަމަކީ ވަރަށް ގިނަ ރިސާޗްކޮށް އެކަމުގެ މައުލޫމާތު އެއްކޮށްފައި ހުރި ކަމެއް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުގެ ކަމާއި ގުޅޭ މުއައްސަސާތައް އެކީގައި މިކަމަކީ ބޮޑު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެން އަޅުގަނޑުމެންގެ ތެރޭގައި މިކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަން. އެހެންވީމަ އެ މަސައްކަތް ކުރަން އަޅުގަނޑުމެން މިހާރު ވެސް މަސައްކަޔް ފަށާފައިވާ ވާހަކަ ދަންނަވަން ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މަލްޓިޕްލޭޔާ އޮންލައިން ގޭމްތައް ކުޑަކުދީން ކުޅޭއިރު އެކަމަށް ބެލެނިވެރިން ސަމާލުވުމަށާއި އެ ކުދީންނަށް ގޭމް ކުޅެން ވަކި ވަގުތެއް ކަނޑައެޅުމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ވެސް ދާދި ފަހުން ވަނީ އިރުޝާދު ދީފި އެވެ.

comment ކޮމެންޓް