ކޮވިޑާ ގުޅިގެން 397 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނިން: ޖެންޑާ

މާލޭގެ މަގުމަތި: ކޮވިޑާއި ގުޅިގެން 397 މީހަކަށް ބޯހިޔާ ވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ މާލޭގައި ފެތުރެން ފެށުމާއެކު ފުރަބަންދު ކުރުމުގެ ސަބަބުން މަގުމަތިވި 397 މީހަކަށް ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޕާމަނެންޓް ސެކްޓްރީ ޝައުފިޝާން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، ކޮވިޑާ ގުޅިގެން މައިގަނޑު ފަސް ހިދުމަތެއް ދީފައިވާއިރު އެންމެ ފުރަތަމަ ކުރި ކަމަކީ މަގުމަތިވި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

"ފުރަތަމައިނުން އަޅުގަނޑުމެން ފެށިއިރު ގާތްގަނޑަކަށް 20 ވަރަކަށް މީހުން ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް ގެންގޮސް މިހާ ހިސާބަތްއައިރު އަޅުގަނޑުމެނަށް 397 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ވަނީ،" ޝައުފިޝާން ވިދާޅުވި އެވެ.

އޭގެ ތެރެއިން 112 މީހުން، އެ މީހުން އެދިގެން ރަށް ތަކަށް ފޮނުވާލާފައިވާކަން ޝައުފިޝާން ފާހަގަކުރެއްވި އެވެ.

އެގޮތުން އިމާދުއްދީން ސްކޫލްގައި ވަގުތީ ބޯހިޔާވަހިކަމެއް އެންމެ ފުރަތަމަ ގާއިމް ކުރިއިރު އެހެނިހެން ބައެއް ސުކޫލްތައް ވެސް، މަގުމަތިވި ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަށް ވަނީ ބޭނުން ކޮށްފަ އެވެ. ނަމަވެސް ސުކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު ވަގުތީ ހިޔާ ތަކުގައި ތިބި ފަރާތްތައް ޔޫތް ހޮސްޓަލް އާއި ޔޫތް ކޮމްޕްލެކްސް އަށް ބަދަލުކޮށްފައިވާ ކަމަށް ޝައުފިޝާން ވިދާޅުވި އެވެ.

ބޯހިޔާ ވަހިކަން ބޭނުން ވެގެން މިނިސްޓްރީ އަށް ރިޕޯޓް ކުރި ފަރާތްތަކުގެ ތެރެއިން ގިނަ މީހުންނަކީ އެ މީހުންގެ ވަޒީފާ ގެއްލުމުގެ ސަބަބުން އާމްދަނީ ލިބުން ހުއްޓުނު މީހުން ކަން ޝައުފިޝާން ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް