ރާއްޖެ އިސްތިހާރު ކުރި މެޗުގައި ސެލްޓާއިން ބާސާ ހާސްކޮށްލައިފި

ސެލްޓާއާއި ބާސާ ބައްދަލު ކުރި މެޗުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ތެރެއިން ---

ދިވެހި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތަކާ އެކު މިރޭ ސްޕެނިޝް ލީގުގައި ކުޅުނު މެޗުގައި ސެލްޓާ ވީގޯއިން ވަރުގަދަ ބާސެލޯނާ ހިފަހައްޓައިފި އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ރާއްޖެ އަންނަ ޓުއަރިސްޓުން އިތުރު ކުރުމަށް އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭރުގެ ގައުމުތަކުގައި ރާއްޖެ އިސްތިހާރު ކުރުމަށް "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން"ގެ ނަމުގައި ވަނީ ބޮޑު ކެމްޕެއިނެއް ވެސް ފަށައިފަ އެވެ.

އެއާ އެކު ސްޕެނިޝް ލީގުގައި ވާދަކުރާ ސެލްޓާ ވީގޯއާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާއިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން މިރޭ ކުޅުނު މެޗު ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަ ކޮށްފަ އެވެ. ސެލްޓާ ވީގޯގެ ސްޓޭޑިއަމުގައި މިރޭ ކުޅުނު އެ މެޗު އެތައް ގޮތަކުން ހާއްސަވެގެން ދިޔައިރު ސެލްޓާއަށް ވެސް މިރެޔަކީ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު ރެޔެކެވެ.

އެގޮތުން އެ ޓީމު މިރޭ ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ނަން ކިޔާލެވޭ އާޖެންޓީނާގެ ލިއޮނެލް މެސީއާއި އުރުގުއޭގެ ލުއިސް ސައުޜޭޒް ފަދަ ކުޅުންތެރިން ތިބި ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗު 2-2 ގެ ނަތީޖާއަކުން ނިމުނު އިރު ސެލްޓާއަށް ރެލިގޭޝަން ޒޯނުން ސަލާމަތްކަން ލިބި ހަމަޖެހިލެވުނު އިރު ބާސެލޯނާއަށް ވަނީ ހާސްކަން އިތުރު ވެފަ އެވެ.

މިރޭގެ ޕޮއިންޓާ އެކު ބާސެލޯނާ މިވަގުތު 32 މެޗުން ލިބުނު 69 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް އިރު ރެއާލް މެޑްރިޑް ދެވަނައިގައި އެއް މެޗު މަދުން ކުޅެގެން އޮތީ 68 ޕޮއިންޓާ އެކު އެވެ. އެހެން ކަމުން މާދަމާ ރޭ އެސްޕަންޔޯލް އަތުން ރެއާލް މޮޅުވެއްޖެ ނަމަ ބާސެލޯނާ ދެވަނައަށް ވެއްޓޭނެ އެވެ.

މިރޭގެ މެޗު ސެލްޓާއިން ފެށީ ކޮންމެ ލަ ލީގާ މެޗެއް ފެށުމުގެ ކުރިން ދަނޑުގެ ސެންޓަ ސާކަލްގައި އެ މެޗެއްގެ ކުރިން އޮންނަ އެޑްވަޓައިޒްމަންޓުގެ ފުރުސަތަކާ އެކު ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ސެންޓަ ސާކަލްގައި ވިސިޓް މޯލްޑިވްސް ރަމްޒު ކޮށްދޭ ފޮތިގަނޑެއް ދައްކާލުމަށްފަހު އެވެ.

މެޗު ފަށައިގެން ބާސެލޯނާއިން ވަނީ 20 ވަނަ މިނަޓުގެ ތެރޭގައި ލީޑު ނަގައިފަ އެވެ. އެ ގޯލަކީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހިލޭ ޖެހުމެއްގެ ފައިދާ ނަގައި ސުއަރޭޒް ބޮލުން ފޮނުވާލި ގޯލެކެވެ. ބާސެލޯނާގެ ގޯލަށް ފަހު ސެލްޓާއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އިރު އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވީ ދެވަނަ ހާފު ފެށިތަނާ އެވެ.

ސެލްޓަގެ ފޯވާޑް ފެޑޯރ ސްމޮލޮވް ކާމިޔާބު ކޮށްދިން ގޯލަކާ އެކު މެޗުގެ ނަތީޖާ އެއްވަރުމުން ބާސެލޯނާއިން ވަނީ އަނެއްކާވެސް ކުރިއަށް ޖައްސައިގެން ކުޅެ ރައްދުގައި ގޯލެއް ޖަހައިފަ އެވެ. އެ ގޯލުވެސް އެ ޓީމަށް ޖަހައިދިނީ ސުއަރޭޒް އެވެ.

މެޗުގެ އޮއެވަރު އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުވެފައި އޮތް ދަނޑިވަޅެއްގައި މެޗު ނިމެންދަނިކޮށް ސެލްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމުގެ ފޯވާޑް އިއާގޯ އަސްޕަސް އެވެ. އެ ގޯލަކީ އޭނާއަށް ލިބުނު ހިލޭ ޖެހުމަކުން ތިރި ތިރިން ވައްދާލި މޮޅު ގޯލެކެވެ.

މެޗަށްފަހު ސެލްޓާއިން ކާމިޔާބީގެ އުފާ ފާޅު ކުރަމުން ދިޔަ އިރު ޓީވީ ބަލަމުން ދިޔަ އެތައް މިލިޔަން ބަޔަކަށް ވަނީ އަނެއްކާވެސް ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން އިސްތިހާރެއް ގެނެސްދީފަ އެވެ. މި އިސްތިހާރަކީ ސެލްޓާގެ މަގްބޫލު ކުޅުންތެރިން ބޭނުންކޮށްގެން ރާއްޖޭއަށް އަނެއްކާ ވެސް އަވިގަދަ އިރަކަށް އަލިވިލޭނެ ކަމަށް ބުނެ ދީފައިވާ މެސެޖުތަކެކެވެ.

އޭގެ ތެރޭގައި އެ ޓީމުގެ އެންމެ އަލިގަދަ ތަރި އިއާގޯ އަސްޕަސްއާއި، ބާސެލޯނާއިން ލޯނު އެއްބަސްވުމުގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ރަފީނާ އަލަކަންޓްރާއާއި، ޑެނިސް ސުއަރޭޒްގެ އިތުރުން ފިޔޮޑޯރ ސްމޮލޮވް ވެސް ވަނީ މި އިސްތިހާރުގައި ވީޑިއޯ މެދުވެރިކޮށް މެސެޖެއް ދީފަ އެވެ.

comment ކޮމެންޓް