ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ރިވިއު ކުރަން އޭސީސީއިން ނިންމައިފި

އޮކްޓޯބަރ 15، 2019: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ޝިއުނާ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައި އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑުން ހިންގި ކަމަށް ބުނާ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ރިވިއު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ.

އެސްޓީއޯ މެދުވެރިކޮށް ހިންގި ކަމަށް ބުނާ ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން މީގެ ކުރިން ތަހުގީގެއް ހިންގާފައިވެއެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެ މައްސަލައިގައި އެކުލެވުނު ރިޕޯޓު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފޮރުއްވި ކަމަށް ބުނެ މަޖިލީހަށް މިހާރު ވަނީ މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ.

އެ މައްސަލައިގެ ބަހުސްގައި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ މައްސަލައިގެ ލިޔެކިޔުންތައް އެޓާނީ ޖެނެރަލްގެ އޮފީހުން އޭސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އުޝާމް މަޖިލީހުގައި ވިދާޅުވިހެން، ތަހުގީގު ކުރަން ގްރާންޓް ތޯންޓަން އިން ބޭނުން ކުރި ލިޔުންތައް 2013 ވަނަ އަހަރު އޭޖީ އޮފީހުން އޭސީސީއަށް ފޮނުވާފައިވާ ކަމަށް މިއަދު ނެރުނު ބަޔާނެއްގައި އޭސީސީއިން ބުނެފައިވެއެވެ. އަދި އެ ލިޔުންތައް މިހާރުވެސް އެ ކޮމިޝަނުގައި އެބަ ހުރި ކަމަށް އޭސީސީއިން ބުންޏެވެ.

އޭސީސީއިން މިއަދު އެކަމާ ގުޅިގެން ބުނެފައި ވަނީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިިމިޓެޑުން ހިންގި ކަމަށް ބުނާ އެ ތެލުގެ ވަގު ވިޔަފާރީގެ މައްސައަކީ 2011 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ތަހުގީގު ކުރަން ފެށި މައްސަލައެއް ކަމަށެވެ. 2018 ވަނަ އަަހަރުގެ މެއި މަހުގެ އަށް ވަނަ ދުވަހު، އެ މައްސަލައިގެ ތަހުގީގު ނިންމޭނެވެ ވަރަށް މައުލޫމާތު ނެތުމުން މައްސަލަ ފައިލް ކުރަން ނިންމާފައިވާ ކަމަށް މިއަދު އޭސީސީއިން ބުންޏެވެ. އެއީ އޭސީސީގެ މިދިޔަ ދައުރުގައެވެ.

ނަމަވެސް، މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، އެ މައްސަލަ އަލުން ރިވިއު ކުރަން ނިންމާފައިވާ ކަމަށެވެ.

"...މި މައްސަލަ ކޮމިޝަނުގެ ފަރާތުން ރިވިއު ކުރަން ނިންމާފައިވާކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ." އޭސީސީއިން ބުންޏެވެ.

އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑު މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގުކުރުމަށް ބޭރުގެ ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

މައްސަލައާ ގުޅިގެން ރައީސް ނަޝީދު މަޖިލީހުގައި ވިދާޅުވީ، 2012 ވަނަ އަހަރު ވެރިކަން ބަދަލުވި ދުވަހަކީ އެ މައްސަލައިގެ ރިޕޯޓު އާންމު ކުރަން އޮތް ދުވަސް ކަމަށެވެ. ނަމަވެސް މެމްބަރު އުޝާމް ވިދާޅުވެފައި ވަނީ މައްސަލައިގެ ފައިނަލް ގްރާންޓް ތޯންޓަންއިން އެކުލަވާލާފައި ނުވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް