ބަންގްލަދޭޝްގެ އިތުރު 200 މީހުން ފުރުވާލައިފި

ބަންގްލަދޭޝް ރައްޔިތުން ގައުމަށް ފުރުވާލުން -- ފޮޓޯ/ މޯލްޑިވިއަން

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެހެން ސަބަބުތަކާ ހުރެވެސް އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ތެރެއިން އިތުރު 200 މީހަކު މިއަދު ގައުމަށް ފުރުވާލައިފިއެވެ.

މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނީ، މިއަދު ބަންގްލަދޭޝްގެ ވެރިރަށް، ޑާކާއަށް ފުރި މޯލްޑިވިއަންގެ ރެޕަޓްރިއޭޝަން ފްލައިޓުގައި 200 މީހަކު ފުރާފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ ރެޕަޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކު އަދި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

ކޮވިޑް19 އާ ގުޅިގެން، މިހާތަނަށް 3200 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ވަނީ ގައުމަށް ފޮނުވާލައިފައެވެ. އޭގެ ތެރެއިން ލިޔެކިޔުން ނެތި އުޅެމުން ދިޔަ 2،500 މީހަކު ހިމެނެއެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުން ނެތި، 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެ އެވެ.

ސަރުކާރުން ބުނެފައިވަނީ ކުރިއަށް އޮތް ތިން މަސްތެރޭ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ. މިހާތަނަށް ރާއްޖެއިން 2,283 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި ބަންގްލަދޭޝްގެ 1,189 މީހުން ހިމެނެއެވެ. އަދި ބަލީގައި ރާއްޖެއިން މަރުވި އަށް މީހުންގެ ތެރޭގައި ވެސް އެ ގައުމުގެ ހަތަރު މީހުން ހިމެނެއެވެ.

comment ކޮމެންޓް