އަސްލަމަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ސަރުކާރުން ބޭއްވި "ވިއަވަތި ރާއްޖެ" ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗާގެ މިނިސްޓަރު ކަމަށް، މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓު ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށް، އުފެއްދެވި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރުކަމަށް މުހައްމަދު އަސްލަމް އައްޔަނު ކުރެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

މިނިސްޓަރު އަސްލަމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވީ 15 ވަނަ ދުވަހުއެވެ. ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެ މަތިން މިނިސްޓަރު ކަމަށް އަލަށް އައްޔަނުކުރާ ފަރާތަކަށް މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.

އެ މައްސަލައިގައި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިދިޔަ ހަފްތާގައި ނިންމާފައި ވަނީ މިނިސްޓަރު އަސްލަމަށް ރުހުން ދިނުމަށެވެ.

ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ އުވާލައި، އެތަނުގެ މަސައްކަތްތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރީ ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ޝަކޫރު، ސިއްހީ ސަބަބުތަކަކަށްޓަކައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ކަންތައް ހިންގާފައިވަނީ އެއް މިނިސްޓްރީއެއްގެ ދަށުންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވުޒާރާތައް އެކުލަވާލި އިރު ހައުސިންގްއާ ބެހޭ ކަންކަމަށާއި ނޭޝަނަލް ޕްލޭނިންގް އަދި އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ދެ ވުޒާރާއެއްގެ ދަށުން ކުރިއަށް ގެންދަވަން ނިންމަވައި، ދެ ވުޒާރާއެއް އުފެއްދެވީއެވެ.

މީގެ ކުރިން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައިވެސް ގެދޮރާ ބެހޭ ވުޒާރާ (މިނިސްޓްރީ އޮފް ހައުސިންގް އެންޑް އެންވަޔަރަމަންޓް)ގެ މިނިސްޓަރުކަމުގައި ހުންނެވީ އަސްލަމްއެވެ.

comment ކޮމެންޓް