ތެލެސީމިއާ ކުއްޖެއްގެ ފަރާތުން ރައީސް ނަޝީދަށް: ވެރިކަމުގައި ހުންނެވި އިރު ވަގުތެއް ނުވި!

ރައްޔިތުންްގެ މަޖިލީހުގެ ރަައީސް، މުހައްމަދު ނަޝީދު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުން -- ފޮޓޯ/ މަޖިލިސް

"މަނިކުފާނު ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުމުން އުފާވި. އެކަމަކު އަޅުގަނޑުގެ އެހެން އެކުވެރިން މަނިކުފާނަށް ޝުކުރު އަދާކުރި ގޮތަށް، އަޅުގަނޑަށް އެކަން ކުރެވޭކަށް ނެތް. މި ބަޔާންކޮށްލަނީ ބައެއް ސަބަބުތައް،"

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ވަޑައިގަތުމާ ގުޅިގެން، ތެލެސީމިއާ ކުއްޖަކު ކުރި ޓުވީޓުތަކެއް ފަށަމުން ބުނެފައި ވަނީ މިހެންނެވެ.

މަޖިލިސް ރައީސްގެ ޒިޔާރަތާ ގުޅިގެން އެ ޒުވާނާ ވަނީ އޭނާގެ ހިތުގައި ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލައިފައެވެ.

މަޖިލިސް ރައީސް ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުމުން އުފާވި ނަމަވެސް، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެވެން ނެތް ސަބަބެއްގެ ގޮތުގައި އެ ޒުވާނާ ބުނެފައި ވަނީ، ތެލެސީމިއާ ކުދިންގެ ކަންބޮޑުވުންތަކާ އެކުދިންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރަން އެޕޮއިންޓްމަންޓެއް ހަމަނުޖެހުނު ހަމައެކަނި ރައީސަކަށް، ނަޝީދު ވެވަޑައިގަތުމެވެ.

އެ ޒުވާނާ ބުނެފައި ވަނީ، ތެލެސީމިއާ ކުދިންގެ ހާލު ބަލަން ނަޝީދު ވަޑައިގަންނަވަންވީ މިއަދު ނޫން ކަމަށެވެ.

"ތި ވަޑައިގަތީ 12 އަހަރު ފަހުން. މަނިކުފާނު އަޅުގަނޑުމެންގެ ގާތަށް ވަޑައިގަންނަވަންވީ ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އިރު. އަޅުގަނޑުމެން މަސައްކަތް ކުރިން. އޭރު މަނިކުފާނަށް ވަގުތެއް ނުވި،" އެ ޒުވާނާ ބުނެފައިވެއެވެ.

ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ބިލު ތަސްދީގުކުރުމަށް ފޮނުވި ތިން ފަހަރުވެސް، ރައީސްކަމުގައި ހުންނަވައި ނަޝީދު އެ ބިލު ތަސްދީގުނުކޮށްނުދެއްވިކަން ވެސް ސަބަބެއްގެ ގޮތުގައި އެ ޒުވާނާ ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު ތެލެސީމިއާ ކުދިންނަށް ބޭނުންވާ މެޑިކަލް ސަޕްލައި ނުލިބި ތިން މަހަށް ވުރެ ގިނަ ދުވަސްވެގެން ދިއުމާއި، އަދިވެސް އެކުދިންނަށް ދިމާވާ އެކި ގޮންޖެހުންތަކާ ގުޅިގެން ރައީސް ނަޝީދަށް ފޮނުވި އެތައް ސިޓީއަކަށް، މިއަދާ ހަމައަށް ވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް ޒުވާނާ ބުންޏެވެ.

މި ހުރިހާ ޝަކުވާތައް ހުރި ނަމަވެސް، މަޖިލިސް ރައީސްގެ ހައިސިއްޔަތުން ނަޝީދު ތެލެސީމިއާ ސެންޓަރަށް ވަޑައިގަންނަވާކަން އެނގުމުން، އެކަމާ ވަރަށް ބޮޑަށް އުފާވިކަން ޒުވާނާ ފާހަގަކުރިއެވެ.

ތެލެސީމިއާ ކުދިންނާ ބައްދަލުކޮށް، އެކުދިންގެ ޝަކުވާތައް އަޑުއަހާނެ ކަމަށް އުންމީދުކޮށްގެން ތިބިކަމަށާއި، އެހެން ނަމަވެސް އެދުވަހު ވެސް ނަޝީދު އުޅުއްވީ އެތަނުން އަވަހަށް ވަޑައިނުގަަނެވިގެން ކަމަށް ޒުވާނާ ބުނެފައިވެއެވެ.

"މަނިކުފާނާ ވާހަކަދައްކާލެވޭނެ ގޮތެއް ހޯދަން ވަރަށް މަސައްކަތްކުރިން. އެހެން ނަމަވެސް މެމްބަރު އީސަ [ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ] މަޖިލިސް ރައީސް އާއި އަޅުގަނޑުމެންގެ އެކުވެރިިޔާގެ ވާހަކަތަކުގެ މެދަށް ވެންނެވީ،" ޒުވާނާ ބުންޏެވެ.

އެ ޒުވާނާ ބުނީ، މަޖިލިސް ރައީސް ތެލެސީމިއާ ސެންޓަރަށް ކުރެއްވި ޒިޔާރަތުން ފެނިވަޑައިގަންނަވާނީ، ސެންޓަރުގެ ވެރިން އެމަނިކުފާނަށް ދައްކަވަން ބޭނުންވެވަޑައިގެންނެވި އެއްޗެއް އެކަނި ކަމަށެވެ.

އަދި މަޖިލިސް ރައީސް ވަޑައިގަތުމުގެ ކުރިން، ސެންޓަރުގެ އަސްލު ހާލަތު ފޮރުވާފައިވާ ކަމަށާއި، އެ ދުވަހު މަޖިލިސް ރައީސް އަށް ފެނިވަޑައިގަތީ ހަގީގަތް ނޫން ކަމަށެވެ.

އަދި ދެން ފަހަރަކުން ކުއްލި ޒިޔާރަތެއް ކޮށްލައްވައިފިނަމަ ބޮޑު މަަންޒަރު ފެނިވަޑައިގަންނަވާނެ، ކަމަށް ވެސް ޒުވާނާ ބުންޏެވެ.

"އެހެންވީމަ މަނިކުފާނު ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުން އަޅުގަނޑު ބަލައިގަންނަން، އެކަމަކު އެކަމަށް އަދި ޝުކުރު އަދާކުރެވޭކަށް ނެތް. ވަރަށް ބައިވަރު މަސައްކަތް ކުރަން އެބަހުރި. މަނިކުފާނު. އަޅުގަނޑު. އަޅުގަނޑުމެން އަދި މަޖިލިސް މެމްބަރުން. މަނިކުފާނާއި މަޖިލިސް މެމްބަރުންނަށް އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެވިއްޖެނަމަ އުމުރު ދުވަހަށް ޝުކުރުވެރިވާނަން. އެކަމަކު އެކަން ކުރެވެންދެން...." ޒުވާނާގެ ވާހަކަ ނިންމާލީ މިހެން ބުނުމަށްފަހުއެވެ.

އެ ޒުވާނާ ބުނެފައި ވަނީ މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މަސައްކަތް ކުރަމުން އަންނަނީ ތެލެސީމިއާ ކުދިންގެ ހައްގުތައް ހޯދައިދީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އަދި އެއްވެސް ސަރުކާރަކަށް ތެލެސީމިއާ ކުދިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދެވިފައި ނުވާކަން ވެސް ޒުވާނާ ފާހަގަކުރިއެވެ.

ތެލެސީމިއާ ކުދިން އަންނަނީ އެކުދިންނަށް މައްސަލަތަކަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ވަރަކަށް ސަމާލުކަން ނުދޭ ކަމަށް ބުނެ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.

އެގޮތުންް ތެލެސީމިޔާ ބަލި ހުންނަ ފަރާތްތަކުން ހަށިގަނޑުގައި ދަގަނޑު ހުންނަ މިންވަރު ހިފެހެއްޓުމަށް ކާންޖެހޭ ސިޓްރޮޕޯންގެ އެންމެ ފަހުން ދޫކުރި ބޭހުގެ ފެންވަރު ދަށްކަމަށް އެކުދިން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން، ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތަކުގެ އިތުރުން، ސެންޓަރު ހިންގަމުން އަންނަ އިމާރާތުގެ ހާލަތާ މެދުވެސް ގިނަ ކުދިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިމާރާތުގެ މަރާމާތުގެ ކަންކަން ނުކުރާއިރު، އިމާރާތުގެ ފާރެއްގެ ތެރެއިން ބޮޑު ގަހެއް ފޯދެމުން އަންނާތީ އެކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް