ޑި ހެވިލަންޑްގެ ރިލަޔަބިލިޓީ އެވޯޑް މޯލްޑިވިއަންއަށް

މޯލްޑިވިއަންގެ ޑޭޝް8 މަރުކާގެ އެއާކްރާފްޓެއް --- ސަން ފައިލް ފޮޓޯ

ކެނެޑާގެ އެއާކްރާފްޓް މެނުފެކްޗަރާ ޑި ހެވިލަންޑް އެއާކްރާފްޓް އޮފް ކެނެޑާއިން ދޭ "އެއާކްރާފްޓް ރިލަޔަބިލިޓީ އެވޯޑް 2019" ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް ލިބިއްޖެ އެވެ.

މި އެވޯޑަކީ ޑި ހެވިލަންޑް ކުންފުނިން އުފައްދާ ޑޭޝް8 މަރުކާގެ މަތިންދާބޯޓު އޮޕަރޭޓަރުންގެ ތެރެއިން ލަސްތަކެއް ނެތި، ފްލައިޓް ޝެޑިއުލްކުރާ ގަޑިއަށް ދަތުރުތައް ފަށާ އޮޕަރޭޓަރުންނަށް ދޭ އެވޯޑެކެވެ.

މޯލްޑިވިއަންއަށް މި އެވޯޑް ލިބިފައިވަނީ ޑޭޝް-8 100/200/300 އެއާކްރާފްޓް ކެޓަގަރީން، އޯޝޭނިއާ ސަރަހައްދުންނެވެ.

މޯލްޑިވިއަންގައި ޑޭޝް8-300 މަރުކާގެ އަށް އެއާކްރާފްޓު، އަދި ޑޭޝް8-200 ގެ ދެ އެއާކްރާފްޓު އޮވެއެވެ.

މޯލްޑިވިއަންއާއެކު އިތުރު ހަތް އެއާލައިނަކަށް މި އެވޯޑް ވަނީ ލިބިފަ އެވެ. އެ އެވޯޑު ލިބުނު ފަރާތްތަކަށް ޑި ހެވިލަންޑްގެ ފަރާތުން މަރުހަބާ ކިޔާފައިވަނީ ވާޗުއަލްކޮށް ކުރިއަށްގެންދިޔަ ބައްދަލުވުމެއްގަ އެވެ.

ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި ހީނަރުކަމާއެކު ވެސް މުދަލާއި ފަސިންޖަރުން އުފުލުމުގައި ޑޭޝް-8 އޮޕަރޭޓުން ކޮށްފައިވާ މަސައްކަތްތައް ޑި ހެވިލަންޑުން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ޑޭޝް8 މަރުކާއަކީ މިފަދަ ދަނޑިވަޅުތަކުގައި ވެސް ބޭނުން ކުރެވޭ، ތެލުގެ ހަރަދާއި ހިންގުމުގެ ހަރަދު ވެސް ކުޑަ އެއާކްރާފްޓެއް ކަން ޑި ހެވިލަންޑުން ފާހަގަކުރެ އެވެ.

ޑި ހެވިލަންޑް ކެނެޑާއަކީ ޑޭޝް-8 މަރުކާގެ އެއާކްރާފްޓް އުފައްދާ އަދި ވިއްކާ ކުންފުންޏެވެ.

comment ކޮމެންޓް