އާތުރްގެ ޓްރާންސްފާގެ އެެއްވެސް މައުލޫމާތެއް ނޭންގޭ: ސެޓިއެން

ބާސެލޯނާގެ މިޑްފީލްޑަރު އާތުރް މެލޯ ދެކުޅުންތެރިން އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ/ލައިވްސްކޯ

ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު އާތޫރް މެލޯ 80 މިލިއަން ޔޫރޯއަށް ޔުވެންޓަސްއަށް ވިއްކާލަން އެކުލަބުން އެއްބަސްވެފައިވާ ކަމުގެ ވާހަކަތައް ފެތުރެމުން ދިޔަ ނަމަވެސް އެކަމުގެ އެއްވެސް ރަސްމީ މައުލޫމާތެއް ނޭންގޭ ކަމަށް އެކުލަބުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

ބާސެލޯނާއިން ބްރެޒިލްގެ ގްރެމިއޯ އިން 2018 ވަނަ އަހަރު 31 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަގަކަށް ގެނައި އާތުރް ޔުވެންޓަސްއަށް ދޫކޮށްލަން އުޅޭ ކަމަށް މީޑިއާގައި ވަރަށް ބޮޑަށް ވާހަކަތައް ފެތުރިފައިވާ އިރު އާތުރުގެ ބަދަލުގައި މިރަލެމް ޕިޔަނިކް ބާސެލޯނާއަށް ދޭނެ ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. އެހެން ނަމަވެސް މި ދެކުލަބުގެ ދެމެދުގައި ރަސްމީ ވާހަކަތަކެއް މިކަމާ ގުޅޭ ގޮތުން ދެކެވުނު ކަމެއް ނޭންގޭ ކަމަށް ބާސެލޯނާގެ ކޯޗު ވަނީ ބުނެފަ އެވެ.

އާތުރްއާ ބެހޭ ގޮތުން މިފަދަ ވާހަކަތަކެއް ފެންމަތިވެފައިވީ ނަމަވެސް މިރޭ ސެލްޓާ ވީގޯއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގެ ސްކޮޑަށް އޭނާ ވަނީ ނަގައިފަ އެވެ. އަދި ރަނގަޅު ފިޓްނަސްއެއްގައި ހުރި ނަމަ ފުރަތަމަ އެގާރައިގައި ވެސް ހިމަނާނެ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

"އާތުރް އަކީ އަދި ބާސެލޯނާ ކުޅުންތެރިއެއް. އެހެން ކުޅުންތެރިންނެކޭ ހަމަ އެއްގޮތަށް ޕްރެކްޓިސްތަކުގައި ވެސް ބައިވެރިވޭ، އަދި މިރޭގެ މެޗުން ވެސް ފެނުމަކީ އެކަށީގެންވާ ކަމެއް،" ބާސެލޯނާގެ ކޯޗު ސެޓިއެން ބުންޏެވެ.

އޭނާ ބުނީ، މީޑިއާގައި ފެތުރެމުންދާ ވާހަކަތަކުގެ ސަބަބުން އާތުރުގެ ކުޅުމަށް ނޭދެވޭ އަސަރެއް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އާތުރްއަކީ އޭނާ ކުޅޭ ކޮންމެ މެޗެއްގައި ވެސް ހުރި ހިތްވަރެއް ލައި 100 ދޭނެ ކުޅުންތެރިއެއްކަން ސެޓިއެން ވަނީ ފާހަގަ ކޮށްފަ އެވެ.

"ބާސެލޯނާއަކުން އަދި ނާންގާ އާތުރްގެ ޓްރާންސްފާގެ އެއްވެސް މައުލޫމާތެއް. ކަންތައް ކޮންމެ ގޮތަކަށް ވީނަމަވެސް އާތުރު މި ސީޒަން ނިމެންދެން ބާސެލޯނާގައި މަޑު ކުރާނެކަން ޔަގީން."

comment ކޮމެންޓް