ފަސޭހަ މޮޅަކާއެކު ޔުވެންޓަސްއަށް ހަތް ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ލެއްޗޭ ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-4 އިން ކާމިޔާބު ކުރީ ޔުވެންޓަސް --- ފޮޓޯ/ ލައިވްސްކޯ

އިޓާލިއަން ލީގުގައި ރޭ ލެއްޗޭ އަތުން ހޯދު ފަސޭހަ މޮޅާ އެކު ޔުވެންޓަސް ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑަކާއެކު ހަމަޖެހިލައިފި އެވެ.

ޔުވެންޓަސްގެ އެލަޔަންޒް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ލެއްޗޭ އަތުން ހޯމް ޓީމު ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޔުވެންޓަސް ތާވަލުގެ އެއްވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލާޒިއޯ އަށް 27 މެޗުން 62 ޕޮއިންޓް ލިބިފައިވާ އިރު އެ ދެ ޓީމާއެކު ޗެމްޕިއަންކަމަށް ވާދަކުރާ އިންޓަ މިލާން ތިން ވަނައިގައި އޮތީ 27 މެޗުން 58 ޕޮއިންޓާއެކު އެވެ.

ރޭގެ މެޗުން ބަލިވި ލެއްޗޭ 28 މެޗުން ލިބުނު 25 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުގައި އޮތް އިރު އެ ޓީމު މިހާތަނަށް މޮޅުވެފައިވަނީ އެންމެ ހަ މެޗުންނެވެ. ތާވަލުގެ 18 ވަނައިގައި ލެއްޗޭ އޮތް އިރު އެ ޓީމުން ރެެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލުމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. އެއީ 17 ވަނައިގައި އޮތް ގެނޯއަށް ވެސް 25 ލިބިފައި ވުމާ އެކީގަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އިރު، މެޗުގެ 31 ވަނަ މިނެޓުގައި ލެއްޗޭގެ ފަބިއޯ ލުސިއޯނީ އަށް ރަތްކާޑެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އެއާއެކު ޔުވެންޓަސްގެ ކުޅުން ވަރުގަދަކޮށް އެ ޓީމުން ވަނީ ދެވަނަ ހާފުގެ ތެރޭގައި ހަތަރު ގޯލު ޖަހައިފަ އެވެ.

އެގޮތުން ފުރަތަމަ ގޯލު ކޮރޯނާގެ ޝިކާރައަކަށްވި ޕައޮލޯ ޑީބަލާ ޖެހިއިރު، ދެ ވަނަ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ މިފަހަރުގެ ލީގުގައި ޖެހި 23 ވަނަ ގޯލެވެ. ފަހު ދެ ގޯލް ޖެހީ ގޮންޒާލޯ ހިގުއައިން އާއި މަތިއަސް ޑި ލީޓް އެވެ.

ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ 10 ވަރަކަށް މެޗު އޮތް އިރު ޔުވެންޓަސްއާ އެކު ތަށްޓަށް އެންމެ ވާދަކުރާ ލާޒިއޯ މިރޭ ފިއޮރެންޓީނާ އަތުން މޮޅުވެގެން، ޔުވެންޓަސްއާ ހަތަރު ޕޮއިންޓަށް އަނެއްކާ ވެސް ފަރަގު ކުޑަކުރެވޭނެ އެވެ.

comment ކޮމެންޓް