ބޯޓަކުން މޫދަށް ވެއްޓުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ސިފައިންގެ އުޅަނދު، ޝަހީދު އަލީ -- ފޮޓޯ/ އެމްއެންޑީއެފް

ތިލަފުށީ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫދަށް ވެއްޓުނުފަހުން ގެއްލިގެން ހޯދަމުން އައި ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެއީ "ގޭސް އެޓްލާންޓިކް" ކިޔާ ބޯޓަކުން މޫދަށް ވެއްޓުނު އިންޑިއާގެ މީހެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ބިދޭސީ މީހާ ގެއްލުނު ކަމުގެ ރިޕޯޓް ސިފައިންނަށް ލިބުނީ މިރޭ 22:20 އެހައިކަންހާއިރު ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 12:30 އެހައިކަންހާއިރު، ކަނޑުގެ 50 މީޓަރު އަޑިން މަރުވެފައި އޮއްވާ ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ބޯޓުން ދެ ބިދޭސީއަކު މޫދަށް ވެއްޓުނު ކަމަށާއި، އެ ސަރަހައްދުގައި މަސްވެރިކަން ކުރުން އުޅުނު ޑިންގީއަކަށް އެތަނުން އެކަކު ފެނިގެން ނަގާފައިވާ ކަަމަށެވެ.

އަދި މިހާރު އޭނާއަށް ފަރުވާ ދިނުމަށް ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ށ. އަތޮޅުގައި ހިނގަމުން އަންނަ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ ސަޕްލައި ޖޭޓީން މޫދަށް ފުންމާލި ބިދޭސީއަކު ވެސް ވަނީ ގެއްލިފައެވެ.

އެ ރިސޯޓުގެ މުދިމުގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެ މީހާ ހޯދަން ކުރި މަސައްކަތުން އޭނާގެ އެއްވެސް ހަބަރެއ ވެފައެއް ނުވެއެވެ.

comment ކޮމެންޓް