ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީއަކު ގެއްލިގެން ހޯދަނީ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ތިލަފުށީ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ "ގޭސް އެޓްލާންޓިކް" ކިޔާ ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީއެކެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 22:20 ހާއިރު ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ބޯޓުން ދެ ބިދޭސީއަކު މޫދަށް ވެއްޓުނު ކަމަށާއި، އެ ސަރަހައްދުގައި މަސްވެރިކަން ކުރުން އުޅުނު ޑިންގީއަކަށް އެތަނުން އެކަކު ފެނިގެން ނަގާފައިވާ ކަަމަށެވެ.

އަދި މިހާރު އޭނާއަށް ފަރުވާ ދިނުމަށް ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް ދެވަނަ މީހާގެ ހަބަރެއް ނުވެގެން މިހާރު އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ށ. އަތޮޅުގައި ހިނގަމުން އަންނަ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ ސަޕްލައި ޖޭޓީން މޫދަށް ފުންމާލި ބިދޭސީއަކު ވެސް ވަނީ ގެއްލިފައެވެ.

އެ ރިސޯޓުގެ މުދިމުގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެ މީހާ ހޯދަން ކުރި މަސައްކަތުން އޭނާގެ އެއްވެސް ހަބަރެއ ވެފައެއް ނުވެއެވެ.

comment ކޮމެންޓް