ސެޕްޓެމްބަރު މަހު މެތަޑޯން މެއިންޓެނަންސް ތެރަޕީ ފަށަނީ

ޖެންޑާ މިނިސްޓަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ، އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި އަލުން ފަށަން މަޝްވަރާކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މެތަޑޯން މެއިންޓެނަންސް ތެރަޕީ އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް، ތަފާތު ސަބަބުތަކާހެދި މީގެ ތިން އަހަރު ދުވަސް ކުރިން އެ ޕްރޮގްރާމް ވަނީ ހުއްޓާލައިފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި މެސެޖުގައި ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި އިންޑިޔާގެ އޯލް އިންޑިޔާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަންނީ އެހީތެރިކަމާއެކު އެ ޕްރޮގްރާމް އަލުން ފެށުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އަދި އެ ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭން ބޭރުން ގެނެސް، ސެޕްޓެމްބަރު މަހު ފަރުވާގެ މަސައްކަތް ފެށުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި މެސެޖުގައި ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އެކަމުން ސަލާމަތްވެފައިވާ ބައެއްގެ ގޮތުގައި އެމީހުން އަނބުރާ މުޖްތަމައަށް ނެރުމަކީ ބުރަ އަދި އެހާމެ ގޮންޖެހުން ގިނަ މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަރުވާ ބޭނުންވާ ގިނަ ފަރާތްތަކަކަށް ފަރުވާގެ އިންތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި ބޭނުންވާ ފަރުވާ ލިބުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަމުގައި އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި މިކަމުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި، ސިއްހީ ފަރުވާދޭ މަރުކަޒުތަކާއި އަދި އަމިއްލަ ޖަމްއިއްޔާތަކާއި ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ އެކަމުން ލިބޭ ނަތީޖާ މިހާރަށްވުރެ އެތައް ގުނައެއް ބޮޑުތަނުން ރަނގަޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާދިނުމުގެ މަސައްކަތް ކުރެވެމުން އަންނައިރު، މި މަސައްކަތަކީ އަބަދު ތަރައްގީވެ، އާ ހޯދުންތަކާއި އެވިޑެންސް ބޭސްޑް އެޕްރޯޗް ބޭނުންކުރަމުން ގެންދަން ޖެހޭ މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ސަބަބުން ދިވެހި ޒުވާން ޖީލަށް ނުރައްކާ ވަމުން އަންނައިރު، މިކަމުގައި އެންމެން ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގޭތެރެއިން ފެށިގެން ރީހެބިލިޓޭޝަން ސެންޓަރާ ހިސާބަށް، އަދި ރީހެބިލިޓޭޓް ވުމަށްފަހު މުޖަތަމައުއަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ އައުމަށްފަހުވެސް، އެމީހަކީ މުޖްތަމައުން ބަލައިގަންނަ މީހަކަށް ހެދުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ހަމައެކަނި އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އާންމު ފަރުދުންނާއި މުޅި މުޖްތަމައު ބައިވެރި ވާން ޖެހޭ ކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެންމެން ގުޅިގެން ކުރެވޭ ހަރުދަނާ މަސައްކަތަކުން މަސްތުވާތަކެތީގެ ނުރައްކާ މުޅި ޤައުމުން ނައްތާލެވިދާނެކަމީ ޝައްކެއް އޮތްކަމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ލާޒިމުކުރާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު މިއަހަރު ގާއިމު ކުރެވި، އެ ސެންޓަރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ބަންދުގައި ތިބޭ މީހުނަށް ބޭނުންވާ އަސާސީ ފަރުވާ ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ރަނގަޅަށް އަޅާލުމަށް – ރަނގަޅު މައުލޫމާތު" ލިބުމުގެ މުހިންމުކަމެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއިލާތަކުން އެކަހެރި ކޮށްނުލާ އެކަމުން ދުރުހެލި ކުރެވޭނީ ފުރިހަމަ މައުލޫމާތު ލިބިގެން ކަމަށާއި އާއިލާގެ ތެރެއިންނާއި، އެކިއެކި ފަންނީ ފަރާތްތަކުންނާއި އަދި އިދާރާތަކުންވެސް މައުލޫމާތު ލިބިގެން ކަމެވެ.

comment ކޮމެންޓް