ބޯޓެއްގައި ހާލުގައި ޖެހިފައި ތިބި ރޮހިންގާއިން ސަލާމަތް ކުރީ އިންޑޮނޭޝިއާގެ މަސްވެރިން

އިންޑޮނޭޝިއާގެ މަސްވެރިންތަކެއް އަމިއްލައަށް އިސް ނަގައިގެން ވަނީ ހާލުގައި ޖެހިފައި ތިބި ރޮހިންގާއިން ސަލާމަތްކޮށްފަ -- ފޮޓޯ: ރޮއިޓާސް

ޖަކާޓާ (ޖޫން 26): އިންޑޮނޭޝިއާ ކައިރީ ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރޮހިންގާ ރައްޔިތުންގެ 94 މީހަކު، އިންޑޮނޭޝިއާގެ މަސްވެރިންތަކެއް އަމިއްލައަށް އިސްނަގައިގެން ސަލާމަތްކޮށްފި އެވެ.

މިޔަންމާއިން ރޮހިންގާ ދަރިކޮޅުގެ މީހުންނާމެދު އަމަލު ކުރަމުންދާ އަނިޔާވެރި ގޮތުން ސަލާމަތްވުމަށް އެގައުމު ދޫކޮށް ދިޔަ 94 މީހަކު ތިބި އެ ބޯޓުގައި 30 ކުޑަކުދިންވެސް ތިއްބެވެ. އަދި އިންޑޮނޭޝިއާގެ މެރިޓައިމް އޮފިޝަލުން ސުމަތުރާ ކައިރިން އެ ބޯޓު ހުއްޓުވި އެވެ. އަދި އަޗޭ ޕްރޮވިންސުގެ ލޮކްސުމާވީ ސިޓީގެ ގޮނޑުދޮށް ކައިރިއަށް އެ ބޯޓު ކައިރި ކުރި ނަމަވެސް، ކޮރޯނާވައިރަސް ފެތުރި ދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ އެ ސިޓީގެ އޮފިޝަލުން އެމީހުން ބޯޓުން ފޭބުމަށް ހުއްދަ ނުދިނެވެ.

ނަމަވެސް އެ ސިޓީގެ ބައެއް ރައްޔިތުން ވަނީ އެ ނިންމުމާ މެދު ނުރުހުން ފާޅުކޮށްފަ އެވެ. އަދި އިއްޔެ ބައެއް މީހުން ވަނީ އެމީހުންގެ އަމިއްލަ ބޯޓެއް ބޭނުންކޮށްގެން، ރޮހިންގާއިން ތިބި ބޯޓު ގޮނޑުދޮށާ ކައިރިކޮށް އެމީހުން ސަލާމަތްކޮށްފަ އެވެ. އެ މަސައްކަތުގައި އިސްކޮށް ތިބީ ތިން މަސްވެރިއެއް ކަމަށް ޖަކާޓާ ޕޯސްޓުން ރިޕޯޓު ކުރި އެވެ.

ލޮކްސުމާވީގެ ރައްޔިތުން މުޒާހަރާކޮށް، އެމީހުން އަމިއްލައަށް ރޮހިންގާއިން ސަލާމަތް ކުރުމާ ގުޅިގެން އެ ސިޓީގެ އިސްވެރިން ވަނީ ރޮހިންގާއިންނަށް ވަގުތީ ހިޔާ ދޭން ނިންމާފަ އެވެ. އަދި އަޗޭގެ ރެސްކިއު އޭޖެންސީން ވަނީ އެމީހުން ކޮރޯނާވައިރަހަށް ޓެސްޓު ކުރާނެ ކަމަށް ބުނެފަ އެވެ.

ރޮހިންގާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް އެގައުމުގެ ސަރުކާރުން ވަނީ ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ރަށްވެހިކަން ދިނުމާއި މިނިވަންކަމާ އެކު ދަތުރުފަތުރު ކުރުން ފަދަ ހައްގުތައް ދޭން ދެކޮޅު ހަދާފަ އެވެ. އަދި މިޔަންމާގައި ގިނަ އަދަދެއްގެ ރޮހިންގާއިން ދިރިއުޅޭ ރާހިން ސްޓޭޓުގައި 2017 ވަނަ އަހަރު އެގައުމުގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ބައެއް އަވަށްތައް އެއްކޮށް އަންދާ، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކޮށް، މެރި ކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ. އޭގެ ސަބަބުން މިޔަންމާ ދޫކޮށް ގޮސް، ބަންގުލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅެން ޖެހިފައިވާ ރޮހިންގާއިންގެ އަދަދު ވަނީ އެއް މިލިއަނަށް އަރާފަ އެވެ.

comment ކޮމެންޓް