މިއީ އަޅެ ފަހެ ކޮންފަދަ ކަމެއްތަ ...

ޖޫން 15، 2020: ރައްކާތެރިކަމުގެ ފިިޔަވަޅުތައް އަޅައި، ޖަމާއަތް ނުހަދާގޮތަށް މިސްކިތް ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މޯލްޑިވިޔަން ޑިމޮކްރަސީ ނެޓްވޯރކް" އެވެ ކިޔާ ޖަމްޢިއްޔާއިން މުސްލިމުންނާއި އިސްލާމް ދީނަށް ފުރައްސާރަ ކޮށް، މުސްލިމުން އިލާހު ކަމުގައި ބަލައިގަންނަ މަތިވެރިވަންތަ ﷲ ސުބުޙާނަހޫ ވަ ތަޢާލާޔަށް ގޮން ޖަހައި، އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ބަދުބަސް ރައްދު ކޮށް، މުސްލިމުން އެމީހުންގެ އަމިއްލަ ނަފުސުތަކަށް ވުރެ ޙުރުމަތްތެރިކޮށް ހިތާ ކީރިތި ޤުރްއާނަށް ޖޯކު ޖަހައި، މުސްލިމުންގެ ޝުޢޫރުތަކަށް އެއްވެސް އިޙުތިރާމެއް ނެތި ހިތަށް އެރިހައި އެއްޗެހިތަކެއް ގޮވި ހަނދާން އަދި އެކަކުވެސް ނެތޭހައި ދުވަހެއް ނުވެއެވެ. މިހާރު ލައިގަނެގެން މި އުޅެނީ އެފަދަ އަނެއް ކަންތަކާއެވެ. މި ފަހަރު ތާކުންތާކު ނުޖެހޭ "ރިޕޯޓެއް" ލިޔެގެން މި އުޅެނީ "އުތެމަ" އެވެ ކިޔާ ބައެކެވެ. ހަމަ އެއް ވާހަކަތަކެވެ. ޢިލްމީ އެއްވެސް އަސާސަކަށް، ބުއްދީގެ އެއްވެސް ހަމަޔަކަށް، ޟަމީރުގެ އެއްވެސް އުޞޫލަކަށް ތަބަޢަ ވުމެއް ނެތި، އެ ލިޔުނު ބަޔަކު ބޭނުންވާހައި ގޮތަކަށް އަޅުގަނޑުމެންގެ އަމިއްލަ ޤައުމާއި، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގެ ނިޒާމުތައް ބަދަލު ކުރާން މަޖުބޫރު ކުރުވުމަށް ޓަކައި، ދުނިޔޭގައި ބާރުވެރިކަމާއި ފައިސާ ހުރި މީހުންގެ ގާތުގައި ކުޓުވާ ކުޓުވުންތަކެވެ.

މި ރިޕޯޓުތަކެއް ލިޔާ ބަޔަކުގެ ބަހުގައި، އަޅުގަނޑުމެންނަށް އެކައްޗެއް ވެސް ނޭނގެއެވެ. އިންސާނީ ޙުރުމަތާއި، އިންސާނީ ކަރާމާތާއި އިންސާނީ ޙައްޤުތައް ވެސް އެނގެނީ އެމީހުންނަށެވެ. އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ޤައުމުގެ ޤާނޫނުތައް ހުންނާން ވީ ގޮތް ވެސް އެނގެނީ އެމީހުންނަށެވެ. އަޅުގަނޑުމެންނަށް އެކައްޗެއް ވެސް ނޭނގެއެވެ. އިލާހަކު ވޮޑިގެންވާކަން ނުވަތަ ނޫންކަމާއި، އެކަލާނގެ ރަސޫލުން ފޮނުއްވިކަން ނުވަތަ ނޫންކަމާއި، އެކަލާނގެ ފޮތް ބާވައިލެއްވިކަން ނުވަތަ ނޫންކަމާއި، ބާވައިލެއްވި ނަމަ ބާވައިލެއްވި ފޮތަކީ ކޮބައިކަން ވެސް އެނގެނީ އެމީހުންނަށެވެ. އަޅުގަނޑުމެންނަކަށް އެނގޭ ކަމަކަށެއް ނުވެއެވެ. ޚުރާފާތާއި ޙަޤީޤަތާ ވަކި ކުރާން އެނގެނީ ވެސް ހަމައެކަނި އެމީހުންނަށެވެ. އަޅުގަނޑުމެންގެ ސިކުނޑިތަކުގައި އެ ޤާބިލުކަމެއް ވެސް، އެމީހުން ބުނަނީ ނެތް ކަމުގައެވެ. ސައެންސަކީ ކޯއްޗެއް ކަމާއި، ސައެންސުގެ އަލީގައި އިންސާނާޔަށް އެނގިފައި ހުރި އެއްޗެއްސަކީ ކޮބައިކަން ވެސް އެއީ ހަމައެކަނި އެމީހުންނަށް އެނގޭ ޢިލްމެވެ. އަޅުގަނޑުމެންނަކަށް އެއިން ކަމެއް ވެސް އެނގޭ ކަމަކަށެއް ނުވެއެވެ. މުޖުތަމަޢުގައި ފިރިހެނުންނާއި އަންހެނުން އުޅޭންވީ ގޮތާއި، މީހުންގެ މެދުގައި ޖިންސީ ގުޅުންތައް އޮންނާން ވީ ގޮތް ވެސް، އެމީހުންގެ ނަޒަރުގައި، އަޅުގަނޑުމެން ކިޔަވާން ވީ އެމީހުންގެ ގާތުންނެވެ. ޢާއިލާގެ ނިޒާމު އޮންނާން ވީ ގޮތާއި ދަރީން ތަރުބިއްޔަތު ކުރާން ވީ ގޮތް ވެސް އަޅުގަނޑުމެންނަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެޔޯލައެވެ. ހުރިހައި ކަމެއް ވެސް އަޅުގަނޑުމެން ވީ އެމީހުން ބުނާ ގޮތަށް ކުރާށެވެ.

އެމީހުންނަށް މި ހުރިހައި ކަމެއް އެނގެނީ، ދޮން މީހުންގެ ގާތުން ކިޔެވުނީމަ ކަމަށް ފެނެއެވެ. އިނގިރޭސި ވިލާތާއި، އޮސްޓްރޭލިޔާގެ ޔުނިވަރުސިޓީތަކުން ފާސްތައް ނެގުނީމަ ކަމަށް ފެނެއެވެ. އެ ހިސާބުން، އެމީހުންނަށް ކަމުދަނީ ދޮން މީހުން އުޅޭ ގޮތެވެ. އެމީހުންނަށް ދޮން މީހުން ފެންނަނީ، ދެކުނު އެމެރިކާގެ ބައެއް ޤަބީލާތަކަށް، ޔޫރަޕުން އައި އިސްތިޢުމާރީ ލަޝްކަރުތައް ފެނުނު ފަދައިން ތޯއްޗެކެވެ. ބުނެވޭ ގޮތުގައި، ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކުގެ މީހުންނަށް ހީ ވީ ޔޫރަޕުން އައި ލަޝްކަރުތަކުގެ ސިފައިންގެ ގައިގެ ކުލަ ދޮންކަމުންނާއި، އެމީހުންގެ އަތުގައި ހުރި މާ ވަރުގަދަ ފާޑެއްގެ ހަތިޔާރެއްގެ – ބަޑީގެ – ސަބަބުން، އެއީ ކަލާނގެތަކެއް ކަމުގައެވެ. ދެން އެމީހުންނަށް "ކަލާނގެތަކާ" ކުރިމަތިލާން ވެސް ނުކެރުނީއެވެ. ނަތީޖާއެއްގެ ގޮތުން، ސްޕޭނީ ޔޫރަޕިޔަނުންގެ ކުދިކުދި ޔުނިޓުތައް، ދެކުނު އެމެރިކާގެ ބައެއް ޤަބީލާތަކުގެ އެތައް ހާސް މީހުންނާ އެއްފަހަރާ ދިމާކޮށް، އެމީހުންނަށް އަތްފައި ހަލުވައިލާން ނުކެރި ތިއްބައި، އެންމެން ޤަތުލު ކޮށް ކޮށައި ކުދިކުދި ކުރަމުން އެތައް ދުވަހެއް ވާންދެން އުޅުނު ކަމުގައި ވެއެވެ.

މި ދެންނެވި ދުވަސްވަރު، ޔޫރަޕުގެ ލަޝްކަރުތައް ދެކުނު އެމެރިކާޔަށް އެރީ، ދޮންމީހުންނަކީ އިންސާނުންގެ ތެރެއިން އެހެން ހުރިހައި ނަސްލުތަކަށް ވުރެ މަތިވެރި ނަސްލެއް ކަމުގައި ޤަބޫލު ކޮށްގެން ތިބެއެވެ. އެ ގޮވައިލުން ކެތޮލިކް ފައްޅީންނާއި، ޔޫރަޕުގެ ދީނީ އިލްމުވެރީންނާއި، ސިޔާސީ ލީޑަރުންނާއި، އިލްމީ ބެއިފުޅުން އެއް އަޑަކުން، އެއް ބަހުރުވަޔަކުން ގޮވައިލައްވަމުން ގެންދެވިއެވެ. އެ ބެއިފުޅުންގެ ނަޒަރުގައި، ޔޫރަޕިޔަނުން ދެކުނު އެމެރިކާ އާއި، އެފްރިކާ އާއި، އޭޝިޔާގައި، އެތައް ޤައުމެއް އިސްތިއުމާރު ކޮށް، އެތައް މިލިޔަން އިންސާނުންގެ ލެއިން ފެން ކުޅި ކުޅުނީ، އެހެން މީހުން ތަހުޒީބު ކުރުމަށް ޔޫރަޕިޔަން ނަސްލަށް އޮތް "ޙައްޤެއް"ގެ ބާރުގައެވެ. އެއިރާ ކޮންމެވެސް ވަރަކަށް ތަފާތު މަންހަޖެއްގައި ނަމަވެސް، މިހާރު ވެސް، ޔޫރަޕުގެ ވިސްނުން ހުންނަނީ އެހެންނެވެ. އެމީހުންގެ ތެރޭގައި ޢާއްމު ވިސްނުމަކީ، ދުނިޔޭގެ އެހެން މީހުން އެމީހުންގެ މިންގަނޑުތަކަށް ތަބަޢަ ވާން ޖެހޭނެކަމުގެ ވިސްނުމެވެ. އިންސާނީ ޙައްޤުތަކާއި، ވެރިކަމުގެ ނިޒާމާއި، އިޖުތިމާޢީ ނިޒާމުގެ ކަންކަން ރޭވުމުގައި، ދުނިޔޭގެ އެންމެން ވެސް ޔޫރަޕުގެ ފިކުރުތަކާއި ޤަބޫލުކުރުންތަކާ އެއްގޮތަށް އުޅޭން ޖެހޭނެކަމުގެ ވިސްނުމެވެ. ޔޫރަޕުގެ މީހުންގެ ޢާއްމު ވިސްނުމަކީ، ދުނިޔޭގެ އެހެން އިންސާނުންނަކީ "ރަނގަޅު" ނުވަތަ "ނުރަނގަޅު" ބަޔަކަށް، "ލަފާ" ނުވަތަ "ނުލަފާ" ބަޔަކަށް، "ތަހުޒީބު" ނުވަތަ "ނާތަހުޒީބު" ބަޔެއްތޯ ކަނޑައަޅައި، ގްރޭޑު ދީ، ރިޕޯޓު ފޮތް ދިނުމަކީ އެމީހުންނަށް އޮންނަ ޙައްޤެއް ކަމުގައެވެ. ދެން މި ފެންނަނީ ޚުދު އެހެން ޤައުމުތަކުން، ޔޫރަޕުގެ މި ދެންނެވި ވިސްނުމަށް އަޅުދާސް ވެގެން އުޅޭ މީހުންތަކެކެވެ. ކޮންމެވެސް ސަބަބުތަކަކާ ހުރެ، މި ދަންނަވާ ޒާތުގެ މީހުންނަށް ޔޫރަޕު ކަމުދަނީއެވެ. ދެން އެމީހުން ފަށަނީ، ޔޫރަޕުގެ ފައިސާޔާއި ބާރުގެ އެހީތެރިކަމާއި މަދަދު ހޯދައިގެން، އެމީހުންގެ އަމިއްލަ ޤައުމުތަކުގައި ވެސް ޔޫރަޕުގެ ގޮތްތައް ފެތުރުމުގެ މަސައްކަތެވެ. "އެމްޑީއެން" އާއި "އުތެމަ" ފަދަ މީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ލައިގަނެގެން މި އުޅޭ ކަންތައްތަކަކީ ވެސް ހަމަ މިގޮތުން ލައިގަނެގެން އުޅޭ ކަންތައްތަކެވެ.

މައްސަލައެއް ނެތެވެ. މި މީހުންނަށް އިސްލާމް ދީން ކަމުނުދަންޏާ، އެދީނަށް ނުއުޅުނީމަ ވީއެވެ. މި މީހުންނާއި، މި މީހުންގެ ޢާއިލާޔާއި ރައްޓެހީން ކުރެ އެމީހުންނަށް ތަބަޢަ ވީ ބަޔަކާއިގެން، އެމީހުންނަށް އިލާހެއް ކަމުގައި ފެންނަ ފަރާތަކަށް ނުވަތަ އެއްޗަކަށް ސަޖިދަ ކޮށް ހެދީމައި ނިމުނީއެވެ. އެކަން ނުކުރެވިގެން، ތިމަންމެންނަށް ތިމަންމެންގެ ދީނަށް އުޅެވޭނެ ގޮތެއް ހަދައިދޭށޭ ބުނާ ނަމަ، އަޅުގަނޑު ހިތުން އެ ވާހަކަ އަޅުގަނޑުމެން ވެސް ސީރިޔަސް ގޮތެއްގައި އަޑު އަހާން ވާނެއެވެ. އަދި އެހެން ބުނެގެން އެމީހުންނަށް އަދަބު ދީ، ހަރުކަށިކަން ދައްކައިގެން ވެސް ނުވާނެއެވެ. އެހެން ނަމަވެސް، މި މީހުންގެ ދީން އަޅުގަނޑުމެންގެ ބޮލަށް ފައްތައި، އަޅުގަނޑުމެންގެ ޤައުމަކީ، އަޅުގަނޑުމެންގެ ވަޠަނަކީ، މިމީހުން ޤަބޫލު ކުރާހައި އުޞޫލުތަކެއްގެ މަތީގައި ހިނގާ ލާދީނީ ތަންތަން ކަމުގައި ހެދުމަށް ކުރާ މަސައްކަތަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، އަޅުގަނޑުމެންގެ ކުރިމަތީގައި ދުނިޔެ ކުޑަކުރާން އުޅޭ އުޅުމެކެވެ. މި ދުނިޔޭގައި ބޮޑީ ގިނައީ ޣައިރުމުސްލިމުންނެވެ. ދުނިޔޭގެ ބިންތަކުގެ ތެރެއިން ބޮޑުބައި އޮތީވެސް ޣައިރު މުސްލިމުންނަށެވެ. ޣައިރުމުސްލިމުންނަށް އެމީހުންގެ ޤައުމުތަކުގައި އެމީހުން ބޭނުންހައި ގޮތަކަށް އުޅެވިފައި، ބުރުގާ މަނާ ކުރެވިފައި، ތުނބުޅިއެއް ހުރެއްޖެ ކޮންމެ މީހެއްގެ ނަން ޓެރަރިސްޓް ލިސްޓެއްގައި ޖެހިފައި، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުތަކުގައި އިސްލާމް ދީނަށް ނުއުޅެވޭންވީ، އަޅުގަނޑުމެންގެ ޤައުމުތަކުގައި ވެސް އެމީހުންގެ ގޮތްތައް ހިންގުން މަޖުބޫރު ކުރެވޭންވީ ކޮން ހަމަޔަކުން، ކޮން ގޮތަކުންތޯއެވެ؟ ޚާއްޞަކޮށް، އަޅުގަނޑުމެން ދިވެހި މުސްލިމުންނަށް އޮތް ތަންކޮޅަކީ އިންޑިޔާ ކަނޑުގައި އޮތް މި ކުދިކުދި ޖަޒީރާތަކެވެ. އަޅުގަނޑުމެން މިތަނުގައި މި އުޅެނިއްޔަކީ އެއްވެސް ޣައިރުމުސްލިމް ޤައުމަކަށް ދުއްތުރާ ކޮށް، އެއްވެސް ޣައިރުމުސްލިމު ޤައުމެއްގެ މީހުން އުޅޭންވީ ގޮތް ކިޔައިދީގެންނެއް ނޫނެވެ. މިއޮތް ބޮޑު ދުނިޔެއިން، ދިވެހި އިސްލާމީ އުއްމަތަށް އޮތް ކުޑަ ބިންކޮޅުގައި، ދިވެހި އިސްލާމީ އުއްމަތް ޤަބޫލު ކުރާ ހަމަތަކެއް ހިންގޭން ޖެހޭނެއެވެ. ދިވެހިރާއްޖޭގައި އިސްލާމް ދީން ދެކެ ރުޅި އަރާ ބަޔަކު ތިބި ނަމަވެސް، އެ ބަޔަކު ވާނީ މި ހަމަ ޤަބޫލު ކުރާށެވެ. އަޅުގަނޑުމެންގެ ޤައުމުގައި އުޅެންޏާ، އަޅުގަނޑުމެންގެ ގޮތާއި، އަޅުގަނޑުމެންގެ ފޮތާއި، އަޅުގަނޑުމެންގެ އިޢުތިޤާދުތަކަށް އިޙުތިރާމު ކުރާން ޖެހޭނެއެވެ. މިއީ އަށް ޤަރުނުއްސުރެ، ދިވެހި މުސްލިމް އުއްމަތުގެ އަމިއްލަ ވަޒަންކަން ޤަބޫލު ކުރާން ވާނެއެވެ. އަޅުގަނޑުމެންނަށް ވެސް އެމީހުންނަށް އިޙުތިރާމު ކުރެވޭނީ، އަދި އެމީހުންގެ ހުރި ނަމަ ހުރި ޝަކުވާތަކެއްގެ އަޑު އެހޭނީ ވެސް، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދީނަށް ފުރައްސާރަ ކުރުން ހުއްޓައިލުމުންނެވެ. އަޅުގަނޑުމެންގެ ޤައުމު ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ހިންގުމަށް މަޖުބޫރު ކުރުމަށް ޓަކައި ސިޓީތަކާއި ފަތްތަކާއި ޝަކުވާތަކާއި ރިޕޯޓުތައް އިރުއިރުކޮޅާ ލިޔެލިޔެގެން، ހުޅަނގުގެ މީހުންގެ ގާތަށް ހިނގައި، އަޅުގަނޑުމެން "ބުލީ" ކޮށް، އަޅުގަނޑުމެން "ހެރެސް" ކުރުން ހުއްޓައިލުމުންނެވެ. އެކަން ނުކޮށް، މިހާރު އެ ގެންގުޅޭ މަންހަޖަށް ކަން ކުރުމުން، ވާނޭ ހަމައެކަނި ގޮތަކީ ދެކޮޅުން ވެސް ނަފްރަތާއި ރުޅިވެރިކަމާއި ޢަދާވާތްތެރިކަމުގެ ހުޅުގަނޑު ބޮޑުވަމުން ދިޔުމެވެ. އެ ލިޔާ ރިޕޯޓުތަކާއި ފަތްތަކުގެ ސަބަބުން، އެމީހުން އެދޭ ގޮތަކަށް ދިވެހިރާއްޖެ ބަދަލު ވެ، ޢަލްމާނީ ވެ، އިސްލާމް ދީނުގެ ދަންމަރު ދިވެހި އުއްމަތުގައި ނިވި، ފައްޅިޔާއި ދާގަބަޔާއި ޕޮގޯޑާ ފަދަ ހުރިހާ ތަނެއް ހެދި، އިސްލާމީ މަރުކަޒު ތަޅައިލެވި، ދަރުމަވަންތަ ރަސްގެފާނު މިސްކިތް ހުރި ތަނުގައި އެއް ޖިންސުން ކައިވަނި ކުރުމުގެ ޕާޓީތައް ބޭއްވި، މިސްކިތްތައް ޑިސްކޯތަކާއި ބާރތަކަކަށް ބަދަލު ކުރެވިދާނެޔޭ ހީ ވާ ބަޔަކަށް އެ ކުރެވެނީ ކުށްހީއެކެވެ. ﷲ ގެ ރަޙުމަތްޕުޅުން، އެހެން ހަދާކަށް ލާހިކެއް ނޫނެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި، "އެމްޑީއެން" އާއި "އުތެމަ" އަކީ ނަސްލީ އިމްތިޔާޒުގެ ނިޒާމެއްގެ އަޅުންނެވެ. ދޮން މީހުންނަށް މެނުވީ، އިންސާނުން އުޅޭން ވާ ގޮތް ނޭނގޭނެ ކަމަށް ޤަބޫލު ކުރެވޭ ކުރެވުމެއްގެ އަޅުންނެވެ. އެހެން ޤަބޫލު ކުރާ ބަޔަކު އެހެން ޤަބޫލު ކުރާން ވީއެވެ. އަޅުގަނޑުމެން އެހެންނެއް ޤަބޫލެއް ނުކުރާނޫއެވެ. އޮޅޭ ބަޔަކަށް އޮޅިގެން އުޅުނަސް، އަޅުގަނޑުމެން މުސްލިމުންނަކީ، އަޅުގަނޑުމެން ދިވެހީންނަކީ، މާތް ވެގެންވާ އިސްލާމް ދީނުގެ ނޫރުގެ އެހީގައި، އަޅުގަނޑުމެން އުޅޭން ވާ ގޮތް އަމިއްލަޔަށް ކަނޑައެޅުމުގެ ޤާބިލުކަން ލިބިގެން ވާ ބަޔެކެވެ. ވަކި ބަޔެއްގެ ފިކުރާއި، ސަގާފަތާއި، އިއުތިގާދުތަކުގެ ކުރިމަތީގައި އަޅުގަނޑުމެން ދެއަތް ފަތުރައި، ބުރަކަށި ފަތާކޮށް، ގުދު ވެގެން ތިބޭން ޖެހޭ ދުވަހެއް އަޅުގަނޑުމެން ބަލައެއްނުގަންނާނަމެވެ. އަޅުގަނޑުމެން އެއްވެސް ޝައްކެއް ނެތި ޤަބޫލު ކުރާ ގޮތުގައި، ޙައްޤު ދީނަކީ އިސްލާމް ދީނެވެ. އިންސާނާޔަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިދެނީ އެ ދީނާއި އެ ދީނުގެ ރޫޙާނިއްޔަތާއި އަޚްލާޤިއްޔަތެވެ. އިންސާނާގެ ދުނިޔަވީ ދިރިއުޅުން ބާއްޖަވެރިކަމުގެ މަގަށް ގެންގޮސްދެނީ އެ ދީނުގެ ބަރަކާތްތެރި ޝަރީޢަތެވެ. އަޅުގަނޑުމެން މި މަގު ދޫކޮށްލައިފާނެ ކަމަށް ބަޔަކަށް ހީ ވެގެން އުޅެނީ ހަމަ، އެ ބަޔަކު އެ ތިބީ މާނައެއް ނެތް ހުވަފެނެއްގެ މަސްތުގައެވެ.

"އެމްޑީއެން" އާއި "އުތެމަ" ޔަށް، ހުޅަނގުގެ ސާހިބުންނަކީ އިންސާނީ ޙައްޤުތަކުގެ ޗެމްޕިޔަނުން ކަމުގައި ހީ ވެދާނެއެވެ. ޢަދުލުއިންޞާފުގެ މަލާއިކަތުންނަކީ އެމީހުން ކަމުގައި ހީ ވެދާނެއެވެ. ހުޅަނގުން އިންސާނީ ޙައްޤުތަކުގެ ފޮތުގައި ލިޔެފި ކޮންމެ އެއްޗަކީ މުޤައްދަސް އެއްޗެއް ކަމުގައި ހީ ވެދާނެއެވެ. ހުޅަނގަކީ ދުނިޔޭގައި އިންޞާފު ޤާއިމު ކުރާން އުޅޭ ބައެއް ކަމުގައި ހީ ވެދާނެއެވެ. އެހެން ހީ ވަންޏާ، އެއިން ސާބިތު ވަނީ "އެމްޑީއެން" އާއި "އުތެމަ" އަށް ދުނިޔޭގެ ތާރީޚާއި، ދުނިޔޭގައި ކަންކަން ވަމުންދާ ގޮތް އެއްގޮތަކަށް ވެސް ނޭނގި ތިބިކަމެވެ. ނުވަތަ އެމީހުންގެ ޙައްދެއް ނެތް ތަޢައްޞުބެއްގެ ސަބަބުން، ފެންނަ ބައެއް މަންޒަރުތައް ޙަޤީޤަތުގައި ނުފެންނަކަމެވެ. ނުވަތަ އެމީހުންގެ މުނާފިޤުކަމުގެ ސަބަބުން، ފެންނާން ހުރި ޙަޤީޤަތަށް އިންކާރު ކުރާ ކަމެވެ. އެ ޙަޤީޤަތަކީ ތޯއެވެ؟ ކުރު ގޮތަކަށް އެއިގެ މައްޗަށް ނަޒަރު ހިންގައިލަމާތޯއެވެ؟

ޔޫރަޕުގައި ޔޫރަޕުވަންތަކަމުގެ ފިކުރު އުފެދިގެން، "ކްރިސްޓެންޑޮމް" ގެ ގޮތުގައި ތެދު ވީއްސުރެ، އެމީހުންގެ ސަބަބުން ދުނިޔޭގެ އެހެން މީހުންނަށް ލިބެމުން ދަނީ އަނިޔާއެވެ. ޚުދު ޔޫރަޕުގައި ކްރިސްޓިޔަން ދީން ފެތުރުމަށް ޓަކައި ޝާރލޮމާނާއި އޭނާގެ ފްރޭންކިޝް ދައުލަތުން ހިންގި އަނިޔާވެރި ޤަތުލުޢާއްމުތަކާއި ޖަރީމާތަކާއި، އަދި އިރުމަތީ ޔޫރަޕުގައި ކްރިސްޓިޔަން ދީން ފެތުރުމަށް ކެތޮލިކް ފައްޅީގެ އިރުޝާދާ އެކު ޓިޔުޓޯނިޔަން ބަހާދަރުން ހިންގި އަނިޔާތަކަށް ފަހު، ޔޫރަޕަކީ ކްރިސްޓިޔަން ބައްރަކަށް ވުމަށް ފަހު، ދެން ފެނުނީ މުސްލިމް ސްޕޭނާއި މެދުއިރުމަތީގައި ހިންގި ޞަލީބީ ހަނގުރާމަތަކެވެ. އިންކުއިޒިޝަނާއި، މަޢައްރާގެ ޤަތުލުޢާއްމާއި، ޤުދުސްގެ މިނިކަތިލުން ފަދަ ބިރުވެރި ދުވަސްތަކުގެ ތަފްޞީލުތައް ތާރީޚުން ބައްލަވާށެވެ. ޞަލީބީ ހަނގުރާމަޔަށް ފަހު، ޔޫރަޕް މީހުން ދެން އެރީ ދެކުނު އަދި އުތުރު އެމެރިކާޔަށެވެ. އެތަންތަން ޔޫރަޕު މީހުންގެ ޤައުމުތަކަކަށް ހެދީ، އެތަންތަނުގެ ވަޒަންވެރި އެތައް ދިހަ މިލިޔަން އިންސާނުން ބަކަރިތަކެއް ފަދައިން ކަތިލައިފައެވެ. އިސްތިއުމާރުގެ ދުވަސްވަރު އިސްލާމީ ޤައުމުތަކުގައްޔާއި، ދެން ވެސް އޭޝިޔާ އާއި އެފްރިކާގެ ޤައުމުތަކުގައި ޔޫރަޕުގެ މީހުން ހިންގި ޖަރީމާތައް ތަންފުކެއް ވެސް ދެރައެއް ނޫނެވެ. އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗަރޗިލްގެ އިރުޝާދުގެ ދަށުން އިންޑިޔާގެ "ބެންގޯލް ފެމިން" ގައި އެތައް މިލިޔަން އިންސާނުން ފަނާ ކޮށްލި ގޮތުގެ ވާހަކަ ވެސް ބައްލަވާށެވެ. "އެޓްލާންޓިކް" އަޅު ވިޔަފާރީގެ ތާރީޚު ވެސް ބައްލަވާށެވެ. އިއްޔެ ނޫން އިހަށް ދުވަހު، އަޅުގަނޑުމެން އެންމެން ބަލަހައްޓައިގެން ތިއްބައި، ޢިރާޤާއި އަފްޣާނިސްތާނު ފަދަ ޤައުމުތަކުން ކުށެއް ނެތް އެތައް މިލިޔަން ރައްޔިތުން ފަނާ ކޮށްލި ގޮތް ވެސް ހަނދުމަފުޅު ކުރައްވާށެވެ. ހުޅަނގުގެ ބާރުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ހަދަމުންދާ ގޮތް ވެސް ބައްލަވާށެވެ.

"ތިމަންމެންނަކީ އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރާން އުޅޭ ބަޔެކޭ" ކިޔައިގެން ވާހަކަ ދައްކާ އިރު، އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި އަޅުވައިފައި އިސްލާމް ދީނުގެ ޙުކުމްތަކަށް އެއްޗެތި ގޮވުން ނޫން ކަމެއް މިމީހުން ކުރޭތޯއެވެ؟ ޖަރުމަނުގެ ކޯޓެއްގެ ޝަރީއަތުގެ މަޖިލިހުގައި މުސްލިމް އަންހެނެއް ކަމުގައި ވާ މަރްވާ އައްޝަރްބީނީ ކޮށައި ފޮތިފޮތި ކޮށްލެވުނެވެ. އޭނާގެ ފިރިމީހާ އާއި ތިން އަހަރު ވީ ކުޑަކުޑަ ދަރިފުޅުގެ ކުރިމަތީގައެވެ. ނަމަވެސް އޭނާގެ ހައްގުގައި މި މީހުން ބުނި ބަހެއް، ކުރި ކަމެއް ނެތެވެ. އިނގިރޭސި ވިލާތުން، ޖަރުމަން ވިލާތުން، އޮސްޓްރޭލިޔާ އިން، އެމެރިކާ އިން، ފަރަންސޭސި ވިލާތުން، ހަމައެކަނި ބޯ ނިވައި ކޮށްގެން ތިބޭތީ އަނިޔާވެރި ހަމަލާތަކުގެ އަމާޒުފަތްގަނޑުތަކަކަށް ވަމުންދާ މުސްލިމް އަންހެނުންގެ ދިފާއުގައި މި މީހުން އިއްވާ ބަހެއް ނެތެވެ. އެފަދަ ކަންކަން އެ ގައުމުތަކުގައި އިތުރު ވަމުން، އެ ގައުމުތަކުގެ ސަރުކާރުތަކާއި ސިޔާސީ ލީޑަރުންނާއި އަމިއްލަ އެކިއެކި ފަރާތްތަކުން މުސްލިމުންނާ ދެކޮޅު ޕްރޮޕެގެންޑާތަކާއި އަމަލުތައް ވަރުގަދަ ކުރަމުން ގެންދާ އިރު ވެސް، އެ ގައުމުތަކާ ދެކޮޅަށް ހައްގު ބަސް އިއްވާކަށް މި މީހުންނަކަށް ނުކެރެއެވެ. އިސްތިއުމާރީ ޒައިނިސްޓުން އެމީހުންގެ ބުލްޑޯޒަރެއްގެ ދަށުގައި ރޭޗަލް ކޮރީ ޝަހީދު ކޮށްލިކޮށްލުމާ ދެކޮޅަށް އަނގަ ހުޅުވާކަށެއް މި މީހުންނަކަށް ނުކެރުނެވެ. ޒައިނިސްޓުންގެ އަނިޔާވެރި ހަމަލާތަކުގައި ދާދި ފަހުން ޝަހީދު ވެގެން ދިޔަ ކުޑަކުޑަ އާއިޝާ ލުއުލުއު އާއި، ރަޒާން އައްނައްޖާރުގެ ވާހަކަ ވެސް މި މީހުން ނުދައްކައެވެ. އުމުރުން ސޯޅަ އަހަރުގައި އިސްރާއީލުގެ އަނިޔާވެރި ޖަލެއްގައި އަށްމަސް ދުވަސް ހޭދަ ކުރާން ޖެހުނު އާޙިދް ތަމީމީގެ ހައްގުގައި އެއްޗެއް ބުނާކަށެއް ވެސް މި މީހުންނަކަށް ނުކެރެއެވެ. އެމެރިކާގެ ސަރުކާރުން، އެމެރިކާގެ އަސްކަރިއްޔާއިން، ބައިނަލްއަގުވާމީ އެންމެހައި ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ދިން އަނިޔާވެރި ހަމަލާއެއްގައި މުސްލިމް އަންހެން ކުއްޖެއް ކަމުގައިވާ ނަބީލާ ރަޙްމާންގެ މުޅި ދިރިއުޅުން ބަރުބާދު ވެގެން ދިޔައެވެ. ނަމަވެސް މިމީހުން އެ ދުވަހު "ތަށަށް ކިޔަނީ މަރިޔަބުހޭ" ވެސް އަހައެއްނުލައެވެ. މަޝްހޫރު އިސްލާމޮފޯބް އަދި އިސްތިއުމާރީންގެ ކުޅޭބުދު އާންގ ސަން ސޫ ޗީގެ އަނިޔާވެރި ސިފައިން ރޮހިންގްޔާ މުސްލިމުންގެ ތެރެއިން އެތައް ހާސް އަންހެނުންނާއި އަންހެން ކުދީން ރޭޕް ކޮށް އެތައް ހާސް އަންހެން ކުދީންނެއްގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލި މަންޒަރު އަޅުގަނޑުމެން އެންމެ ދުށީ އިއްޔެއެވެ. އާންގ ސަން ސޫ ޗީ، ރޭޕް ކުރެވުނު މުސްލިމް އަންހެނުންނަށް ފުރައްސާރަ ކޮށް މަލާމާތް ކުރި ތަން ވެސް އަޅުގަނޑުމެން އިއްޔެ ދުށީމުއެވެ. ނަމަވެސް މި މީހުންނަކަށް އެތަނެއް ވެސް ނުފެނުނެވެ. ސުނީތާ ސިންގް ގޯޑް، ހިންދޫންގެ ފިރިހެނުން ގޭންގް ހަދައިގެން ނުކުމެ މުސްލިމުންގެ ގެތަކަށް ވަދެ، މުސްލިމުންގެ މައިންނާއި އުޚްތުންނާއި އަންހެން ދަރީން ރޭޕް ކުރާން ގޮވައިލީމާ މި މީހުންނަކަށް އެކަމާ ދެކޮޅަށް ބަހެއް ބުނެ، އަންހެނުންގެ ދިފާއުގައި ތިމާމެންގެ ހުރި ސާބިތުކަން ދައްކާކަށެއް ނުކެރުނެވެ. އިންސާނިއްޔަތުގެ ޒަމީރު ގުޑުވައިލި ދުވަހެއްގައި، އާސިފާ ބާނޫގެ ހައްގުގައި އެއްޗެއް ބުނާން ވީމާ ވެސް، އަމިއްލަޔަށް އިންސާނީ ހައްގުތަކުގެ ޗެންޕިއަނުން ކަމަށް ހެދިގަނެގެން އުޅޭ މި މީހުންގެ ދޫތައް ބަންދު ވެ ތަޅު އެޅުވުނީ އަޅުގަނޑުމެން އެންމެން ބަލަހައްޓައިގެން ތިއްބައެވެ.

ވީއިރު، ޔޫރަޕުގެ ފައިސާޔާއި ބާރުގެ ވަރައިގައި އުދުހެމުން، އިންސާނީ ޙައްޤުތަކޭ، އަންހެނުންގެ ޙައްޤުތަކޭ މި މީހުން ކިޔާ އިރު، ފަލަސްޠީނުގެ ޙައްޤުގައި، ޢިރާޤުން އެމެރިކާ މީހުންގެ އަނިޔާއިން މަރުވި މިލިޔަނެއްހައި ކުޑަކުދީންގެ ޙައްޤުގައި، އަފްޣާނިސްތާނުން ހުޅަނގުގެ އަނިޔާގައި ފަނާ ވެދިޔަ އެތައް ހާސް ރައްޔިތުންގެ ޙައްޤުގައި، އަދި އިސްވެ މިދެންނެވި އެތައް މުސްލިމް އަންހެނުންގެ ޙައްޤުގައި، މި މީހުން ވާހަކަ ނުދައްކަނީ އިންސާނީ ޙައްޤުތަކުގެ ފޮތުގެ ކޮން ބާބެއްގައި، ކޮން ޞަފުޙާއެއްގައި، އޮންނަ ކޮން އުޞޫލެއްގެ ދަށުންތޯއެވެ؟ ހަމައެކަނި ސަބަބަކީ މި މީހުންގެ ނަފްރަތާއި ރުޅިޔާއި ތަޢައްޞުބުން ކަޅި ވެފައިވާ ހިތްތަކާއި ބުއްދިތަކާއި ދޫތަކަށް، މުސްލިމުންނަކީ އިންސާނުން ކަމަށް ނުފެނުމެވެ. މުސްލިމް ލެޔާއި ފުރާނަޔަކީ މި މީހުންގެ ހިސާބު ކުރުމުގައި އެތައް ގުނައެއް އަގުދަށް އެއްޗަކަށް ވުމެވެ.

ތިމައުރެންނަކީ އަޅުގަނޑުމެންނަށް ވުރެ "އެންލައިޓްންޑް" ބައެއް ކަމުގެ ފިކުރުން އަމިއްލަ ނަފުސުތައް "ފްލެޓަރ" ނުކުރާށެވެ. "އެމްޑީއެން" އާއި "އުތެމަ" އަކީ އަހަރެމެންގެ "ޖާހިލުކަން" ފިލުވައި، އަހަރެމެންގެ "ނާތަހުޒީބުކަން" ކަނޑުވައި، އަހަރެމެންގެ "ޚުރާފީ ވިސްނުންތައް" ނެއްތައިލައި، އަހަރެމެންނަށް މަގު ދައްކައިދޭން ހުޅަނގުގެ މެސެޖާއިގެން އައިސް ވާހަކަ ދެއްކުމުގެ އެއްވެސް ޙައިޡިއްޔަތެއް، ޙައްޤެއް، ކަފާޔަތެއް، އޮތް ބައެއް ކަމުގައި އަޅުގަނޑުމެން ނުދެކެމެވެ. އެއްވެސް ހަމައެއް އުޞޫލެއް ނެތް، އެހެން އިންސާނުންނަށް އިޙުތިރާމު ކުރުމުގެ އެންމެ އަސާސީ ހަމަތައް ވެސް ނުދަންނަ މީހުންތަކެއް ހަދައިގެން އުޅޭ މި "ޖަމްޢިއްޔާ" ތަކަކީ އަޅުގަނޑުމެންނަށް ދިރިއުޅޭންވީ ގޮތް ކިޔައިދިނުމަށް ބޭނުންވާ ޢިލްމު ވެސް، ޙިކުމަތް ވެސް، އަދި އެފަދަ އަޚްލާޤީ ޤާބިލުކަމެއް ވެސް ހުރި ބައެއް ކަމަކަށެއް އަޅުގަނޑުމެން ނުދެކެމެވެ. އަދި "އުތެމަ" ފަދަ މީހުންނަކީ މުސްލިމް އަންހެނުންނާއި މުސްލިމް އަންހެން ދަރީން "މިނިވަން" ކޮށް، އެމީހުން "ސަލާމަތް" ކޮށް، އެމީހުން "ލިބަރޭޓް" ކުރުމަށް ޓަކައި "ކްރުސޭޑެއް" ހިންގާން ތިބި ބައެއް ކަމަށް މުސްލިމް އަންހެނުން ޤަބޫލު ކުރާ ކަމުގެ އަވާމެންދުރީ ވިސްނުމުގައި ތެޔޮގުޅާސާދާ ކުރުން ވެސް އަވަހަށް ހުއްޓައިލާށެވެ. މިކަމާ ބެހޭގޮތުން އެއްޗެއް އެނގިގަތުމުގެ ޝައުޤުވެރިކަން ހުރި ނަމަ، ލީލާ އަބޫ ލުޣަދް ލިޔުއްވި "ޑޫ މުސްލިމް ވިމެން ނީޑް ސޭވިން؟" މި ފޮތުން ފެށުން ރަނގަޅު ވާނެއެވެ.

އަދިވެސް ދެ ވާހަކައެއް އެބައޮތެވެ. ފުރަތަމަ ވާހަކަޔަކަށް، އަޅުގަނޑުމެން ކީރިތި ޤުރްއާނަށް ތަބަޢަ ވާނީ، އަދި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަޔަށް ކިޔަމަންތެރިވެ އިތުރު އެކަލޭގެފާނުގެ މަތިވެރި ސުންނަތުގެ މަގުގައި ހިނގާނީ، އެމްޑީއެނާއި އުތެމަޔާއި، އެމީހުންގެ ސާހިބުންގެ ހުއްދަޔާއި އިޖާޒަތު ހޯދައިގެންނެއް ނޫނެވެ. އެހެން ހީ ވާ ނަމަ، އެ ކުށްހީ ވެސް ރަނގަޅު ވާނީ އަވަހަށް ދޫކޮށްލުމެވެ. ދެވަނަ ވާހަކަޔަކަށް، ހުޅަނގަށް ފާޑު ކިޔުމުގައި، އަޅުގަނޑުމެންގެ ނިޔަތަކީ އެއްގޮތަކަށް ވެސް ހުޅަނގުގެ ހުރިހައި އެންމެންނަށް ފާޑު ކިޔުމެއް ނޫނެވެ. އެއިގެ ތެރެއިން އިސްލާމް ދީނާއި މުސްލިމުންނަށް "ބުލީ" ކުރަމުންދާ ފަރާތްތަކަށް ފާޑު ކިޔުމެވެ. އަދި އެފަދަ ފަރާތްތަކަށް ފާޑު ކިޔުމުގައި ވެސް، އަޅުގަނޑުމެންގެ މަޤްޞަދަކީ އެމީހުންނާ މެދު ރުޅިވެރިކަން ފެތުރުމެއް ނޫނެވެ. މާތް ވެގެންވާ އިސްލާމް ދީނުގެ މަންހަޖަކީ އެއްވެސް މީހަކާ މެދު ރުޅިޔާއި ނަފްރަތު ނުގެންގުޅުމެވެ. ޢަދާވާތްތެރިކަމާއި ދުޝްމަންކަން ނުގެންގުޅުމެވެ. ހުޅަނގުން މިއަދުވެސް، މުސްލިމުންނާ މެދު ގެންގުޅޭ ނަފްރަތާއި ތަޢައްޞުބާއި ދުޝްމަންކަން އެއްފަރާތް ކޮށްލައި، މުސްލިމުންގެ މައްޗަށް އެމީހުންގެ ގޮތްތައް ގަދަބާރުންނާއި މަކަރުޙީލަތުން ފަތުރާން އުޅޭއުޅުން ހުއްޓައިލުމުން، އަޅުގަނޑުމެން އެމީހުންނާ މެދު ކުރާނޭ އެއްވެސް ޝަކުވާއެއް، އިރާދަ ކުރެއްވިއްޔާ، ނޯންނާނެއެވެ. ނަމަވެސް މުސްލިމުންނަކީ "ޑިފީޓިސްޓް އެޓިޓިޔުޑެއް" ގައި، "އިންފީރިޔޮރިޓީ ކޮމްޕްލެކްސް" އެއްގެ ހުރަގޭގައި އަބަދު ތިބޭނެ ބައެއް ކަމަށް އެކަކު ވެސް ހީ ކޮށްގެން ނުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް