ލަންކާގެ ބޮޑު ވިޔަފާރި ކުންފުންޏަކަށް އަންހެން ސީއީއޯއެއް

ސްރީލަންކާގެ ހޭމާސް ގްރޫޕުގެ ސީއީއޯކަމަށް އައްޔަނުކުރާ ކަސްތޫރީ ޗެލަރާޖާ ވިލްސަން

ސްރީލަންކާގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުނި ކަމުގައިވާ ހޭމާސް ގްރޫޕުގެ ސީއީއޯގެ މަގާމަށް ވިޔަފާރިވެރިޔާ ކަސްތޫރީ ޗެލަރާޖާ ވިލްސަން އައްޔަނުކުރަން ނިންމައިފިއެވެ. މިއީ އެގައުމުގެ މަލްޓި-އިންޑަސްޓްރީ ކުންފުންޏެއްގެ އެންމެ އިސް އެގްޒެކެޓިވް މަގާމަށް އަންހެނަކު އައްޔަނުކުރާ ފުރަތަމަ ފަހަރެވެ.

ހޭމާސް ގްރޫޕުން މައިގަނޑު ފަސް ދާއިރާއަކުން ވިޔަފާރިކުރެއެވެ. އެއީ ފާސްޓް މޫވިންގް ކޮންސިއުމާ ގުޑްސް (އެފްއެމްސީޖީ)، ހެލްތުކެއާ، ފަތުރުވެރިކަން، އޭވިއޭޝަން އަދި ލޮޖިސްޓިކްސްއެވެ.

ހޭމާސްއިން ހިންގާ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި ސްރީލަންކާގެ އަވާނީ ހޮޓެލް ޗެއިނާއި ހޭމާސް ހޮސްޕިޓަލާއި، ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ އެހެނިހެން ގައުމުތަކުގެ ބާޒާރުން ފެންނަ ކްލޮގާޑް، ބޭބީ ޝެރަމީ އަދި ކުމާރިކާ ބްރޭންޑުތައް ހިމެނެއެވެ.

ކަސްތޫރީ ޗެލަރާޖާ ވިލްސަން މިވަގުތު ހުންނެވީ ހޭމާސްގެ ސަބްސިޑަރީ ކުންފުނި ހޭމާސް ފާމަސޫޓިކަލްސް އަދި ހޭމާސް މެރިޓައިމް އެންޑް ލޮޖިސްޓިކްސްގެ މެނޭޖިންގް ޑިރެކްޓަރުކަމުގައެވެ. އޭނާ ހޭމާސް ގްރޫޕާ ގުޅުނީ 2002 ވަނަ އަހަރުގައެވެ.

ހޭމާސް ހޯލްޑިންގްސްގެ ޗެއާމަން ޝެއިޚް ހުސައިން އިސުފްއަލީ ވިދާޅުވީ ކުންފުނިން ދެކި ފަރިތަ، އަދި ކުންފުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދިން މީހަކު އެންމެ އިސް މަގާމަށް އައުމަކީ އުފާވެރި ކަމެއް ކަމަށެވެ.

އެ ކުންފުނީގެ މިހާރުގެ ސީއީއޯ ސްޓީވަން އެންޑާބީ މަގާމުން ވަކިވާނީ 1 އޮކްޓޫބަރުން ފެށިގެންނެވެ. ކުންފުނީގެ ސަކްސެޝަން ޕްލޭން އޮތް ގޮތުން، ސީއީއޯކަމާ ދެން ހަވާލުވާން ހަމަޖެހިފައިވާ ކަސްތޫރީ ވިލްސަން 1 ޖުލައި އިން ފެށިގެން އެ ތާރީހާ ހަމައަށް ޑެޕިއުޓީ ސީއީއޯގެ ގޮތުގައި މަސައްކަތްކުރާނެއެވެ.

ވިޔަފާރިވެރިއެއްގެ އިތުރުން ކަސްތޫރީ ވިލްސަންއަކީ ޕްރޮފެޝަނަލް އެކައުންޓަންޓެއް އަދި މާލީ ތަޖުރިބާކާރެއްވެސް މެއެވެ. އަދި އޭނާއަކީ ކުރިން ސްރީލަންކާގެ ގައުމީ ބާސްކެޓްބޯޅަ އަދި ނެޓްބޯޅާ ޓީމުގެ ކުޅުންތެރިއެކެވެ. އަދި އޭނާއަކީ ސްރީލަންކާގެ ޗެމްބާ އޮފް ފާމަސޫޓިކަލް އިންޑަސްޓްރީގެ ރައީސާއެވެ.

ލަންކާގެ އެންމެ ބޮޑު އެއް ކުންފުނީގެ ސީއީއޯކަމަށް ކަސްތޫރީ ޗެލަރާޖާ ވިލްސަން އައްޔަނުކުރަން ނިންމުމާ ގުޅިގެން އިއްޔެ އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.

comment ކޮމެންޓް