ޑރ. ޖަމީލަކީ "މިނިކާ ބާޒެއް" ނޫން: އަދުރޭ

އަދުރޭ އަދި ޖަމީލް: އަދުރޭ ވިދާޅުވީ، ޖަމީލް އަކީ މިނިކާ ބާޒެއް ނޫން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ޕީޕީއެމަށް ސޮއި ކުރެއްވި ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހަމަދަކީ "މިނިކާ ބާޒެއް" ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލު ހުކުމް އައުމުގެ އެއް ދުވަސް ކުރިން އެމަނިކުފާނު ސަޕޯޓަރުންނާ ބައްދަލުކުއްވައި ކުރެއްވި ފަހު ވަސިއްޔަތަކީ، އެމަނިކުފާނު ޖަލުގައި އޮންނަވަން ޖެހުނަސް، ޕާޓީއަށް "މިނިކާ ބާޒުތައް" ސަވާރުވުމަށް ފުރުސަތު ނުދިނުމަށެވެ.

މިރޭ ޑރ. ޖަމީލު ޕީޕީއެމާ ގުޅިވަޑައިގަތުމަށް ބެއްވި ހަފްލާގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ޖަމީލް އެ ކޯލިޝަނާއެކު މީގެ ކުރިންވެސް އައީ މަސައްކަތް ކުރައްވަމުން ކަމަށާއި ޖަމީލަކީ ރައީސް ޔާމީން އެ ވިދާޅުވާ "މިނިކާ ބާޒެއް" ނޫން ކަމަށެވެ.

"ޑރ. ޖަމީލު ބާޒަކަށް ވާނަމަ، ޑރ. ޖަމީލް މިރޭ ޕީޕީއެމްއަށް ސޮއި ނުކުރެއްވުނީސް،" ޑރ. ޖަމީލަކީ މިނިކާ ބާޒަކަށް ނުވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވިއެވެ.އަދުރޭ ވިދާޅުވީ، އެ ކޯލިޝަނުން ކުރާ ކޮންމެ ކަމެއްވެސް ކުރައްވަނީ ރައީސް ޔާމީންގެ މަޝަވަރާގެ މަތިން ކަމަށާއި ޑރ. ޖަމީލް ޕީޕީއެމްއާ ގުޅިވަޑައިގަތީވެސް އެމަނިކުފާނުގެ މަޝްވަރާގެ މަތިން ކަމަށެވެ.

ޖަމީލް ޕީޕީއެމްއާ ގުޅިވަޑައިގަތުން އަދުރޭ ސިފަ ކުރެއްވީ "ކައިވެނި އަލުން ރުޖޫއަ" ކުުރުމުގެ ގޮތުގައެވެ.

ރައީސް ޔާމީން ވެރިކަމުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުކުމުގެ ކުރިން ޕީޕީއެމްގެ އާންމު މެމްބަރުންނާ ބައްދަލުކުރައްވައި، ޕީޕީއެމް އޮފީސް ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނުކުފާނަށް ހުކުމް އަންނަ ގޮތުން ދުވަސްކޮޅަކަށް އެމަނިކުފާނު ދުރަށް ޖެހިވަޑައިގަންނަވަން ޖެހުނު ނަމަވެސް ޕާޓީއަށް އެހެން ބަޔަކު ސަވާރުވިޔަ ނުދިނުމަށް އާންމު މެމްބަރުން މަސައްކަތް ކުރައްވަން އެދޭ ކަމަށެވެ.

"އަޅުގަނޑު ފަހަރެއްގައި ތިބޭފުޅުންނާ ދުވަސްކޮޅަކަށް ވަކިވެލާން ޖެހުނު ކަމުގައި ވީނަމަވެސް. އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެން ޕާޓީގެ އިސްބޭފުޅުން ކުރައްވާ ކަންކަމަށް ސަމާލުވެވަޑައިގަންނަވާށޭ. މިކަހަލަ ބައްދަލުވުންތަކަށް އެބޭފުޅުންނަށް ތާއީދު ކުރައްވަން އެބޭފުޅުން ހިތްވަރުދެއްވަން ގިނަގިނައިން ވަޑައިގަންނަވާށޭ. އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑުމެން ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ." ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ޖަލުގައި އޮންނެވީ، އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތް މައްސަލައިގައި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ކުރެއްވުމުންނެވެ. އިދިކޮޅުން ބުނަމުން ދަނީ، އެ ހުކުމަކީ ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވައިގެން އިއްވާފައިވާ، ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެ ހުކުމް މިހާރު އޮތީ ހައި ކޯޓުގެ އިސްތިއުނާފުގެ މަރުހަލާގައެވެ.

ޖަމީލް ޕީޕީއެމްއަށް ގުޅިވަޑައިގަތުމާއެކު، އެ ކޯލިޝަންގެ އެޑްވައިޒަރުކަމުގެ މަގާމު ވަނީ ދެއްވާފައެވެ.

comment ކޮމެންޓް