އުމުރުން ދުވަސްވީ ތިން މީހަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުވާކޮށްފި

ގއ. ކަނޑުހުޅުދޫގައި މަގުމަތީގައި ބަޔަކު ހިނގާފައިފާ ދާއިރު ކުޑަ ކުއްޖަކު ފަހަތުން ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ ތިން މީހަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެރަށު ޕްރިމްރޯސް މުހައްމަދު ސިމްހާނުގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފި އެވެ.

އެމައްސަލާގައި ސިމްހާން ހައްޔަރުކޮށްފައި ވަނީ މިދިއަ މަހުގެ 29 ވަނަ ދުވަހު އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނީ ސިމްހާނުގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެއީ ގާނޫނުލްއުގޫބާތުގެ 230 ވަނަ މާއްދާގެ ދަށުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި، ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ޖިންސީ ކުށުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާއާއި ޖިންސީ ކުށުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މީހަކު ރޭޕް ކުރުމުގެ ބޭނުމުގައި ނުވަތަ އޭނާއަށް ޖިންސީ އަނިޔާއެއް ނުވަތަ ޖިންސީ ގޯނާއެއް ކުރުމުގެ ބޭނުމުގައި އޭނާގެ ނުރުހުމުގައި އޭނާ ތަނެއްގައި ބެހެއްޓުމަކީ ނުވަތަ ބޭންދުމަކީ ނުވަތަ އޭނާއަށް އެހެންތަނަކަށް ނުދެވޭގޮތަށް ތަނެއްގައި ބަންދުކުރުމަކީ ކުށެއް ކަމަށެވެ. އެކުށް ކުރާ މީހާގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާއި ދެމެދުމުގެ މުއްދަތަށް ޖަލަށް ލުމެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޖިންސީ ގޯނާ ކުރުމުގެ ކުށް ކުރަން އުޅުމަކީ ކުށެއް ކަމަށެވެ. އަދި އެ ކުށްކުރުމުގައި ބައިވެރިވުމަކީވެސް ކުށެއް ކަމަށެވެ. ނުވަތަ އެހީތެރިވެދިނުމަކީވެސް ކުށެއް ކަމަށެވެ. އެކުށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނަމަ ތިން އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ ކަމަށް އެ މާއްދާގައި ބުނެ އެވެ. އަދި އެ ނޫން ގޮތަކަށް އެކުށްކޮށްފި ނަމަ އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސިމްހާންއަށް ކުރި ދައުވާތަކުގެ ތެރެއިން ޖިންސީ ކުރުށުގެ ގާނޫނުގެ ދަށުން ކުރި ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާ ސާބިތުވެއްޖެ ނަމަ އެ އަދަދު އިތުރުވެގެން ދާނެ އެވެ.

އެމައްސަލަތައް ހުށަހަޅާފައި ވަނީ އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ފުލުހުން ބުނެފައިވަނީ ސިމްހާނުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުނީ 64 އަހަރުގެ އަންހެނަކު ރޭޕް ކުރަން އުޅުމުގެ ތުހުމަތުގައި ކަމަށެވެ. އޭގެ ފަހުން ފުލުހުން ބެލި ބެލުމުން 66 އަހަރުގެ އަންހެނަކަށާއި 65 އަހަރުގެ އަންހެނަކަށްވެސް އޭނާ ޖިންސީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް