އެޗްޑީސީ އުވާލަން ޖެހޭ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) --- ފޮޓޯ/ މަޖިލިސް

ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕްރެޝަން (އެޗްޑީސީ) އުވާލަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީއަށް ހުޅުމާލެ ދެވަނަ ފޭސްގައި ބިން ވިއްކުމަށް އެޗްޑީސީ އިން ނިންމާފައިވާ މައްސަލަ ބަލައިދިނުމަށް އެދި މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ހުށަހަޅުއްވާފަ އެވެ. އެމައްސަލައާ ގުޅޭ ގޮތުން އެޗްޑީސީ އިން މަޖިލީހަށް ފޮނުވާފައިވާ ސިޓީ އާއި ގުޅިގެން މެންބަރު ވިދާޅުވީ ހުޅުމާލޭގެ ބިންތަކަކީ އެޗްޑީސީގެ ތަރިކަ މުދަލެއް ކަމަށް އެ ކުންފުނިން ދެކިގެން ނުވާނެ ކަމަށެވެ.

"އެޗްޑީސީ އަކީ ރައްޔިތުންގެ ކުންފުންޏެއް. ބިމަކީ ރަައްޔިތުންގެ ބިން. އެޗްޑީސީ އެބަޖެހޭ އުވާލަން މިހާރު،" މެންބަރު ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އެޗްޑީސީ އުވާލުމަށްފަހު އަލުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުންފުނި ބިނާވެށީގެ ތަރައްގީ ކުރުމުގެ އުސޫލުގެ ދަށަށް ފައްތާ ކުންފުނި ރީ ސްޓްރަކްޗާ ކުރަން ޖެހޭ ކަމަށެވެ.

އެޗްޑީސީ އިން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހުޅުމާލޭގެ ބިމަކީ އެކުންފުނީގެ ނަންމަތީ ރެޖިސްޓްރީ ކޮށްފައިވާ ބިމެއް ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އެންމެ ފަހުން ބިން ވިއްކާފައިވަނީ 2017 ވަނަ އަހަރު ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެޗްޑީސީ އިން ފޮނުވާފައިވާ ސިޓީގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން މިވަގުތަށް ނިންމާފައި ނުވާ ކަމަށެވެ. ހުޅުމާލެއަކީ އެޗްޑީސީއިން މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަމުންދާ ރަށަކަށް ވާއިރު، އެ މާސްޓާޕްލޭން ފަރުމާ ކުރެވިފައި ވަނީ އެކި ބޭނުންތަކަށް ހާއްސަކުރެވިގެން ކަމަށާއި އެގޮތުން ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް އެ މާސްޓާޕްލޭންގައި ޖާގަ ދެވިފައިވާ ކަން އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިން އެ ކުންފުންޏަށް ރެޖިސްޓްރީ ކޮށްފައިވާއިރު ދެވަނަ ފިޔަވަހީގެ ބިން އެ ކުންފުނީގެ މައްޗަށް ރެޖިސްޓްރީ ކޮށްފައިވަނީ 2017 ވަނަ އަހަރު ކަމަށް އެޗްޑީސީ އިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ބޮންޑޭ ވިދާޅުވީ އެޗްޑީސީ އަކީ ދަރަންޏަށް ޒިންމާވާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނީގެ ދަރަނި ނުދެއްކިއްޖެ ހާލެއްގައި "ހުޅުމާލެ ވިއްކާލަފާނެ" ކަމުގެ ބިރު އެބައޮތް ކަމަށެވެ.

މެންބަރު ވަނީ އެޗްޑީސީ އިން ހުޅުމާލެއިން ބިން ވިއްކާ ހައިސިއްޔަތު ސާފުކޮށްދިނުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ. އަދި ހުޅުމާލޭގެ މިލްކުވެރިންނަކީ ރައްޔިތުންތީ، އެޗްޑީސީތޯ ސާފުކުރަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި އެ މައްސަލާގައި އެޗްޑީސީގެ ވެރިން ކޮމެޓީ އަށް ހާޒިރުކޮށްދިނުމަށްވެސް މެންބަރު ވަނީ އެދިލައްވައިފައެވެ.

އެޗްޑީސީ އުވާލުމަށް މެންބަރު އިބްރާހިމް ރަޝީދު ދެއްކެވި ވާހަކަފުޅަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުވެސް ތާއީދު ކުރެއްވިއެވެ. ނިހާދު ވިދާޅުވީ ހުޅުމާލޭގެ ބިން ކުންފުންޏެއް ދަށަށް ގެންގޮސްފައިވާނަމަ އައްޑޫ ސިޓީ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ދަށަށް އެ ސިޓީގެ ރަށްތަކާ ފަޅުތަކާ ގިރިތަކާ ގެންގޮސް ތަރައްގީ ކުރަންވީ ކަމަށެވެ. ފުވައްމުލައް އަދި ދިއްދޫގައިވެސް އެގޮތަށް ކަންކުރަންވީ ކަމަށް މެންބަރު ވިދާޅުވިއެވެ.

ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމްވެސް ވަނީ އެޗްޑީސީގެ ނަންމަތީ ހުޅުމާލޭގެ ބިންތައް އޮތުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަ ދައްކަވައިފައެވެ.

ކުންފުނީގެ މުގައްރިރު އިލްޔާސް ލަބީބު ވިދާޅުވީ ކަމެއް ދިމާވާއިރު ކުންފުންޏެއް އުވާލަން ވާހަކަ ދެއްކުމުގެ ބަދަލުގައި، ކޮމެޓީގެ މަގުސަދަކީ ކުންފުނިތަކުގެ މަސައްކަތް ބަލައި ރަނގަޅު ކުރަން ހުރި ކަންތައް ކުންފުނިތަކަށާއި ސަރުކާރަށް ދެންނެވުން ކަމަށެވެ. އުވާލާވަރަށް ގޯސްވާނަމަ އެ ރެކޮމެންޑޭޝަންވެސް ސަރުކާރަށް ދެވޭނެ ކަމަށް މުގައްރިރު ވިދާޅުވިއެވެ.

comment ކޮމެންޓް