ސުޝާންތުގެ "ދިލް ބޭޗާރާ" އަންނަ މަހު ހޮޓްސްޓާއަށް

ދިލް ބޭޗާރާ ގެ ޕޯސްޓަރެއް: މިއީ ސުޝާންތުގެ އެންމެ ފަހު ފިލްމު---

މި މަހު މަރުވި ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް ގެ ފަހު ފިލްމު "ދިލް ބޭޗާރާ" އަންނަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން އަޅުވާ ގޮތަށް ނިންމައިފިއެވެ.

ސުޝާންތު ކުޅުނު ފަހު ފިލްމު "ދިލް ބޭޗާރާ" ސިނަމާތަކުގައި އެޅުވުމަށް ފޭނުން އެދެމުން ދިޔަ ނަމަވެސް ފިލްމު ރިލީޒްކުރަން ނިންމީ ޑިޖިޓަލް ކޮށެވެ. އަންނަ މަހު 24 ވަނަ ދުވަހު ފިލްމު ހޮޓްސްޓާއިން ދައްކާނެކަން މިހާރު މިވަނީ ޔަގީންވެފައެވެ. އެކަން ފިލްމުގެ އަންހެން ލީޑު ތަރި ސަންޖަނާ ސަންގީ ވަނީ ކަށަވަރުކޮށްދީފައެވެ. މި ފިލްމު ކުރިން ސިނަމާތަކުގައި އަޅުވަން ނިންމީ މެއި މަހުގެ ހަވަނަ ދުވަހުއެވެ. ނަމަވެސް ކޮރޯނާވައިރަހާއެކު ސިނަމާތައް ބަންދުކުރާ ގުޅިގެން ފިލްމު އެޅުވޭގޮތް ނުވީއެވެ. "ދިލް ބޭޗާރާ" ހޮޓްސްޓާގެ ސަބްސްކްރައިބާސް އާއި ނޮން ސަބްސްކްރައިބާސް އަށް ވެސް ބެލޭނެއެވެ.

ފިލްމުގެ ޑައިރެކްޓަރު މުކޭޝް ޗާބްރާ ބުނީ ސުޝާންތު އާ ނުލައި ފިލްމު ރިލީޒްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ސުޝާންތު އާ ނުލައި ފިލްމު ރިލީޒްކުރަން ޖެހިދާނެކަމަށް ކުޑަވެސް އުންމީދެއް ނުކުރާ ކަމަށެވެ. އަދި ސުޝާންތު އަކީ ހަމައެކަނި ފިލްމުގެ ހީރޯ ނޫންކަމަށާއި އޭނާ އަކީ ހުރިހާ ގޮތަކުން ވެސް ހީރޯ އެއް ކަމަށެވެ. މުކޭޝް ޗާބްރާގެ އަލަތު ޑައިރެކްޝަން ފިލްމު "ދިލް ބޭޗާރާ" ކުޅުމަށް ސުޝާންތު ވައުދުވި ކަމަށާއި އެ ވައުދު އޭނާ ފުއްދައިދިން ކަމަށްވެސް އޭނާ ބުންޏެވެ.

"އޭނާ އަކީ އަހަރެންނާ ވަރަށް ގާތް މީހެއް. ދެގޮތެއް ނުވާ އަބަދުވެސް އެކުގައިވި ރަހުމަތްތެރިއެއް. އެންމެންދެކެ ވެސް ލޯބިވާ އެކްޓަރެއް އެއީ. ވަރަށް ދެރަވޭ އޭނަ އާ ނުލައި ފިލްމު ރިލީޒްކުރަންޖެހޭތީ. ވަރަށް ހަނދާންވޭ،" މުކޭޝް ބުންޏެވެ.

"ދިލް ބޭޗާރާ" އަކީ ދެހާސް ސާދަވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު، "ދަ ފޯލްޓް އިން އަވާ ސްޓާޒް"ގެ ހިންދީ ރީމޭކެކެވެ. އެއީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ ދެމެދުގައި އުފެދޭ ލޯބީގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.

comment ކޮމެންޓް