ޕާޓާގެ "ޑްރީމް ޓު ޓްރެވަލް ފެސްޓިވަލް" ގައި ރާއްޖެ އިޝްތިހާރު ކުރަނީ

ދަ ސަން ސިޔާމް އިރުފުށި ރިސޯޓު ހިންގާ ރަށް -- ފޮޓޯ/ ދަ ސަން ސިޔާމް އިރުފުށި

ޕާޓާއިން އޮންލައިންކޮށް ކުރިއަށްގެންދާ "ޑްރީމް ޓު ޓްރެވަލް ފެސްޓިވަލް"ގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފަރާތުން ބައިވެރިވެއްޖެ އެވެ.

އެ ކޯޕަރޭޝަނުން ބުނީ މި މަހުގެ 22 އިން ފެށިގެން ޖުލައި 17އާ ހަމައަށް ކުރިއަށްގެންދާ އެ ހަރަކާތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ ގުޅޭ ތައްޔާރީތަކާއި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަކީ ރާއްޖެއަށް އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް އުންމީދީ ހަބަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މި ޕްލެޓްފޯމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ހަބަރުތައް ގެނެސްދޭއިރު، މި ފަސްގަނޑަށް ފަތުރުވެރިން އައުމަށް ރާއްޖެ ތައްޔާރުވެފައިވާކަން ހާމަވެގެންދާނެ." ތޮއްޔިބު ވިދާޅުވި އެވެ.

ބޭރުގެ ތަޖުރިބާކާރުންނާއި ބައްދަލުކޮށް، އޭޝިއާ ގައުމުތަކުގެ ފަތުރުވެރިން އިޝްތިހާރުކުރަން ބާއްވާ އެ ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހަބަރުތަކާއި ހިތްގައިމު ވީޑިއޯތައް ދައްކުވައިދޭން ހާއްސަ ޑިޖިޓަލް ޝޯރޫމެއް އެމްއެމްޕީއާރުސީން ވަނީ ގާއިމުކޮށްފަ އެވެ.

އޭގެ އިތުރުން އިވެންޓުގައި ބައިވެރިންގެ ޝައުގުވެރިކަން ދެމެހެއްޓުމަށްޓަކައި އެކި އިނާމު ލިބޭ ކުޅިވަރުތަކެއް ވެސް ކުރިއަށްގެންދެ އެވެ. އެގޮތުން މާދަމާ މެންދުރު 13:00 - 13:30 އާ ހަމައަށް "ޑިސްކަވާ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުގައި ހާއްސަ ކުއިޒެއް އޮންނާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ތަފާތު އަދި ހާއްސަ ހަރަކާތްތަކާއި ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަދަ އުންމީދީ މެސެޖުތައް ދައްކުވައިދޭ އެއް ގަޑިއިރުގެ ލައިވް ސެޝަނެއް ވެސް ކުރިއަށް ގެންދާނެ އެވެ. އެ ސެޝަން ފަށާނީ ޖުލައި 16ވަނަ ދުވަހުގެ ހެނދުނު 8:00 ގަ އެވެ.

އެ ފެސްޓިވަލުގެ ވެބްސައިޓު މެދުވެރިކޮށް ރާއްޖެ ތަމްސީލުކޮށްދޭ ތަފާތު ހަރަކާތްތަކާއި އިތުރު މައުލޫމާތު ލިބިގެންދާނެ އެވެ.

comment ކޮމެންޓް