އަޅާނުލުމުގެ ސަބަބުން އެމެރިކާގެ ޕަބްލިކް ހެލްތު ނިޒާމުވަނީ ބޮއްސުންލާފައި: ޑރ. ރެޑްފީލްޑް

ޑރ. ރޮބަޓް ރެޑްލީފް، ކޮންގްރެސްގެ ސަބް ކޮމިޓީގެ މެންބަރުންނަށް މައުލޫމާތު ދެއްވަނީ

ވޮޝިންޓަން (ޖޫން 25) : އެމެރިކާގެ ޕަބްލިކް ހެލްތް (އާންމު ސިއްހަތު) ނިޒާމު އޮތީ ބޮއްސުންލައި ވަރަށް ދަށުހާލަތަކަށް ވެއްޓިފައި ކަމަށް އެގައުމުގެ ޕަބްލިކް ހެލްތާބެހޭ އިދާރާއިން ބުނެފިއެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ހައުސްގެ އެނާޖީ އެންޑް ކޮމާސް އާބެހޭ ސަބްކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ޕަބްލިކް ހެލްތާބެހޭ މައި އިދާރާ "ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން"ގެ ވެރިޔާ ޑރ. ރޮބަޓް ރެޑްފީލްޑް ވިދާޅުވީ އެމެރިކާގެ ޕަބްލިކް ހެލްތްގެ ނިޒާމުގެ ހާލަތު ދަށަށްގޮސް ކޮވިޑްއާއެކު އެނިޒާމު ބޮއްސުންލައިގެން ދިޔައީ އެމެރިކާގެ ފެޑްރަލް ސަރުކާރުން އާންމު ސިއްހަތަށް ކުރަންޖެހޭ ހޭދަ ނުކުރުމުގެ ސަބަބުން ކަމުގައެވެ.

އެމެރިކާގެ އާންމު ސިއްހަތަށް ކުރަންޖެހޭ ޚަރަދުތަކާއި ކުރަންޖެހޭ އިންވެސްޓްމަންޓްތައް ބަޖެޓް ނެތުމުގެ ސަބަބުން ނުކުރެވިވާތާ އެތަށް އަހަރެއް ވެފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވާކަމަށް ޑރ. ރެޑްފީލްޑް ވިދާޅުވިއެވެ.

އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ނުވެ އެރޯގާއި އެންމެ ގިނަ މީހުން މަރުވެފައިވާ އަދި މަރުވަމުންދާ ގައުމުވެސް މެއެވެ. ކޮވިޑް-19 އެމެރިކާގައި އެހާ ބޮޑަށް ފެތުރެމުންދަނީވެސް އެމެރިކާގެ ޕަބްލިކް ހެލްތް ގެ ނިޒާމު ބަލިކަށިވުމުގެ ސަބަބުންކަން ރެޑްފީލްޑް ފާހަގަ ކުރެއްވިއެވެ.

އެމެރިކާއަކީ ތަރައްގީވެފައި ގައުމުތަކުގެ ތެރެއިން ސިއްހަތަށް އެންމެ ބޮޑަށް ޚަރަދު ކުރާ އެއްގައުމެވެ. އެހެން ނަމަވެސް އެމެރިކާގައި ސިއްހަތަށް ކުރާ ޚަރަދުގެ ބޮޑުބައި އަމާޒުކޮށްފައިވަނީ މުއްސަނދިންނަށް ބޭނުންވާ ސިއްޙީ ކަންކަމަށް އިންވެސްޓް ކުރުމަށެވެ. އާންމު ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކަށް ނޫނެވެ. އަދި ސިއްހީ ކަންކަމަށް އެމެރިކާ ސަރުކާރުން ކުރާ ހޭދައިގެ 80 އިންސައްތަ ދަނީވެސް އަމިއްލަ ކުންފުނިތަކުގެ ތިޖޫރީތަކަށެވެ.

ޔޫރަޕްގެ ގައުމުތައް ފަދަ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ސިއްޙީ ރައްކާތެރިކަމުގެ ޕަބްލިކް ނިޒާމުތައް (ހެލްތް އިންޝުއަރެންސް ނިޒާމުތައް) ގާއިމް ކޮށްފައިވީނަމަވެސް އެމެރިކާގައި ކަންތައް އޮތީ އެގޮތަކަށް ނޫނެވެ. އެމެރިކާގެ 200 އަހަރަށްވުރެ ގިނަ ދުވަސްވީ ޑިމޮކްރަސީއަށް އެގައުމުގެ އާންމު ރައްޔިތުންނަށް ޓަކައި އެފަދަ ނިޒާމެއް ގާއިމް ކޮށްދެވިފައެއް ނުވެއެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އޮބާމާ ކެއާގެ ނަމުގައި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ސިއްޙީ ރައްކާތެރިކަމުގެ ޕަބްލިކް ނިޒާމެއް ގާއިމް ކުރިނަމަވެސް އެއީ ސޯޝަލިސްޓް ފިކުރާ ގުޅޭކަމެއް ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އެނިޒާމު އުވާލާފައެވެ.

އެމެރިކާއަކީ އެބްޒޮލިއުޓް ކެޕިޓަލިސްޓް ފިކުރުގެ މައްޗަށް ބިނާކޮށްފައިވާ އިގްތިސާދެއް އޮންނަ ގައުމަކަށްވާތީ އެމެރިކާގައި ސަރުކާރުގެ (ޕަބްލިކް) ހޮސްޕިޓަލްތަކެއް ނުހުރެއެވެ. އެހެންކަމުން ފަގީރުންނާއި މެދުފަންތީގެ މީހުން ސިއްހީ ފަރުވާ ހޯދުމަކީ ފައިސާގެ ބޮޑެތި ދަތިތަކެއް އެމީހުން އަމިއްލައަށް ތަހައްމަލް ކުރަންޖެހޭ ކެމެކެވެ.

އެމެރިކާގައި ހުންނަނީ ޕްރައިވެޓް ހޮސްޕިޓަލްތަކެވެ. އެތަންތަނުން ފަރުވާ ހޯދުމުގެ ގާބިލްކަން ހުންނަނީ މުއްސަނދިންނާއި މެދުފަންތީގެ އާމްދަނީ ލިބޭމީހުންނަށެވެ. އެމެރިކާގައި ކޮވިޑް-19 ޖެހިގެންވެސް އެހެން ގައުމުތަކަށްވުރެ ގިނައިން އާންމުން މަރުވީ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކޮށްދޭ ސަރުކާރު ހޮސްޕިޓަލްތަކެއް ނުވަތަ ނިޒާމެއްވެސް ނެތުމުންކަމަށް ސިއްހަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ.

އެމެރިކާގައި ހެލްތް އިންޝުއަރެންސް ނިޒާމުތައް ހިލޭ ލިބޭމީހުންނަށް ލިބެނީ އެމީހަކު މަސައްކަތްކުރާ ކުންފުންޏަކުން ނުވަތަ އޮފީހަކުން ނުވަތަ މުއައްސަސާއެއް މެދުވެރިކޮށެވެ. އެގޮތަށް ނުލިބޭ މީހުން ހެލްތް އިންޝުއަރެންސް ހޯދަނީ އަމިއްލައަށް ފައިސާ ދައްކައިގެން ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުންނެވެ. ކުންފުނިތަކާއި މުއައްސަސާތަކުން ހެލްތް އިންޝުއަރެންސް ލިބިފައިވަނީ އެމެރިކާގެ 330 މިލިޔަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ މީހުންނަށް ކަމަށްވެއެވެ.

އެނޫން މީހުން ސިއްޙަތަށް ޚަރަދު ކުރަންޖެހިފައިވަނީ އަމިއްލަ ޖީބުންނެވެ. ޖީބުން ޚަރަދު ކުުރުމުގެ ގާބިލްކަން ނެތްމީހުންނަށް ފަރުވާކުރެވޭނެ ގޮތެއް ނޯވެއެވެ.

ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރެޑްފީލްޑް ވިދާޅުވީ އެމެރިކާގެ އާއްމު ސިއްހަތުގެ ގާބިލްކަން އިތުރު ކުރުމަށް އެކަށީގެންވާ މިންވަރަށް ޚަރަދު ނުކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި ސިއްހީ ދާއިރާ އަށް މިހާރު ވެސް އެތައް އިންވެސްޓްމަންޓެއް ބޭނުންވާ ކަމަށެވެ. މިހާލަތުގައިވެސް އެމެރިކާގެ ޕަބްލިކް ހެލްތް ގެ ނިޒާމު އޮތުމުން ކޮވިޑް ކުރިމަތިލުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭކަމަށާ އެޚަރަދު 7 ޓްރިލިޔަން ޑޮލަރަށް އަރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިން ޕަބްލިކް ހެލްތަށް ރަނގަނޅަށް އިންވެސްޓް ކުރެވުނުނަމަ ކުޑަކުޑަ ވައިރަހަކާހެދި މިވަރުގެ ބޮޑު ގެއްލުމެއް އެމެރިކާއަށް ނުލިބުނީސްކަމަށާ އަދި މިވަރުގެ ބޮޑު ޚަރަދެއް އެމެރިކާއަށް ކުރަން ނުޖެހުނީސްކަން ރެޑްފީލްޑް ފާހަގަ ކުރެއްވިއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް