ސްޓެލްކޯ ރަށްފެހި ޕްރޮގްރާމުގެ މޭވާ ލޮކްޑައުން ތެރޭ ލިބިއްޖެ

ސްޓެލްކޯ ރަށްފެހި ޕްރޮގްރާމުގެ ތެރެއިން --

މުޅި ރާއްޖެ ފެހި ކުރުމަށް ރައީސުލްޖުުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާދެއްވާފައިވާ ޕްރޮގްރާމުގެ ދަށުން ސްޓެލްކޯ އިން ފަށާފައިވާ "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމުގެ މޭވާ މި ލޮކްޑައުންތެރޭ ލިބިއްޖެ އެވެ.

މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަސްތައް މި ޕްރޮގްރާމުގެ ދަށުން އިންދިއިރު، މޭވާ އަޅާ ގަސްތަކުން މިހާރު ވަނީ މޭވާ ލިބެން ފަށައިފަ އެވެ.

އެގޮތުން މިލޮކްޑައުންގެ ތެރޭގައި މި ޕްރޮގްރާމްގެ ދަށުން ތިލަފުށީ އިންޖީނުގޭގައި އިންދާފައިވާ ބައެއް ގަސްތަކުން މޭވާ ލިބުނު ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ތިލަފުށީ އިންޖީނުގޭގައި އިންދާފައިވާ ޖަނބުރޯލު ގަޖެއް -- ފޮޓޯ: ސްޓެލްކޯ

އޭގެ ތެރޭގައި ދޮންކެޔޮ، އަނބު، ޖަނބުރޯލު އަދި ކުންނާރުގެ ހިމެނެއެވެ. މިއަހަރުގެ ރަމަޟަން މަސް ދިމާވީ ލޮކްޑައުން ތެރެއާ ކަމުން، ބައެއް މޭވާ ތިލަފުށީގައި މަސައްކަތް ކުރާ މީހުންނަށް ހަދިޔާވެސް ކުރިކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ތިލަފުށީގެ އިތުރުން މިއަހަރު ތެރޭ އއ. ފެރިދޫ އިންޖީނުގޭގައި މި ޕްރޮގްރާމްގެ ދަށުން އިންދި ބައެއް ގަސްތަކުންވެސް މޭވާ ލިބިފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ އެގޮތުން އެރަށުގައި އިންދި ގަސްތަކުން ދަނޑިއަލުވި، ކުންނާރު އަދި މިރުހުގެ އިތުރުން ކަރަޔާއި މުރަނގަތޮޅި ވެސް ލިބުނު ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މަހިބަދޫގައި އިންދި ކޮޕީ ގަސްތައް -- ފޮޓޯ: ސްޓެލްކޯ

މީގެ އިތުރުން އދ. މަހިބަދޫ ގައި އިންދި ގަސްތަކުން މި ރޯދަމަހު ވަނީ ކޮޕީފަތާއި، ޖަނބުރޯލު އަދި އަނބުގެ އިތުރުން،އިތުރު އެހެން ބާވަތްތަކުގެ މޭވާ ލިބިފަ އެވެ.

"ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމްގެ ދަށުން އެ ކުންފުނިން ހިދުމަތްދޭ 35 ރަށުގައި މިދިޔަ އަހަރު 2000 ގަސް އަދި މިއަހަރު ތެރޭގައި 3000 ގަސް ވަނި އިންދައިފަ އެވެ.

ސްޓެލްކޯ އިންް އިންދި ގަހުން ލިބުނު މޭވާ --

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އަމާޒަކީ ރައީސް ސޯލިހު ފައްޓަވާދެއްވި "ރަށްފެހި" ޕްރޮގްރާމަކީ ސްޓްލެކޯގެ ފަރާތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ޕްރޮގްރާމަކަށް ހެދުން ކަމަށެވެ.

"އަދި މި ޕްރޮގްރާމްގެ ސަބަބުން މިހާރުވެސް ލިބެމުން މިދާފަދައިން ތިމާވެއްޓަށާއި އަޅުގަނޑުމެންނަށް ފައިދާތަކެއް ލިބި، މި ޕްރޮގްރާމްގެ ފޯރި ކުރިޔަށް އޮތްތަނުގައި އިތުރުވުމަކީ އަމާޒު،" މުޣުނީ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް