ފިއްލަދޫ ޔޫތް ސެންޓަރުގެ މަސައްކަތް ނިންމާލައިފި

ފިއްލަދޫގެ ޔޫތް ސެންޓަރުގެ އެތެރެ ހޯލު --- ފޮޓޯ/ޓްވިޓާ

ހއ. ފިއްލަދޫގެ ޒުވާނުންގެ އެންމެ ބޮޑު އެދުމެއްގެ ގޮތުގައި ފާހަގަ ކުރި ޔޫތް ސެންޓަރުގެ މަސައްކަތް ނިންމާލައިފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އެ މަގާމާއި ހަވާލުވުމަށްފަހު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފިއްލަދޫއަށް ވަޑައިގެންފައިވާ އިރު އޭރު އެ ރަށުގެ ޒުވާނުންގެ އެންމެ ބޮޑު އެދުމެއްގައި ފާހަގަ ކޮށްފައިވަނީ އެ ރަށުގައި ޔޫތް ސެންޓަރެއް އެޅުމަށެވެ.

އަދި އެ ދަތުރުގައި މިނިސްޓަރު މަހްލޫފް ވައުދުވެވަޑައިގެން ސެންޓަރުގެ މަސައްކަތް އެ ރަށުގެ ކައުންސިލުން އިއުލާން ކޮށްގެން ކުރިއަށް ގެންގޮސް މިހާރު ނިންމާލެވިފައިވާ ކަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފް މިއަދު ޓްވީޓް ކުރައްވަމުން ވިދާޅުވީ، ޔޫތް ސެންޓަރުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އެ ސެންޓަރުގައި ބަހައްޓާ ކުޅިވަރު ސާމާނުތަކާއި އެހެނިހެން ބައެއް ތަކެތި ބެހެއްޓުމުގައި ވެސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން މި ސެންޓަރުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފްއާއި އެ ރަށުގެ ކައުންސިލުގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް ވެސް މަހްލޫފް ވަނީ ޓްވީޓުގައި ޝުކުރު އަދާ ކުރައްވާފަ އެވެ.

ފިއްލަދޫގެ މި ސެންޓަރުގެ މަސައްކަތަށް ސަރުކާރުން ހަތަރު ލައްކައަށް ވުރެން ގިނަ ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް