ކޮވިޑަށް ޓެސްޓުކުރަން ދެކޮޅު ހެދި ބައެއްގެ މައްޗަށް ކޯޓު އަމުރެއް ނެރެފި

ޖޫން 8، 2020: އެމްޕީއެލް ސަރަހައްދުގައި އާރް އާރް ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި ދެ މީހެއްގެ ސާމްޕަލް ނެގުމަށް ސިވިލް ކޯޓުން ރޭ އަމުރު ނެރެފި އެވެ.

ސިވިލް ކޯޓުން ނެރުނު މި އަމުރުގައި ބުނީ އެ ދެމީހުންގެ މައްޗަށް ސާމްޕަލް ދިނުމަށް އެންގުމާއެކު، ސާމްޕަލް ނެގުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ އެއްގޮތަށް އެމީހާގެ ސާމްޕަލް ނަގައިދިނުމަށް ކަމާއި ބެހޭ ފަރާތްތައް އަދި ފުލުހުންގެ މައްޗަށް ދެ އަމުރެއް ނެރެފައިވާ ކަމަށެވެ.

މީގެކުރިން ވެސް ސިވިލް ކޯޓުން ވަނީ ސާމްޕަލް ދޭން ދެކޮޅު ހެދި ބައެއްގެ މައްޗަށް އަމުރު ނެރެފަ އެވެ. އެގޮތުން އަހަރު ނުވާ ކުޑަކުއްޖަކު ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ދޭން އެކުއްޖާގެ މައިންބަފައިން ދެކޮޅު ހެދުމުން، ސާމްޕަލް ދިނުމަށް އަންގައި އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ވެސް ވަނީ އަމުރެއް ނެރެފަ އެވެ.

މީގެ އިތުރުން، ރާއްޖޭގައި ހުރި އޮސްޓްރިއާ ރައްޔިތަކާއި ސިވެއްސަކު ކަރަންޓީނު މަރުކަޒަކަށް ދާން ދެކޮޅު ހެދުމާ ގުޅިގެން އެ މީހުން ކަރަންޓީނު މަރުކަޒަށް ގެންދިޔުމުގެ އަމުރެއް ވެސް މީގެ ކުރިން ސިވިލް ކޯޓުން ނެރެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން 2،260 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 1،839 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު ބައްޔަށް ފަރުވާ ދެވެމުންދަނީ 408 މީހަކަށެވެ.

comment ކޮމެންޓް