ނަތަންޔާހޫއަށް ޓެކްސްގެ ލުއިތަކެއް ދޭތީ ފާޑުކިޔުން

އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއިލްގެ ބޮޑުވަޒީރުަ ދައްކަވަން ޖެހޭ ޓެކްސްއިން އެތައް ހާސް ޑޮލަރެއް މާފުކޮށްދެން އެދުމުން އެކަން އެގައުމުގެ ޕާލަމެންޓުން ފާސްކޮށްދީފިއެވެ.

އެއާއެކު ނަތަންޔާހޫއަށް 150،000 ޑޮލަރުގެ ޓެކްސް މާފުވެގެން ދާނެއެވެ.

މިދިޔަ އަންގާރަ ދުވަހު އިސްރާއިލްގެ ޕާލަމަންޓުން އެގޮތަށް ފާސްކޮށްދިނުމުން އިސްރާއިލްގެ އިދިކޮޅު ފަރާތްތަކުގެ ނުރުުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އެ ފަރާތްތަކުން ބުނީ އިސްރާއިލްގެ ގިނަ ބަޔަކު ދިރިއުޅުގެ ހަރަދުތަކަށް ބޮޑު ހޭދައެއް ކުރާއިރު ބޮޑެތި އަދަދުން ޓެކްސް ދައްކާކަމަށެވެ. ނަމަވެސް ނަތަންޔާހޫ މިހާރުވެސް އުޅުއްވަނީ ވަރަށް މުއްސަނދި ދިރިއުޅުމެއް ކަމަށެވެ. އަދި މިދުވަސްވަރު ކޮރޯނާވައިރަހާއެކު ހާލުގައި ގިނަ ބަޔަކު ޖެހިގެން އުޅޭއިރު އެގޮތަށް ހަމަޖައްސައިދީފައިވަނީ އެންމެ ދެފުށް ފެންނަ ގޮތަަށްތޯވެސް އެބޭފުޅުން ވަނީ ސުވާލު އުފައްދައިފައެވެ.

ޓެކްސްއަށް ލުޔެއް ދޭގޮތަށް ހަމަޖެއްސިއިރު އިސްރާއިލްގެ ޕާލަމެންޓްގެ ފައިނޭންސް ކޮމިޓީ ކޮންޓްރޯލް ކުރަނީ ނަތަންޔާހޫއާ ގުޅުން އޮންނަ ފަރާތްތަކެވެ.

"80،000 ރައްޔިތުން އެތިބީ ވަޒީފާ ގެއްލިފައި. އެކަމަކުވެސް ނަތަންޔާހޫ އެ ބޭނުންވީ ޓެކްސްގައި ލުޔެއް" އިސްރާއިލްގެ ޕާލަމެންޓްގައި ހިމެނޭ އިދިކޮޅު މެމްބަރެއް ކަމަށްވާ މިކީ ލެވީ ވިދާޅުވިއެެވެ.

ޓެކްސްއަށް ލުޔެއް ދޭގޮތަށް ހަމަޖެއްސިއިރު ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލަތައްވެސް ދަނީ ހިނގަމުންނެވެ. އެގޮތުން ބިލިއަނަރުންގެ އަތުން އަގޮބޮޑެތި ހަދިޔާތަކެއް ހޯއްދެވި މައްސަލައެއް ހިމެނެއެވެ. --އޭޕީ--

comment ކޮމެންޓް