ޓްރަމްޕްއަށް ވުރެ ޖޯ ބައިޑަން 14 ޕޮއިންޓް ކުރީގައި

އެމެރިކާގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ކަމަށް އަންނަ އިންތިހާބްގައި ވާދަކުރައްވާ ޖޯ ބައިޑަން -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޖޯ ބައިޑެން މިހާރުގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕްއަށް ވުރެ 14 ޕޮއިންޓް ކުރީގައި އުޅޭކަމަށް ހިޔާލުހޯދުންތަކުން ދައްކައިފިއެވެ.

ނިއުޔޯކްޓައިމްސް އަދި ސިއެނާ ކޮލެޖުން ނެގި ހިޔާލު ހޯދުންތަކުގެ ޕޮލްއެއްގައި ބައިވެރިވި 50 ޕަސެންޓް މީހުން ބުނީ ވޯޓު ދޭނީ ބައިޑެންއަށް ކަމަށެވެ. އަދި ޓްރަމްޕްއަށް ވޯޓު ދޭނީ 36 ޕަސެންޓް މީހުން ކަމަށް ވަނި ބުނެފައެވެ.

ޕޮލްގެ ވަކި ވަކި ސެގްމަންޓްތަކަށް ބަލާލާއިރު އިންޑިޕެންޑެންޓް ވޯޓަރުންގެ ތެރެއިން 47 ޕަސެންޓް މީހުން ބުނީ ވޯޓު ދޭނީ ބައިޑެންއަށް ކަމަށެެވެ. އަދި ޓްރަމްޕްއަށް ވޯޓު ދޭނީ 29 ޕަސެންޓް މީހުން ކަމަށް ބުންޏެވެ.

ވޯޓުގައި ބައިވެރިވި 79 ޕަސެންޓް އެފްރިކަން އެމެރިކަން މީހުންނާއި އަދި ލެޓީނޯ ނަސްލުގެ 64 ޕަސެންޓް މީހުންވެސް ބުނީ ވޯޓު ދޭނީ ބައިޑެންއަށް ކަމަށެވެ.

ނަމަވެސް ދޮން ނަސްލުގެ މީހުންނާއި ފިރިހެނުންގެ މެދުގައި ނެގި ވޯޓުން ކުޑަ ތަފާތަކުން ޓްރަމްޕް ކުރީގައި އުޅުއްވައެވެ. އެގޮތުން ދޮން ނަސްލުގެ މީހުންގެ 44 ޕަސެންޓް މީހުން ބުނީ ޓްރަމްޕްއަށް ވޯޓު ދޭނެ ކަމަށެވެ. އަދި ބައިޑެންއަށް ވޯޓު ދޭނެކަމަށް ބުނީ 43 ޕަސެންޓް މީހުންނެވެ.

ފިރިހެނުންގެ 43 ޕަސެންޓް މީހުން ޓްރަމްޕްއަށް ވޯޓު ދޭނެކަމަށް ބުނިއިރު 40 ޕަސެންޓް މީހުން ބުނީ ވޯޓު ދޭނީ ބައިޑެންއަށް ކަމަށެވެ.

މިމަހުގެ 17 އިން 22 އަށް ކުރިއަށް ގެންދިޔަ އެ ޕޮލްގައި 1،337 މީހުން ބައިވެރިވިއެވެ.-- ސީއެންއެން-

comment ކޮމެންޓް