ސަރުކާރުގެ އިލްތިމާސް: ރިސޯޓްތަކުން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދީ

ރައީސް ސޯލިހާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ރިސޯޓުތަކުން ވަކިކުރު މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައި --- ފޮޓޯ/ ރައީސް އޮފީސް

އަންނަމަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައި ޓޫރިޒަމް އަލުން ފަށާއިރު، އިގްތިސާދީ ދަތިތަކާ ކުރިމަތިވެގެން ރިސޯޓުތަކުން ވަކިކޮށްފައިވާ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ސަރުކާރުން އިލްތިމާސްްކޮށްފި އެވެ.

ކޮވިޑް19 ފެތުރުން ހުއްޓުވުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ މާޗް މަހު ސަރުކާރުން ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކޮަށްފަ އެވެ. އޭއާއެކު ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތް، ފަތުރުވެރިކަމުގެ ދާއިރާ ހުއްޓި ރިސޯޓުތައް ބަންދުކުރަން ޖެހުމުން މުވައްޒަފުންގެ ވަޒީފާތައްވެސް ވަނީ ގެއްލިފަ އެވެ.

ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު ގައިޑްލައިން އާންމުކުރި އިރު، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށް ރިސޯޓުތަކަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

"މި ގައިޑްލާނާއެކު މިނިސްޓްރީން މިހާރު އިޝޫކޮށްފައި އޮންނާނެ ކޮވިޑާ ގުޅިގެން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އިސްކަންދޭން. ވާހަކައަކީ، ރިސޯޓު އަލުން ހުޅުވާއިރު، އެ ރިސޯޓުގައި ކުރިން މަސައްކަތް ކުރި މުވައްޒަފުން ނެގުމަށް ސަރުކާރުން މިހާރު ވާނީ އިލްތިމާސްކޮށްފައި. އަޅުގަނޑުމެން ދާނީ މިކަން މޮނީޓާ ކުރަމުން،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ވަޒީފާ ގެއްލުނު މީހުންގެ ޕޯޓަލްގެ ތަފާސް ހިސާބުތައް ޓޫރިޒަމް މިނިސްޓްރީން ބަލަމުންދާނެ ކަމަށާއި ވަޒީފާ އަނބުރާދޭ ރިސޯޓުތަކާއި ނުދޭ ރިސޯތުތައްވެސް ބަލަމުންދާނެ ކަމަށެވެ.

"ޓޫރިޒަމް މިނިސްޓްރީގެ ކައިރިއަށް ވެސް ހަމަ ރިސޯޓުތަކުން ވެސް އަންނަން ޖެހޭނެ ބައެެއް ފަހަރު ރެންޓް ނުދެއްކިގެން، ލަސްވެގެން އެހީތެރިކަމަަށް. އަޅުގަނޑުމެން މި ކަންކަމުގައި [މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި] އަމަލުކުރި ގޮތް ބަލާނަން. އަޅުގަނޑުމެންނަކީ ރައްޔިތުން އިންތިހާބު ކޮށްފައި އޮތް ރައްޔިތުންގެ ސަރުކާރެއް. އެހެންވީމާ ރައްޔިތުންނާ މެދު އަމަލުކުރާ ގޮތަކަށް، ރައްޔިތުންގެ ސަރުކާރަކުން އެ ފަރާތަކާ ދޭތެރޭވެސް އަމަލުކުރާނީ،" މިިނިސްޓަރު އަލީ ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

މިކަމުގައި ހައްލު އޮތީ މުވައްޒަފުންނާއި ވަޒީފާ ދޭ ފަރާތްތަކާ އަދި ސަރުކާރާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮވިޑް ވަބާގެ ސަބަބުން ދުނިޔޭގައިވެސް އެތައް މިލިއަން މީހުން ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ދަތި އެންމެންވެސް އައިސްފައިވާކަން ގަބޫލުކުރަންވާނެ ކަމަށެވެ.

"ރިސޯޓުގައި މަސައްކަތްކުރި މުވައްޒަފަކާ ދޭތެރޭ ގޯސްކޮށް އަމަލުކުރި ރިސޯޓަކަށް އަޅުގަނޑަކަށް ހީއެއް ނުވޭ ވިޔަފާރީގައި ދުވަހަކުވެސް ކާމިޔާބީއެއް ލިބޭނެ ހެނެއް. ފަތުރުވެރިން ވެސް ބަލާނެ އެ ރިސޯޓެއްގައި މަސައްކަތްކުރި މީހުންނާ ދޭތެރޭގައި އަމަލުކުރީ ކިހިނެތްތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ، އިގްތިސާދީ ހާލަތު ރަނގަޅުވުމުން މުވައްޒަފުންގެ މުސާރަ ކުރިން ހުރި ގޮތަށް އިއާދަކުރުމާއި ވަޒީފާ އިއާދަ ނުކުރާނަމަ، ގާނޫނީ ގޮތުން މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

"އިގްތިސާދީ ހާލަތު ހީނަރުވީމައި ވަޒީފާއިން ވަކިކުރުން އަދި މުސާރަ ކުޑަކުރުން އެއީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ ހިތްދަތި ހާލަތެއް. ހަމައެއާއެކު ހާލަތު ބަދަލުވުމުން އެހާލަތު ބަދަލުވާން ޖެހޭނެކަން މުވައްޒަފުންނާ އެެއްގޮތަށް އަޅުގަނޑު ވެސް ބައިންޑްވަން. [ގަބޫލުކުރަން] އަޅުގަނޑު ދެކޭ ގޮތުގައި އިންޑަސްޓްރީގެ ރިސޯތުތައްވެސް އެގޮތަށް އަމަލު ކުރައްވާނެ. އެ ހާލަތު ބަދަލު ނުކޮށްފިނަމަ، ގާނޫނީ ގޮތުން އަޅުގަނޑުމެންގެ މެންޑޭޓޫގައި ކުރަން ޖެހޭ ކަމެއް ކުރުމަށް ފަހަތަކަށް ނުޖެހޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ކަންކަމުގައި ޓްރައިބިއުނަލް އިން ވަކި ގޮތަކަށް ކަމެއް ކުރަން އަންގައިފި ނަމަ، އެ އެންގުމަކާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް އެފަދަ ފިޔަވަޅެއް އެޅުމަށް އަންގާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް