މި ހިޔާތަކަކީ ކުދި ގޮޅިތަކެއް، އެކަމަކު މިވަރުވެސް ފުދޭ

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ ފްލެޓުތަކުގެ އެތެރެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓުތައް "މައްޗަށް އަރާ" ފެންނަން ހުންނަތާ ލައްކަ ދުވަސް ވެއްޖެ އެވެ. ބޭރުން ކުލަ ލާ ރީތިކޮށްފައި ހުރި އިރު، ދެވަނަ ފިޔަވަހީގެ މަންޒަރަކީ ނިކަން ރީތި މަންޒަރެކެވެ. ފްލެޓުތައް ހުންނަ ސަރަހައްދަށް ވަދެގެން ދާއިރު އެ މަންޒަރު އިތުރަށް ފުރިހަމަވެ އެވެ.

ހިޔާ ފްލެޓުތަކަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ މަޝްރޫއެކެވެ. ޗައިނާގެެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ އެ މަޝްރޫއަކީ އެތައް ހާސް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ތަނެކެވެ. ހިޔާ ފްލެޓަށް ކުރިމަތތިލައިގެން ހިޔާވަހިކަން ލިބޭނެ ކަމަށް އެތައް ބަޔަކަށް ލިޔުންވެސް އެ ސަރުކާރުގެ އެންމެ ފަހު ވަތުތާ ހަމަޔަށް ވެސް ދޫކުރި އެވެ. އެކަމަކު އަދި އެތަނުން ހިޔާވަހިކަމަށް ދެވޭނެ ދުވަހެއް ނޭނގެ އެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ބަދަލުވެ ފްލެޓުތަކާ ގުޅޭގޮތުން އާ ސަރުކާރުން ދެއްކި ފުރަތަމަ އެއް ވާހަކައަކީ އެ ތަންތަނުގެ ކުދިކަމުގެެ ވާހަކަ އެވެ. މި ސަރުކާރުން ގަބޫލު ކުރަނީ އެއީ، އިންސާނު އުޅެން ހެޔޮނުވާ، ކުދި އަލިފާން ފޮށިތަކެއް ކަމަށެވެ. އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ހިޔާ ފްލެޓުގައި އުޅެން ދާ މީހުންގެ 80 ޕަސެންޓު މީހުން އެތަނުގައި ނޫޅެ ނިކުންނާނެ ކަމަށެވެ. އެތަންތަނުގެ ހާލަތު ހުރިގޮތް ރައްޔިތުންނަށް ރައީސް ސިފަކޮށްދެއްވީ އެތައް ހާސް ބަޔަކު ތޮއްޖެހިގެން ކުޑަ ކޮއްޓެއްގެ ތެރޭ އުޅެންޖެހޭނެ ހާލަތެވެ.

"އެތަނަށް ވަންނަ މީހުންގެ ތެރެއިން ހަމަ ގިނަ މީހުން އެތަން ދޫކޮށްފައި ނިކުންނާނެ. ދެން އެހެން ގޮތެއް ނެތިއްޔާ އެތާ އެތެރޭ ތިބޭނެ،" ރައީސް ވިދާޅުވި އެވެ.

އެއީ މުސްތަގުބަލުގައި އިންސާނީ ކާރިސާއަކަށް ވެގެން ހިނގައިދާނެ ކަމުގެ އިޝާރާތް ރައީސް ދެއްވި އެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުސް އިމާރާތެއް، ފްލޯއަކު 100 މީހުން

ހިޔާ ފްލެޓުތަކުގެ ވާހަކައިގެ އަޑު ގަދަވެފައިވަނިކޮށް އެޗްޑީސީ އިން އިއްޔެ ވަނީ އެ ފްލެޓުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ނޫސްވެރިންނަށް ދައްކާލައިފަ އެވެ. ޖުމްލަ 7000 ފްލެޓު، 16 ޓަވަރަށް ބަހާލާ ކޮންްމެ ޓަވަރެއްގައި 25 ފަންގިފިލާ ހުންނައިރު ކޮންމެެ ފަންގިފިލާ އަކު 20 އެޕާޓްމެންޓު ހުރެ އެވެ. އެޕާޓުމެންޓެއްގެ ބޮޑު މިނަކީ 570 އަކަފޫޓެވެ. ދެކޮޓަރި އާއެކު އެޓޭޗްޑް ފާހާނާ ހުންނައިރު ފާހާނާއާއެކު ކޮޓަރިއެއްގެ ބޮޑުމިނަކީ 10.5 ފޫޓު، 9.5 ފޫޓެވެ. ސިޓިން ރޫމާއި ބަދިގެ ހިމެނޭ ސަރަހައްދުގެ ބޮޑުމިނަކީ 59 ފޫޓެވެ. ބެލްކަނިކޮޅެއް ކޮންމެ އެޕާޓުމެންޓަކު އިންނައިރު އެތަނުގެ ފުޅާމިނަކީ 2.5 ފޫޓެވެ.

ހިޔާ ފްލެޓެއްގެ ކޮޓަރިއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ ޓަވަރަކު އަރާފޭބުމަށް ތިން ލިފްޓު ހުރެ އެވެ. އިއްޔެ އެޗްޑީސީ އިން ނޫސްވެރިންނަށް ދައްކާލީ 24 ވަނަ ފަންގިފިލާ ގައި ހުރި އެޕާޓްމެންޓުތަކެކެވެ. އިރުމަތީ ފަރާތަށްވާ ގޮތަށް ހުރި އެ އެޕާޓްމެންޓުތަކުންް ބޭރަށް ފެންނަން އެ އޮންނަ މަންޒަރު ބަލާލަަން ވަރަށް ރީއްޗެވެ. މޫދާއި ސާފު އުޑު ބަލާލައި، ރާޅު ޖަހާ އަޑު އަހާލަން އެ ކުޑަ ބެލްކަނި ކޮޅުގައި އިރުކޮޅަކު މަޑުކޮށްލެވުނެވެ.

ހިޔާ ފްލެޓެއްގެ ބެލްކަނި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ފުރަތަމަ އެޕާޓްމެންޓަށް ވަންނައިރު ކަނާާތް ފަރާތުގައި ހުރީ ކޮޓަރިއެކެވެ. އެތަނަށް ބޯދިއްކޮށްލާ ބަލާލި އިރު އަޅައިގަތީ ސައިޒުން ކުޑަ ފާހާނާގަ އެވެ. ގައިމުވެސް ކުޑަކުއްޖަކު ފެންވަރުން އެތަނަށް ވަދެ މީހަކު އުޅޭނެ ހާލު ތަސައްވަރު ކޮށްލެވުނެވެ. ޔަގީނަށް ވެސް ދެ މައިންނަށް އެކީ ނުތިބެވޭނެ އެވެ. އެ ކޮޓަރީގެ ސައިޒާމެދު ބުނެވޭނީ އެކަކަށް އުޅެވިދާނެޔޭ އެވެ. އެކަމަކު ރަނގަޅު ސައިޒެއްގެ އެނދެއް ބަހައްޓާ އަލަމާރިއެއް ބަހައްޓައިފިނަމަ، ޖާގަ ދަތިވެ އުޅެން އުނދަގޫވާނެ އެވެ.

ހިޔާ ފްލެޓެއްގެ ކޮޓަރިއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެން ހުރި ކޮޓަރީގެ ހާލަތުވެސް ހުރީ މިގޮތަށެވެ. އެ ކޮޓަރި ކުޑަ ތަންކޮޅެއް ބޮޑެވެ. ޑަބަލް ސައިޒު އެނދަކާ އަލަމާރިއެއް ބެހެއްޓޭނެ އެވެ. މާގިނަ އިތުރު އެއްޗެއް ބަހައްޓަން އުޅެފިނަމަ ނަމާދުކޮށްލާނެ ޖާގައެއްވެސް ނުލިބޭނެ އެވެ. އެއީ މާސްޓާ ބެޑްރޫމް ގޮޅި އެވެ.

އެ ކޮޓަރިން ނިކުންނަ އިރު ހުރީ ބަދިގެ، ސިންކެވެ. އެ ސިންކުގައި އާންމުކޮށް މިގެންގުޅޭ ވަރު ތެއްޔެއް ދޮވެލަން ވަރަށް ދަތިވާނެ އެވެ. ސިންކު ބަހައްޓާފައި ހުރީ ކުޑަވަރެއްގެ އައްޓެއް މަތީ އެވެ. ބަދިގޭގައި އިތުރު އެއްޗެއް ނެތެވެ. ދެން ހުރީ އެއްކަލަ ކުޑަ ބެލްކަންޏެވެ. އޭރު އަހަރެމެންނާއެކު އެތަނުގައި ހުރި އެޗްޑީސީގެ މުވައްޒަފު ބުނީ ޑިޒައިން އޮތްގޮތުން ލޯންޑްރީގެ ކަންތައް ކުރިއަށްގެންދަން އޮތީ އެ ކުޑަ ބެލްކަނި ކޮޅުގައި ކަމަށެވެ. މެޝިނަށް ފެން ނެގުމަށް ބޭނުންކުރާނެ އިސްކުރެއް އެތަނުގައި ހަރުކޮށްފައި ހުއްޓެވެ. އެކަމަކު ވިސްނާ ވިސްނާ ވެސް އެތަނުގައި ބެހެއްޓޭނެ ސައިޒެއްގެ މެޝިނެއް ހިޔާލަކަށްނަ އެވެ. އެއްޗެހި ދޮންނަން މެޝިނަށް އަޅާ، އެ ނަގަން މީހާ އެތަނުގައި އުޅޭނެ ގޮތަކީ ވަރަށް ދަތި ގޮތެކެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރެމެންނަށް ދައްކާލި އެޕާޓްމެންޓު ހުރީ ފާރުގައި ޕްރައިމާ ލައިފަ އެވެ. ތަޅުން އަޅާފަ އެވެ. މުއްޓެއް ނެތެވެ. ކަރަންޓަށް ބޭނުންވާ ނަރު ދަމާފަައިވާއިރު ފަންކާއެއް ބޮތްކެއް ނެތެވެ. މި ހުރިހާ ކަމަކީ އެ ފްލެޓު ލިބޭ މީހާ އަމިއްލަ އަށް ފުރިހަމަ ކުރަން ހުރި ކަންތައްތަކެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލްް އަހުމަދު ވިދާޅުވީ ފްލެޓުތައް ހައްގުވެރިންނާ ހަވާލު ކުރުމަށްފަހު، ފިނިޝިން އަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށް އެ ފަރާތްތަކަށް މުއްދަތެއް ދޭނެ ކަމަށެވެ.

ހިޔާ ފްލެޓުގެ ބަދިގޭ ސިިންކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަޅުގަނޑުމެން އިންނާނެ ކޮންޓްރެކްޓަރާ އެކީ އެގްރިމެންޓެއްވެސް ހަދާފައި ފިނިޝިން މަސައްކަތް ކުރަން ލޯނު ހޯދަން ވެގެން. ނަމަވެސް އެ ލޯނު ރިއަލައިޒް ވާ ގޮތެއް ނުވޭ، އެހެންވެ އެކަމުގައި ގިނަ ދުވަސްވާތީ ސަރުކާރުން މިހާރު ނިންމެވީ އޮރިޖިނަލް ކޮންޓްރެކްޓުގައި އޮތްގޮތަށް މަސައްކަތް ނިންމާފައި ހަވާލު ކުރަން،" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އިއްޔެ ވިދާޅުވި އެވެ.

އެޗްޑީސީ އިން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު ހިޔާ ފްލެޓުތަކުގެ އެގްރީމެންޓު އެކުލަވާލާފައިވާ ގޮތުން އިންޓީރިއާގެ މަސައްކަތުގެ ގޮތުގައި ހިމެނޭ ބޮކި ފަންކާ ހަރުކޮށް ބަދިގޭ ކަބަޑު ސެޓް ބެހެއްޓުމާއި ކުލަލުން އަދި މުށި ޖެހުން ފަދަ މަސައްކަތް ކުރަން އެގްރިމެންޓުގައި އޮތީ ސަރުކާރުން ބޭނުންވެއްޖެ ނަމަ ވަކިން ފައިސާ ދައްކައިގެން ކުރާގޮތަށެވެ.

މީގެ އިތުރުން ފްލެޓްތަށް ބޭނުންވާ އަސާސީ ބައެއް ކަންކަން ކޭބަލް ޓީވީ ސިސްޓަމް، އިންޓަނެޓް، ވޭސްޓް ވޯޓާ ޑިސްޓްރބިއުޝަން ސިސްޓަމް، ސަބްސްޓޭޝަން މަސައްކަތްތައް އަދި ލޯންގް ޑިސްޓެންސް ޓްރާންސްމިޝަން ސިސްޓަމް އޮފް ވޯޓާ މީޓާ ޑޭޓާ ފަދަ މަސައްކަތްތަކަކީވެސް ކޮންޓްރެކްޓުގެ ބޭރުން ވަކިން ފައިސާ ދައްކައިގެން ކުރަން ހިމަނާފައިވާ މަސައްކަތްތަކެވެ.

ހިޔާ މަޝްރޫއުގެ މަސައްކަތަށް ޗައިނާގެ އެގްޒިމް ބޭންކުން ވަނީ 434 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. އެއީ އެވްރެޖުކޮށް ބަލާނަމަ ފްލެޓަކަށް 62،000 ޑޮލަރެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަދަދުގެ ބޭރުން، ފްލެޓުތަކުގެ ފިނިޝިން މަަސައްކަތް ކުރުމަށް އިތުރު 43 މިލިއަން ޑޮލަރު ހޯދުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރިނަމަވެސް ލޯނު ހަމަ ނުޖެހި، އެކަމަށް ވަގުތު ނަގާތީ މިހާރު ސަރުކާރުން ނިންމާފައިވަނީ ފްލެޓު ލިބޭ މީހުން އަމިއްލަ އަށްް ފިނިޝިންގެ މަސައްކަތް ކުރުމަށް ފްލެޓުތައް ދޫކޮށްލުމަށެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ފްލެޓުތަކުގެ ސައިޒަކީ އާންމުކޮށް މާލޭގައި ކުއްޔަށް ދޫކުރާ އެޕާޓްމެންޓުތަކާ ދާދި އެއް ސައިޒެވެ. ގައިމުވެސް މިހާރު އަހަރެން މިއުޅޭ އެޕާޓްމެންޓުގެ ކޮޓަރިއަކާ ސައިޒުން އެއްވަރެވެ. އެހެން ގާތް މީހުންނާ ވާހަކަ ދެއްކުމުން އެމީހުންގެ ޖަވާބަކަށްވެސް ވީ ސައިޒުން އެތަން ކުޑަ ނޫންކަމުގެ ވާހަކަ އެވެ.

ހުރިހާ ވެސް އުއްމީދަކީ ފްލެޓު ލިބޭ ބަޔަކަށް އަގުހެޔޮކޮށް އެތަންތަނުގައި އުޅެވެން ފެށުމެވެ. ގައިމުވެސް ފްލެޓުތަކުގައި ހަރުކޮށްފައި ހުރި ކުޑަދޮރުތަކާއެކު ޔަގީންވާ އެއް ކަމަކީ މިހާރު ގިނަ މީހުން އުޅޭ އެޕާޓުމެންޓުތަކުގައި ވައި ދައުރުވާނެ ގޮތެއް ވެސް ނެތް އިރު މި އަށް ވުރެ ބޮޑު ކުލީގައި މާ ހާލުގައި އުޅޭ ކަމެވެ. މިތަނުގައި އޮތް ރަނގަޅު ކަމަކީ، ހަމަ ގައިމު މި ތަނުގައި އުޅޭ މީހުންނަށް ކުޑަދޮރުން ބޭރު ބަލައިލާ ސާފު ވައި ލިބުމުގެ ނަސީބު އެބަ އޮތެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފްލެޓަކު 2000 އެއްހާ މީހުން، ތިން ލިފްޓް

ހިޔާ ފްލެޓުގެ އެތެރޭ ސްޓްރަކްޗާ އަށް ބަލާއިރު އެއް އެޕާޓްމެންޓާ އިންވެގެން އަނެއް އެޕާޓްމެންޓު، ހުރީ ވަރަށް ތޮއްޖެހޭ ގޮތަކަށެވެ. މަތީގައި ހުރެފައި އިމާރާތުގެ މެދުން ބަލާލާއިރު ސިފަކުރެވުނީ އެތައް ހާސް ބަޔަކު އެއްކޮށް އުޅެން ފަރުމާކޮށްފައި ހުރި ތަނެއްގެ ގޮތުގަ އެވެ.

އެޗްޑީސީ އިން ލަފާކުރާގޮތުން ހިޔާ އެޕާޓްމެންޓެއްގައި އެވްރެޖުކޮށް ފަސް މީހުން އުޅޭނެ އެވެ. އެތަންތަން ފަރުމާކޮށްފައި ހުރީ ދެ މަފިރި އަކާއި އެންމެ ގިނަވެގެން ދެ ދަރިންނަށް އުޅެވޭނެ ގޮތަށް އަމާޒު ކޮށްގެންނެވެ. ކޮންމެ ފަންގިފިލާ އަކު 20 އާއިލާ އުޅޭއިރު އެއީ އެވްރެޖުކޮށް ފަންގިފިލާ އަކު 100 މީހުންނެވެ. ޖުމްލަ 24 ފަންގިފިލާ މީހުން ދިރުއުޅުމަށް ހާއްސަ ކުރާއިރު އެއީ އެވްރެޖުކޮށް ޓަވަރަކު 2400 މީހުންނެވެ. ރާއްޖޭގައި އާންމުކޮށް މީހުން ދިރިއުޅޭ ރަށެއްގެ ވެސް އެވަރުގެ އާބާދީއެއް ނޯވެ ދާނެ އެވެ. އެއްތަނެެއްގައި އެތައް ހާސް ބަޔަކު މިގޮތަށް އުޅެން ވެއްޖެނަމަ އިޖުތިމާއީ އެތައް މައްސަލައެއް ނިކުންމެދާނެ އެވެ. މިހާރުވެސް ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ތަންތަނުގައި އުޅޭ ކުދިން އެކުވެގެން އެކި ކުށްތަކަށް އަރައިގަންނަ ވާހަކަ އެއީ އާ ވާހަކައެއް ނޫނެވެ.

ހިޔާ ފްލެޓުތަކުގައި ޖުމްލަ 38،400 އެއްހައި މީހުން އުޅޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ހިޔާ ފްލެޓުތަކަށް މީހުން ވަންނަ އިރު،ކުޑަ ސިޓީއަކާ އެއްވަރު ވާނެ އެވެ. ކޮންމެ އިމާރާތެއްގެ ތިރީ ފަންގިފިލާ އިން ފިހާރަތަކަށް ޖާގަ ދޫކުރާއިރު އެ އިމާރާތުގެ އެތެރެއިން ބޭނުންވާ ޒަރޫރީ ހުރިހާ ކަމެއް ހަމަޖެހޭނެ އެވެ.

އެކަމަކު އަނެއް ކޮޅުން ދިމާވާނެ މައްސަލައަކީ އިމާރާތުގެ ލިފްޓު ބޭނުންކުރަން އެތައް ބަޔަކު ތިބޭއިރު ތިން ލިފްޓުގެ ތެރެއިން އެންމެ ލިފްޓަކަށް މައްސަލައެއް ދިމާވިޔަސް، އެތައް ހާސް ބަޔަކަށް އެކަމުގެ ދަތި ކުރިމަތިވުމެވެ. އަދި ޓަވަރަކު 2،400 މީހުން އުޅޭނެ ކަމަށް ލަފާވާއިރު، ލިފްޓްތަކުން ފުދޭނެ ތޯ އެވެސް ސުވާލެކެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުލި މިހާރުގެ ކުއްޔަށް ވުރެ މާ ރަނގަޅު

ސަރުކާރުން މިހާރު އާންމުކޮށްފައިވާ ވާހަކަތަކަށް ބަލައިރު ހިޔާ ފްލެޓުގެ ކުލީގެ ގޮތުގައި ޖެހެނީ 11،000 ރުފިޔާ އެވެ. އެއީ ލޯނު އިންޓްރެސްޓާއެކު 20 އަހަރުން އަނބުރާ ދައްކާގޮތަށް ބަހާލުމުން ޖެހޭޭ އަދަދެވެ.

"ލޯނެެއް ނެގީމާ، އަނބުރާ ދައްކަން ޖެހޭނީ އިންޓްރެސްޓާއެކު، އަނބުރާ ދައްކާއިރު އަރާ އިންޓްރެސްޓަކާ އެކު އޭގެ އަގު ކަލްކިޔުލޭޓު ކުރެވޭނީ،" ހިޔާ ފްލެޓުތަކުގެ އަގާމެދު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ އަގު ކަނޑައަޅާއިރު، ކަލްކިޔުލޭޓު ކުރަންވާނީ ދައްކާއިރު އަރާ އަދަދު ކަމަށާއި އެހެން ކަމަށް ވަންޏާ ހިޔާ ފްލެޓުތަކުގެ އަގުގެ ގޮތުގައި މަހަކު 11000 ރުފިޔާ އަރާނެ ކަމަށެވެ. އެއީ 20 އަހަރަށް ބަހާލައިގެން ދައްކަންޖެހޭ އަދަދެވެ.

ފިނިޝިއަން އަށް ދާ ހަރަދު ނުހިމަނާވެސް މި އަދަދު މިއަށްވުރެ ކުޑަ ނުވާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ. ނަމަވެސް ކުލި ސަބްސިޑައިޒް ކޮށްދީގެން 11،000 އަށް ވުރެ ކުޑަ ކުއްޔެއްގައި މިތަންތަން ދޫކުރާނެ ކަމަށް ބެލެވެ އެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅާފައިވާ ސޯޝަލް ހައުސިން ފްލެޓުތަކުގެ މަހު ކުލި އުޅެނީ 6000 އާއި 8000 ރުފިޔާއާ ދެމެދު އެވެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓުތަކުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 17، 2017ގަ އެވެ. ދެ އަހަރު ނުވަތަ 730 ދުވަހުގެ ތެރޭ ނިންމާގޮތަށް ހަވާލު ކުރި މި މަސައްކަތް ކޮންޓްރެކްޓުގައިވާ ގޮތުން ނިންމަން ޖެހެނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހަށެވެ.

ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ވަނީ ލަސްވެފަ އެވެ. މިހާރު އެޗްޑީސީ އިން ބުނެފައިވާގޮތުން ފްލެޓުތަކުގެ ޖުމްލަ މަސައްކަތުގެ 90 ޕަސެންޓު ވަނީ ނިމިފަ އެވެ. މި އަހަރުގެ ފަހުކޮޅު އެތަންތަން ދޫކުރެވޭ ވަރުވާނެ ކަަމަށް އެ ކުންފުނިން ވަނީ ލަފާ ކޮށްފަ އެވެ.

ފްލެޓުތަކަށް މި އަގުގައި ވެސް އުޅެން ދާން ރައްޔިތުން ތިބީ ތައްޔާރަށެވެ. މި މާލޭގައި އެތައް ބަޔަކު ކުޑަ ކޮޓަރިއެއްގައި ތޮއްޖެހިގެން ޑިޔުޓީ ބަހައިގެން ނިދުމަކީ އާންމުކަމެކެވެ. ގައިމުވެސް ހިޔާ ފްލެޓެއް ލިބިގެން އެތަނަށް ދާން ފުރުސަތު ލިބިއްޖެ ނަމަ، އެ ފުރުސަތު ދޫކޮށް ނުުލާނެ އެތައް ބަޔަކު އެބަތިއްބެވެ. ގާތްގަނޑަކަށް 18،000 ރުފިޔާ ދީގެން ކުޑަ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައި ކުއްޔަށް އުޅުމަށްވުރެ މިވަރުގެ ބޮޑުމިނުގެ އަމިއްލަ ތަނެއްގައި އުޅެން ހިތަށް ފަސޭހަ ވާނެ އެވެ. ހިތް ހަމަ ޖެހުމަކީ، 11،000 ރުފިޔާ ކުއްޔަށް ދެއްކި ނަމަވެސް އެއީ ފަހަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވުމެވެ. އެކަމަކު އެވަރަށް މީހުން ތޮއްޖެއްސުމުން ދިގު މުއްދަތުގައި ދިމާވާނެ މައްސަލަތައް އެއީ ކަންބޮޑުވުމެކެވެ.

comment ކޮމެންޓް