ސެލްޓާ - ބާސާ މެޗު ފަށާނީ ރާއްޖޭގެ އިސްތިހާރަކުން

ބާސެލޯނާއާއި ސެލްޓާ ވީގޯ ބައްދަލު ކުރި މެޗެއްގެ ތެރެއިން --- ފޮޓޯ/ގެޓީ އިމޭޖެސް

މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ބާސެލޯނާއާއި ސެލްޓާ ވީގޯ ބައްދަލު ކުރާ މެޗުގެ ކުރިން ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތެއް ހިންގުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ރާއްޖެ އަންނަ ޓުއަރިސްޓުން އިތުރު ކުރުމަށް އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭރުގެ ގައުމުތަކުގައި ރާއްޖެ އިސްތިހާރު ކުރުމަށް "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން"ގެ ނަމުގައި ވަނީ ބޮޑު ކެމްޕެއިނެއް ވެސް ފަށައިފަ އެވެ.

އެއާ އެކު ސްޕެނިޝް ލީގުގައި ވާދަކުރާ ސެލްޓާ ވީގޯއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެކުލަބުގެ އެންމެ މަގްބޫލު ކުޅުންތެރިން ބޭނުންކޮށްގެން ވަނީ ރާއްޖޭއަށް އަނެއްކާ ވެސް އަވިގަދަ އިރަކަށް އަލިވިލޭނެ ކަމަށް ބުނެ މެސެޖުތަކެއް ދީފަ އެވެ.

އޭގެ ތެރޭގައި އެ ޓީމުގެ އެންމެ އަލިގަދަ ތަރި އިއާގޯ އަސްޕަސްއާއި، ބާސެލޯނާއިން ލޯނު އެއްބަސްވުމުގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ ރަފީނާ އަލަކަންޓްރާއާއި، ޑެނިސް ސުއަރޭޒްގެ އިތުރުން ފިޔޮޑޯރ ސްމޮލޮވް ވެސް ވަނީ ވީޑިއޯ މެދުވެރިކޮށް މެސެޖެއް ދީފަ އެވެ.

މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާއި ސެލްޓާ ވީގޯ ބައްދަލު ކުރާ މެޗުގެ ކުރިން ވެސް ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތަކެއް ހިންގުމަށް ފުރުސަތު ލިބިފައި ވުމާ އެކު އެކަން ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މިރޭ ވިދާޅުވެފަ އެވެ.

"މިއަންނަ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާއި ސެލްޓާ ވީގޯ ކުޅޭ މެޗު ފެށުމުގެ ކުރިން، (ކޮންމެ ލަ ލީގާ މެޗެއް ފެށުމުގެ ކުރިން ދަނޑުގެ ސެންޓަ ސާކަލްގައި އެ މެޗެއްގެ ކުރިން އޮންނަ އެޑްވަޓައިޒްމަންޓުގެ ފުރުސަތު) ކުރުމަށް ސެލްޓާއަށް ވަނީ ފުރުސަތު ލިބިފައި،" އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވިއެވެ.

"ސެލްޓާ ވީގޯއިން މިހާރު ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަަކައި، އަދި ރާއްޖޭގެ ބޯޑަރު ހުޅުވުމަށް ހާއްސަކޮށް އެދުވަހުގެ އެ މިލިއަންސް އޮފް ޓީވީ ޔޫޒާސްއާ އެކު މެޗު ފެށުމުގެ ކުރިން އެ އޮންނަ ވަގުތު ރާއްޖެއަށް ހާއްސަ ކޮށްދީފައި."

އަލީ ވަހީދު ވިދާޅުވީ، އެއީ ލިއޮނެލް މެސީއާއި ބާސެލޯނާގެ ވިއުވާޒްއަށް ބެލިޔަސް ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބަލާނެ މެޗެއް ކަމަށެވެ.

ރާއްޖެ އިން ސެލްޓަ ވީގޯއާއެކު ދެމެދު ސްޕޮންސާޝިޕް ހެދުމަށް އެއްބަސްވެފައި ވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރަށެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

comment ކޮމެންޓް