ޓޫރިޒަމް މިނިސްޓްރީގެ ތިޖޫރީތައް މިހާރު ބޭނުން ކުރަނީ ދުފާއެއްޗެހި ރައްކާކުރަން

މިނިސްޓަރު އަލީ ވަހީދު މިއަދުގެ ޕްރެސްކޮންފަރެންސްގައި -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް މިނިސްޓްރީއިން މިހާރު ފައިސާގެ މުއާމަލާތްތައް ނުހިންގާތީ ޓޫރިޒަމް މިނިސްޓްރީގެ ތިޖޫރިތަކުގެ ބޭނުމެއް ވެސް މިހާރު ނެތް ކަމަށާއި މިނިސްޓްރީގެ ދެ ތިޖޫރި ވެސް މިހާރު ބޭނުންކުރަނީ ދުފާއެއްޗެހި ރައްކާކުރަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ އެއްވެސް ފައިސާއެއް ޓޫރިޒަމް މިނިސްޓްރީއަށް ޖަމާކުރަން ބޭނުންނުވާ ކަމަށެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ޓޫރިޒަމް ފީތައް ކުރިއަށް އޮތްތަނުގައި ނަގަން ޖެހޭނީ މިނިސްޓްރީއިން ކަމަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމެއްގައި ބުނެފައިވުމުންނެވެ.

"މި ހުކުމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސާ ބަންޑާރަ ނައިބުގެ އޮފީހާ މީރާއާ ގުޅިގެން މިކަމަށް އެޑްރެސް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. އެ މިންވަރަށް މިވަގުތު ޖަވާބެއްގެ ގޮތުގައި ދަންނަވާނީ... އެހެން ނަމަވެސް އެހާ ކުރާ ހިތްވާ ކަމެއް ނޫން އެއްވެސް ފައިސާއެއް ޓޫރިޒަމް މިނިސްޓްރީއަށް ސަރުކާރުން ޖަމާކުރުމަކީ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފާއިތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ފައިސާއެއް މިނިސްޓްރީއަށް ޖަމާވެފައި ނުހުންނާނެ ކަމަށާއި ފައިސާގެ އެއްވެސް ތުހުމަތެއް ވެސް މިނިސްޓްރީއަށް ނޯންނާނެ ކަމަށެވެ.

ކުރިން ސީއެސްއާރު ހަރަކާތްތައް ހިންގުމާއި ރަށްތައް ދޫކުރުމުގައި އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރި ނަމަވެސް، މި ސަރުކާރުގައި މެންޑޭޓުތަކަށް ގެނައި ބަދަލުތަކާއެކު އެކަން ހުއްޓާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައިގަނޑު އެއް މެންޑޭޓަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބޭރު ދުނިޔޭގައި ރާއްޖެ މާކެޓު ކުރުމެވެ. އަދި ފަޅު ރަށްތައް ކުއްޔަށް ދޫކުރުމަކީ އެ ކޯޕަރޭޝަނުގެ މޭންޑޭޓުގައި ހިމެނޭ ކަމެއް ނޫނެވެ.

"އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ފައިސާއެއް ޖަމާކުރަން ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންގެ އަތުގައި އެބައިން ދެ ތިޖޫރީ. އޭގައި މިހާރު އަޅުގަނޑަށް އެނގިގެން ހުރީ ދުފާއެއްޗެހި. އެއްވެސް ކަހަލަ ފައިސާއެއް ޓޫރިޒަމް މިނިސްޓްރީގައި ނުހުންނާނެ އަދި އަޅުގަނޑު މިނިސްޓަރު ކަމުގައި ހުއްޓާ އެކަހަލަ އެއްޗެއް [ފައިސާ] ވަނަ ނުދޭން އަޅުގަނޑުގެ ވިސްނުމުގައި މިހިރީ." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް