ފަރުވާ ކުޑަކޮށް ނުލާ، ކޮވިޑް-19ގެ ނުރައްކާ ފިލާ ނުދޭ

މާލޭގެ އެތައް ހާސް ކުދިކުދި ކޮށިތަކުގެ ތެރޭގައި ތާށިވެފައި ތިބި މީހުންނަށް ދެ މަސް ފަހުން ރަށުތެރެއަށް ނުކުމެ، އުޅެލާނެ ފުރުސަތު ލިބުނީ މި މަހުގެ 15 ވަނަ ދުވަހު ވަކި ގަޑިތަކަކަށް މާލެ ހުޅުވާލުމުންނެވެ. މިއީ ގޮތް ހުސްވެ ބިއްޖެހިފައި ތިބި އެތައް ބަޔަކަށް ހަމަ ނޭވާއެއްލާ އަލުން އާންމުދަނީ ހޯދުމުގެ މަސައްކަތައިގެން ކުރިއަށްދާން ލިބުނު ފުރުސަތެކެވެ.

މާލެ ހުޅުވާލުމުން އެތައް ދުވަސްތަކެއް ވަންދެން ފަޅުވެފައި އޮތް މާލޭގެ މަގުތަކަށް ދިރުމެއް ލިބިއްޖެ އެވެ. އެއީ ހިތްގައިމު މަންޒަރު ތަކެކެވެ.

ފުރަތަމަ ދުވަހު އިރު އަރާ މަންޒަރު ބަލާލަން އެއް ބަޔަކު ބޮޑު ފަތިހާ ދެތުވެ މާލޭގެ އިރުމައްޗަށް ދިޔަ އިރު އަނެއް ބަޔަކު އުޅުނީ ދުވެ ކަސްރަތު ކުރުމުގަ އެވެ. ރާޅާ އަޅާ މީހުން އެކަމުގައި އުޅުނު މަންޒަރު ފެނުނެވެ. ކުޑަކުދިން ހަވީރުގެ ފިނީގައި ދުވެ މަޖާކޮށް އުޅުނު މަންޒަރު ފެނުނެވެ.

މި ހިތްގައިމު މަންޒަރުތަކާއެކު އެކީހެން، ފެންނަމުން ދަނީ ދެކެން ބޭނުން ނުވާ މަންޒަރު ތަކެކެވެ. މާލެ އަލުން ހުޅުވާލުމާއެކު ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނުކުންނަ މީހުން ގިނަވެއްޖެ އެވެ. ޓްރެފިކް ބޯވެ މަގުތައް އަނެއްކާވެސް ފުރި ބާރުވެއްޖެ އެވެ. ގައިދުރުކަން ބެހެއްޓުމުގައި ފަރުވާކުޑަވާކަން ފާހަގަކުރެވޭއިރު، މަގުމަތީގައި މާސްކު ނާޅަައި އުޅޭ މީހުން ފެންނަލެއް ގިނަވެއްޖެ އެވެ.

ހިތައް އަރަނީ، މި ލުއިތަކާއެޖު ސިއްހީ މާހިރުން ދިން އިރުޝާދުތަކާއި އިންޒާރު ހަނދާނުގައި އެބަ ހުރިބާވެ އެވެ؟

މާލެ ހުޅުވާލުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޝައިނާ އަބްދުﷲ ވިދާޅުވީ، މި ލުއިތަކަކީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭރަށް ނުކުމެ އުޅެން ދިން ލުއިތަކެއް ކަމަށެވެ. އަދިވެސް، ވައިރަސްގެ ނުރައްކާ އޮތްކަން އޭނާ އެ ދުވަހު ހަނދާންކޮށްދެއްވި އެވެ.

"އާންމުކޮށް، ހުޅުވާލެވިގެން އުސޫލެއްގެ ދަށުން ހުއްދަ ނުލާ ބޭރުގައި އުޅެން ހުއްދަ އޮތަސް އަޅުގަނޑުމެންގެ އެދުމަކީ ޒަރޫރީ ބޭނުންތައް ފިޔަވައި ބޭރު ތެރޭގައި އުޅޭ އުޅުން މަދު ކުރައްވާށޭ،" ޝައިނާ ވިދާޅުވި އެވެ.

"ލުއިތަކެއް ލިބިގެން 15 ވަނަ ދުވަހު ހުޅުވިގެންދާއިރުގަ ވިސްނަވައްޗޭ އަދިވެސް ހަމަ ވައިރަސް އެބަ އުޅޭކަން،"

މިއީ އާއިލާ އަދި ރަހުމަތްތެރީންގެ ގޭގެއަށް ގޮސް ހަދަންވީ ވަގުތެއް ނޫނެވެ. ޝައިނާވެސް ވިދާޅުވީ އެހެންނެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ. ގޭގައަށް ދާން ފަށައިފި ނަމަ އެއީ އެ މީހުން ނުރައްކަލަށް ހުށަހެޅުމެވެ.

"އެއްވެ އުޅުމާއި، ހަފްލާ ބޭއްވުމާއި، އާއިލާގެ ވަރަށް ގިނަ ބޭފުޅުންނަށް ވަރަށް ގިނަ ދުވަސްވެދާނެ ބައްދަލު ނުވާތާ ފިޒިކަލީ. އެހެން ނަމަވެސް، މިއީއެއް ނޫނޭ އެ ފުރުސަތަކީ އާއިލާ މީހުން ބައްދަލުވެ ޕާޓީ ބާއްވައި، ދިމާވެ، އިޖްތިމާއީ ގޮތުން ގައިދުރުކަން ނުބެހެއްޓޭނެ ފަދަ ހާލަތްތަކުގައި ބައްދަލުވާން،" ޝައިނާ ވިދާޅުވި އެވެ.

މިއީ ކަމެއް ނެތިގެން ފިނިބުރު ޖަހަން ނުކުމެ އުޅެންވީ ވަގުތެއްވެސް ނޫނެވެ. ފުރަބަންދަށް ލިބުނީ ލުއިތަކެކެވެ. ހަނދާނުގައި ބަހައްޓަންވީ، މިއީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދިން ފަސޭހަތަކެއްކަމެވެ. މާލެ ހުޅުވާލުމުގެ ކުރިން މިކަން ނުނިމޭކަންވެސް ޑރ. ނަޒްލާ ހަނދާންކޮށްދެއްވި އެވެ.

"ވަރަށް ގިނަ ބޭފުޅުންނަށް އެބަ ހީވޭ، ފުރަބަންދު 15 ޖޫންއިން ފެށިގެން އުވާލީއޭ. އެއްގޮތަކަށްވެސް އެހެންނެއް ނޫން. ފުރަބަންދަށް އިތުރު ލުއިތަކެއް އަޅުގަނޑުމެން 15 ޖޫންއިން ފެށިގެން ދެނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މި ލުއިތަކާ ގުޅިގެން ޕޮޒިޓިވް ކޭސްތައް އިތުރުވާނެކަމަށް ޑޮކްޓަރުން ލަފާ ކުރެ އެވެ. އެކަން އަދި ފެންނާނީ ހަފްތާތަކަކަށް ފަހު އެވެ. އެހެންވެ، ތިމާއަކީ ބޭރަށް ނުކުމެ ބަލި ހިފައިގެން ގެއަށް ދާ މީހަކަށް ނުވާން ސަމާލުވާށެވެ. ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށް، ތިމާ އާއި ތިމާގެ ވަށައިގެން ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން އުޅުމަކީ ބައްޔަށް މިވަގުތު އޮތް ފަރުވާ އެވެ.

"މި ކަންކަމަށް ސަމާލުކަން ދޭއްވަންވީ ފުލުހުންގެ ފަރާތުން ބޭފުޅަކު ބަލަހައްޓައިގެން ހުންނާނެތީ ނޫނީ ފުލުހުން ފިޔަވަޅު އަޅުއްވާނެތީއެއް ނޫނޭ. އެއީ އަޅުގަނޑުމެންގެ އަމިއްލަ ރައްކާތެރިކަމަށާއި އާއިލާގެ ރައްކާތެރިކަމަށް އަދި ގައުމުގެ އެންމެންގެވެސް ރައްކާތެރި ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމުން ހުރިހާ ބޭފުޅުންވެސް މި ކަންކަމަށް ސަމާލުކަން ދެއްވާނެ ކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދު ކުރަން،" ޑރ. ނަޒްލާ ވިދާޅުވެފައިވެ އެވެ.

މިއަދު ކަންކަން މާ ފަސޭހަކޮށްލެވިއްޖެ ނަމަ މާދަމާ އެންމެން އުފުލަންޖެހޭ ބުރަ ބޮޑުވެދާނެ އެވެ. ކޮވިޑް-19 ފެރުތިގަތުމުގެ ނުރައްކާ އަދިވެސް އެބަ އޮތެވެ. ފަރުދީ ޒިންމާ އަދާނުކޮށްފި ނަމަ، ފުރާނަތައް އިތުރަށް ނުރައްކަލަށް ހުށަހެޅިގެންދާނެ އެވެ. އެއާއެކު އަނެއްކާ ވެސް ގޭ ބަންދަށް ދާން ޖެހިދާނެ އެވެ.

ޑރ. ނަޒްލާވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ، އަނެއްކާވެސް ކޭސްތައް އިތުރުވެއްޖެ ނަމަ ބަލ ކޮންޓްރޯލު ކުރަން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމަށެވެ. މިކަމުންވެސް އެނގެނީ ކޮވިޑް-19ގެ ނުރައްކާ ނެތިގެން ނުދާ ކަމެވެ. ހުށިޔާރުވެ ސަމާލުވެ ތިއްބަވާށެވެ. ކޮވިޑް-19ގެ ނުރައްކާ ފިލާދާން އަދި ގާތްވެސް ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް