ފަތުރުވެރިކަމުގައި ދިވެހީންގެ ނިސްބަތް 51 ޕަސެންޓަށް އިތުރުކުރަނީ

ރާއްޖޭގެ ރިސޯޓެއް -- ސަން ފޮޓޯ/ ފަޔާޒު މޯލްޑިވްސް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމާއެކު އެ ސިނާއަތުގައި މަސަކަތްކުރާ ބިދޭސީ ފަރާތްތަކަށްވުރެ ދިވެހިންގެ އަދަދު ގިނަ ކުރުމަށް މަސައްކަތް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަން ޖުލައި 15 ވަނަ ދުވަހު އަލުން ފެށުމާއެކު ރާއްޖޭގެ އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މިކަމަށްޓަކައިި މިނިސްޓްރީއާއި މަޓީ އަދި އިތުރު ކޮންސަލްޓެންސީ ކުންފުންޏަކާ އެކު މަޝްވަރާ ކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މިހާރު ރާއްޖޭގައި މިއޮތީ 2012 ވަނަ އަހަރު ނެރުއްވި ސާކިއުލާއެއް، އެއީ ދިވެހިން 45 އިންސައްތަ، ބޭރު މީހުން 55 އިންސައްތަ. އަޅުގަނޑުމެންގެ އަމާޒަކީ މި ސާކިއުލާ އަލުން އާ ކުރުން. އިސްލާހުތަކާއެކު."

"އާ ވެެގެންދާއިރު، އަޅުގަނޑުމެންގެ އަމާޒެއްގެ ގޮތުގައި މިހިރީ އެންމެ ފުރަތަމަ ދިވެހީންގެ ނިސްބަތް 51 އިންސައްތައިން މައްޗަށް މެޖޯރިޓިއަށް ވާސިލުވުން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މި އަންނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހަށް މިކަން ހާސިލުކުރެވޭނެކަމަށް މިނިސްޓަރު ވަނީ ލަފާކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ކޮވިޑް-19ގެ ހާލަތު އައުމުގެ ކުރިން މިކަން ހާސިލުކުރެވެން އޮތީ 5،000 އެއްހާ ދިވެހިން ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުކޮށްގެންނެވެ.

"އޭގެ އިތުރުން އަޅުގަނޑުމެންނަށް ދެން އޮތް އަމާޒަކ،ީ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ނިންމާނެ ޓޫރިޒަމް މާސްޓާޕްލޭނަށް. އަދި ރިސާޗްތަކުގެ މައްޗަށް ބަލައި މި ދެންނެވި އިންސައްތައަށްވުރެވެސް މައްޗަށް. 55 އިންސައްތައަށް ނުވަތަ އެއަށްވުރެވެސް މައްޗަށް ގެންދިޔުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ފަންސާސް އެއް ޕަސެންޓަށް ދިވެހީންގެ އަދަދު ގިނަވެގެންދާއިރު ގާތްގަނޑަކަށް 9،000 އެއްހާ ދިވެހިން މި ދާއިރާގައި މަސައްކަތްކުރާނެކަމަށް މިނިސްޓަރު އަލީ ވަހީދު ވަނީ ލަފާކުރައްވައިފައެވެ.

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިން އިތުރު ކުރުމުގެ މަސައްކަތް ކުރެވިގެންދަނީ ފޭސްތަކެއްގެ ތެރެއިންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމުގެ ތެރެއިން ހަމައެކަނި ދިވެހިންގެ ނަންބަރުތައް އިތުރުކުރުމެއް ނޫން. ދިވެހިންނަށް މަތީ މަގާމުތަކަށް ގެނެވޭނެ އުސޫލުތަކާއި، ދިވެހިން މި ދާއިރާއަށް ތަމްރީނުކުރުމުގެ އިންޑަސްޓްރީއާއި ސަރުކާރާއި ގުޅިގެން ކުރެވޭނެ މަޝްވަރާތައް މި ދަނީ އެހެން މިނިސްޓްރީތަކާއި އެކުގައިވެސް ކުރެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ކޮވިޑް-19 އާ އެކު ކުރިމަތިވި އިގްތިސާދީ ދަތިކަމުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް ބައެއްގެ ވަޒީފާއަށް ވަނީ އަސަރުކޮށްފައެވެ. މީގެ ތެރޭގައި ވަޒީފާ ގެއްލުނު، މުސާރަ ކުޑަކޮށް ނުވަތަ ނޯ ޕޭއަށް ފޮނުވުނު އެތައް ސަތޭކަ މަސައްކަތްތެރިންނެއް ހިމެނެއެވެ.

މިފަހުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީންނަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރަމުންދާކަމުގެ އަދުތަކެއްވެސް ފެތުރިފައެވެ.

މިފަހުން ޔޫއެންޑީޕީ އިން ކުރިޔަށް ގެންދިޔަ ރެޕިޑް ލައިވްލިހުޑްގެ ދިރާސާއަކުން ހާމަވި ގޮތުގައި ރިސޯޓްތަކުގައި މަސައްކަތް ކުރާ 45،000 އެއްހާ މީހެއްގެ ވަޒީފާއަށް ވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފަ އެވެ. މީގެ ތެރޭގައި 22،000 އަށް ވުރެ ގިނަ ދިވެހިން ހިމެނެ އެވެ.

މިރޭގެ ނޫސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަލުން ރާއްޖޭގައި ފަތުރުވެރިކަން ފެށިގެންދިޔުމަކީ އުންމީދުން ފުރިގެންވާ ފެށުމެއްކަމަށެވެ.

ފަތުރުވެރިކަން އަލުން ހުޅުވާލާ ތާރީޙެއް އިއުލާންކުރުމުގެ ކުރިން 41 ރިސޯޓެއް އަލުން ހުޅުވުމަށް މިނިސްޓްރީއާއި މަޝްވަރާކޮށްފައިވާއިރު އިތުރު 31 ރިސޯޓެއް ޖުލައި 15ގައި ރާއްޖެ ހުޅުވުމަށް އިއުލާންކުރުމާއިއެކު މަޝްވަރާތައް ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

https://sun.mv/138374

comment ކޮމެންޓް