11 އެއާލައިނަކުން ރާއްޖެ އަންނަން ވަނީ އެއްބަސްވެފައި: މިނިސްޓަރު އަލީ

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތާރީހު އިއުލާނު ކުރުމުގެ ކުރިން 11 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރަން ސްލޮޓް ނަގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ ބޯޑަރު ހުޅުވާލުމާއެކު ދަތުރުތައް ޝެޑިއުލް ކުރަން، ކުރިން ރާއްޖެއަށް ދަތުރުކުރި ގިނަ އެއާލައިންތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އޭގެ ތެރެއިން ގިނަ އެއާލައިންތައް ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ޝެޑިއުލް ކުރާނެ. ބާކީ ހުރި އެއާލައިންތައް ވެސް އޮގަސްޓް މަހުގެ ތެރޭގައި ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އަލީ މިރޭ ވިދާޅުވީ އެ ދުވަހަށް މިހާރު ވެސް ތިން ފްލައިޓް ސްލޮޓެއް ބުކްކޮށްފައިވާ ކަމަށެވެ. އަދި ފުރަތަމަ ފްލައިޓް އެ ދުވަހުގެ ހެނދުނު އަންނާނެ ކަމަށް މިނިސްޓަރު ލަފާކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު އަލީ ވިދާޅުވީ އެއާޕޯޓު އަދި އެއާޕޯޓާ ގުޅުން ހުރި ހުރިހާ ފަރާތްތަކެއް ވެސް އޮތީ ދަތުރުތައް ފަށަން ތައްޔާރަށް ކަމަށެވެ.

"ކޮންމެ 20 މިނެޓަކުން ފްލައިޓް ޖައްސާ، ފްލައިޓް ކްލިއަރެންސް ހެދޭ ވަރަށް ނިއު ނޯމަލްގައި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްއިން ވަނީ ދެއްވާފައި." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

comment ކޮމެންޓް