ސުޝާންތު އާ ގުޅޭގޮތުން ދެވަނަ ފިލްމެއް!

ޒުވާން އެކްޓަރު ސުޝާންތު---

މި މަހު 14 ވަނަ ދުވަހު މަރުވި ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުއާ ގުޅޭގޮތުން ދެވަނަ ފިލްމެއް ހަދަން ނިންމައި އެ ފިލްމު ނަން އިއުލާންކޮށްފިއެވެ.

ބޮލީވުޑްގެ ޑައިރެކްޓަރު ސަނޯޖް މިޝްރާ މި ފިލްމު ގެނެސްދޭއިރު މި ފިލްމަށް ދިން ނަމަކީ "ސުޝާންތު"އެވެ. ސަނޯޖް ބުނީ މި ފިލްމަކީ ސުޝާންތުގެ ބަޔޮޕިކް އެއް ނޫންކަމަށާއި މި ފިލްމަކީ ބޮޑެތު ހުވަފެންތަކަކާއެކު މުމްބާއީއަށް އެ ހުވަފެންތައް ކާމިޔާބުކުރަން އަންނަ ޒުވާނަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބިނާކުރާ ފިލްމެއް ކަމަށެވެ. މި ފިލްމު ޕްރޮޑިއުސްކުރާނީ ރޯޑް ޕްރޮޑަކްޝަންސް އާއި ސަނޯޖް މިޝްރާ ފިލްމްސް ގުޅިގެންނެވެ. މި ފިލްމު ޝޫޓްކުރާނީ މުމްބާއީގެ އިތުރުން ސުޝާންތު އުޅެބޮޑުވި ބިހާރު ސްޓޭޓްގެ ޕަޓްނާގައެވެ.

ސަނޯޖް މިޝްރާ ސުޝާންތު އާ ގުޅޭގޮތުން ފިލްމެއް ހަދަން ނިންމިއިރު ޕްރޮޑިއުސަރު ވިޖޭ ޝޭކަރް ގުޕްތާ ވަނީ ސުޝާންތުގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާނެ ކަމަށް އިއުލާންކޮށްފައެވެ. މި ފިލްމަށް ދީފައިވާ ނަމަކީ ""ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް"އެވެ.

މި ދެ ފިލްމުގެ އިތުރުން ސުޝާންތުގެ ގާތް އެކުވެރިޔާ ޕްރޮޑިއުސަރު ސަންދީޕް ސިންހް ވަނީ އޭނާގެ ހަނދާނުގައި ފިލްމެއް ގެނެސްދޭން ނިންމާފައެވެ. އެއީ ސުޝާންތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައެވެ. "ވަންދޭ ބާރަތަމް"ގެ ނަމުން ނަންދީފައިވާ އެ ފިލްމުގެ ލީޑު ބައި ކުޅެން ހަމަޖެހުނީ ސުޝާންތުއެވެ. ނަމަވެސް އޭނާ ނެތުމުން ސަންދީޕް ނިންމީ ސުޝާންތު އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި އެ ފިލްމު އުފައްދާށެވެ.

comment ކޮމެންޓް