ތަށިމުށި ނުޖަހާ ފްލެޓް ދިނުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް، އިހުތިޖާޖަށް ނުކުންނަން ވެއްޖެ: މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރި ފުލެޓްތައް އެއްކޮށް ނުނިންމައި ރައްޔިތުންނަށް ދޭން ނިންމުމަކީ މި ސަރުކާރުން ރައްޔިތުންނަށް ކުރި މަލާމާތެއް ކަމަށާއި ފުލެޓް ލިބުނު އެންމެން އިހުތިޖާޖަށް ނުކުންނަ ހިސާބަބަށް ކަންކަން ގޮސްފި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ސަރުކާރުން ބުނެފައިވަނީ، ކުރީ ސަރުކާރުން މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވަނީ އެތަނުގެ ދޮރުފަތްތަކާއި ތަށިމުށި ޖެހުން ފަދަ މަސައްކަތްތައް ނުހިމެނޭ ގޮތަކަށެވެ. ކުރިން އެ މަސައްކަތް ކުރުމަށް ލޯނު ނަގާނެ ކަމަށް ސަރުކާރުން ނިންމި ނަމަވެސް، އިއްޔެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ، ފުލެޓްތައް ރައްޔިތުންނާ ހަވާލުކުރާއިރު، އެތަނުގެ ތަށި މުށި އަދި ދޮރުފަތްވެސް ނުހުންނާނެ ކަމަށެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި މިއަދު ޕީޕީއެމް، ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސް ސޯލިހްގެ އެވާހަކަތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކަމަށެވެ. އަދި ހިޔާ މަޝްރޫއުގެ ފްލެޓްތަކަކީ، ފިނިޝިންގެ މަސައްކަތްތަކާއެކު ފައިސާވެސް ހަމަޖެހިފައިވާ މަޝްރޫއުއެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައިސް ފުރަތަމަ ދެއްކި ވާހަކަ އަކީ، 7،000 ހައުސިން ޔުނިޓުގެ ސައިިޒު ކުޑަވެގެން އެތަނުގެ ސައިޒު ބޮޑު ކުރާ ވާހަކަ ކަމަށާއި އެއަށް ގޮތެއް ނުންނިމާ ހަ މަސް ބޭކާރުކޮށްލި ކަމަށެވެ.

"އޭރުވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެއީ ކުރެވޭނެވަރުގެ ކަމެއް ނޫންކަން. އަމަލީގޮތުން ހުރި ސްޓްރަކްޗާތައް ނިމިފައިކަން. ދުވަސްތައް ބޭކާރުކޮށްލުމަށްފަހު، މިހާރު ރައީސުލްޖުމްހޫރިއްޔާ ވިދާޅުމިވަނީ، ރައްޔިތުންނަށް ފުލެޓް ދޭނީ، ދޮރުތައްވެސް ހަރުނުކޮށް، ޓައިލްވެސް ނުހާކަމަށް. މިއީ ކޮންފަދަ މަލާމާތެއްތޯ ރައްޔިތުންނަށް މި ކުރެވެނީ. މިފަދަ ޖެއްސުމެއް ރައްޔިތުންނަށް ކުރަން ހެޔޮވެސް ނުވާނެ،" ރައީސް ސޯލިހަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވިއެވެ.

މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ

މުއިއްޒު ވިދާޅުވީ، ވެރިކަން ބަދަލުވިއިރު، ފުލެޓުތައް މުޅިންއެއްކޮށް ނިންމާލުމަށް ފައިސާވެސް އޭރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ބާރު ސްޕީޑްގައި މަސައްކަތް ކުރި ނަމަ، މިދިޔަ އަހަރުގެ ޖުލައި މަހަށް މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފިނިޝިން ކޮސްޓަށް ގާތްގަނޑަކަށް 41 މިލިއަން ހަރަދުވާނެ. އެ ފައިސާވެސް އެޗްޑީސީން ހަމަޖެހިފައި ވަނީ. ހުއްޓުމެއްނެތި މަސައްކަތް ބާރު ސްޕީޑްގައި ދިޔަ ނަމަ މިދިޔަ އަހަރު ޖުލައި އަށް ނިމޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން ބުނަމުން ދަނީ 20 އަހަރަށް ބަލައިގެން ފުލެޓްތަކުގެ އަގު 11،000 ރުފިޔާއަށް އަރާ ކަމަށެެވެ. އެ ވާހަަކަތަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ، ހިނގާ ހުރިހާ ހަރަދަކާއި އިންޓްރެސްޓް ލާފައިވެސް ފައިދާއާއެކު 5،600 އަށް ފުލެޓްތައް ދެވޭނެ ކަމަށެވެ.

"ފައިނޭސް ކޮސްޓާއި ފިނިޝިން ކޮސްޓާއި އިންޓްރެސްޓާއެކު 20 އަހަރަށް ބަހާލައިގެން ރައްޔިތުންގެ އަތުން މަހަކު 5،600 ރުފިޔާއަށް ނެގިޔަސް އެޗްޑީސީއަށް ފައިދޭވޭ. އެކަން ރަސްމީކޮށް ރައީސް ޔާމީންގެ ސަރުކާރުގައި އޮތީ ނިންމާފައި،" ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

އެ ހިސާބުތައް ވެރިކަން ބައްދަލުވި އިރުވެސް ރައީސް އޮފީހާއި ހައުސިން މިނިސްޓްރީގައި ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވއިެވެ.

ރައީސް ސޯލިހް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވަހަކައަކީ އެ ފުލެޓްތަކަކީ، ރައްޔިތުން އުޅެން ހެޔޮވާވަރު ތަންތަން ނޫން ކަމަށާއި އެތަންނުގެ ޖާގަ ވަރަށް ކުޑަ ކަމަށެވެ. އެ ވާހަކައަށް ވެސް މުއިޒު ރައްދު ދެއްވިއެވެ.

މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ސޯޝަލް ހައުސިންގެ ދަށުން ހަދާފައިވާ އެއްވެސް ފުލެޓްތަކަކީ، ސައިޒު ކުޑަ ވެގެން ތޮއްޖެހޭ ގޮތަށް ހަދާފައިވާ ތަންތަނެއް ނޫން ކަމަށެވެ. އަދި އެ ފުލެޓްތަކުގެ ޖާގައަކީ ހުޅުމާލެ ފޭސް އެކެއްގައިވެސް ހަދާފައިވާ ފުލެޓްތަކުގައި ހުރި ޖާގަކަމަށް މުއިއްޒު ވިދާޅުވިއވެެ.

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް: ސަރުކާރުން ބުނަނީ އެތްނަނަކީ ރައްޔިތުން އުޅެން ހެޔޮ ނުވާވަރު ކުޑަ ތަންތަން ކަަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުއިއްޒު ވިދާޅުވީ، ފުލެޓްތައް ނުނިންމާ ލަސް ކުރުމަކީ އެ ފުލެޓުތަކުގައި ދިރިއުޅޭނެ 30،000 އެއްހާ ރައްޔިތުންނަށް ސަރުކާރުން ދޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އަދި އެ ރައްޔިތުން އިހުތިޖާޖަށް ނުކުތުމަށް މުއިއްޒު ގޮވާލެއްވިއެވެ.

"ހަގީގަތުގައި މި ކަންކަން ގޮސްފައިވާ ހިސާބަކީ ފުލެޓް ލިބުނު އެންމެން އިހުތިޖާޖަށް ނުކުރަންން ޖެހިފައިވާ ހިސާބަށް ވަނީ ގޮސްފައި. އަޅުގަނޑުމެން އެބަ ޖެހޭ ނުކުންނަން. ނުކުމެ ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވަން ޖެހޭ،" މުއިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 20 އަހަރަށް ބަހާލައިގެން 11،000 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 434 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ. އެއީ ފްލެޓަކަށް އެވްރެޖުކޮށް 62،000 ޑޮލަރެވެ. ނަމަވެސް މިއީ ފްލެޓުތަކުގައި ކުރަންޖެހޭ ފިނިޝިންގެ މަސައްކަތްތަކާއި އިންޓީރިއާގެ މަސައްކަތްތައް ނުލައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތަކަށް އިތުރު 42 މިިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް މިހާރު ނިންމާފައިވަނީ 42 މިލިއަން ޑޮލަރު ހަރަދުނުކޮށް، ފިނިޝިން މަސައްކަތް ނުކޮށް ރައްޔިތުންނާ ފުލެޓް ހަވާލު ކުރުމަށެވެ. އެގޮތުން، މުށި ޖެހުމާއި ދޮރު ހަރުކޮށް، ބޮކި، ފަންކާ ހަރުކުރުމާއި ކުލަލުން ފަދަ ކަންތައް ކުރަންޖެހޭނީ ފްލެޓު ލިބޭ ފަރާތުންނެވެ.

https://sun.mv/138994

comment ކޮމެންޓް